ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންވީރު ސިންގްގެ ފަހުގެ ފިލްމު "ދުރަންދަރު 2: ދަ ރިވެންޖް" އިން ދުނިޔޭގެ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދައި، މި އަހަރުގެ މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ދުނިޔޭގެ 10 ފިލްމުގެ ލިސްޓުގައި ހިމެނިއްޖެ އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، އެ ފިލްމު ރިލީޒްކުރިތާ ތިން ހަފުތާ ތެރޭގައި ދުނިޔޭގެ ބޮކްސް އޮފީހުގައި 178 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 1,656 ކްރޯޑް ރުޕީސް) ވަނީ ހޯދައިފަ އެވެ.

އިންޑިއާގެ އެތެރޭގެ މާކެޓުން އެކަނި ވެސް އެ ފިލްމަށް ވަނީ 1,246 ކްރޯޑް ރުޕީސް (135.5 މިލިއަން ޑޮލަރު) ލިބިފަ އެވެ. މިއީ ހިންދީ ފިލްމަކަށް އިންޑިއާގައި ލިބުނު ރެކޯޑް އަދަދެކެވެ.

އެ ފިލްމުން ވަނީ ހޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ކްރިސް ހެމްސްވޯތްގެ "ކްރައިމް 101" (72 މިލިއަން ޑޮލަރު) އާއި ޒެންޑާޔާގެ "ދަ ޑްރާމާ" (26 މިލިއަން ޑޮލަރު) އަށް ވުރެ ވެސް ބޮޑު އާމްދަނީއެއް ހޯދައިފަ އެވެ.

މި ކާމިޔާބީއާ އެކު، "ދުރަންދަރު 2" ވެފައި ވަނީ މި އަހަރުގެ މިހާތަނަށް ދުނިޔޭގެ އެންމެ ކާމިޔާބު 10 ފިލްމުގެ ލިސްޓުގައި ހިމެނުނު އިންޑިއާގެ ފުރަތަމަ ފިލްމަށެވެ. އެ ލިސްޓުގެ ކުރީގައި އުޅެނީ "ޕެގަސަސް 3" އާއި "ޕްރޮޖެކްޓް ހެއިލް މޭރީ" އަދި "ދަ ސުޕަ މާރިއޯ ގެލެކްސީ މޫވީ" އެވެ.

އުތުރު އެމެރިކާގެ މާކެޓުގައި "ބާހޫބަލީ 2"ގެ ރެކޯޑް މުގުރާލައި، އެ ސަރަހައްދުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި އިންޑިއާ ފިލްމުގެ ޝަރަފު ވެސް "ދުރަންދަރު 2" ވަނީ ހޯދައިފަ އެވެ. އެމެރިކާ އަދި ކެނެޑާއިން އެކަނިވެސް އެ ފިލްމަށް 26 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ.

އަދިތުޔަ ދާރު ޑައިރެކްޓްކޮށްފައިވާ މި ސްޕައި ތުރިލާ ފިލްމަކީ މިދިޔަ އަހަރު ނިކުތް "ދުރަންދަރު"ގެ ދެވަނަ ބައެވެ. މި ފިލްމުގައި ރަންވީރު ސިންގްގެ އިތުރުން ސަންޖޭ ދަތު، އަކްޝޭ ކަންނާ، އަރުޖުން ރާމްޕާލް، ސާރާ އަރްޖުން އަދި އާރު މާދަވަން މުހިންމު ރޯލުތައް ކުޅެފައިވެ އެވެ.