ތެލުގޫ ސުޕަސްޓާރު އައްލޫ އަރްޖުން އާއި ބޮލީވުޑްގެ ތަރި ދީޕިކާ ޕަޑުކޯން އަދި މަޝްހޫރު ޑައިރެކްޓަރު އެޓްލީ ގުޅިގެން އުފައްދާ ފިލްމުގެ ނަމާއި ފަސްޓް ލުކް އާންމުކޮށްފި އެވެ.

"ރާކާ"ގެ ނަމުން ނަންދީފައިވާ އެ ފިލްމުގެ ޕޯސްޓަރު ނެރެފައި ވަނީ އައްލޫ އަރްޖުންގެ 44 ވަނަ އުފަންދުވަހާ ދިމާކޮށް މިދިޔަ އަންގާރަ ދުވަހު އެވެ.

އެ ފިލްމުގެ ފުރަތަމަ ޕޯސްޓަރުން ފެންނަނީ އައްލޫ އަރްޖުން މުޅިން ތަފާތު ސިފައެއްގަ އެވެ. ބޯ ބާލާފައި ހުރިއިރު، ލޮލުގައި ވަނީ ކަޅުކުލަ ޖައްސައިފަ އެވެ. އަދި އޭނާގެ އަތުގައި ވަނީ ޖަނަވާރެއްގެ ވަކިތަކެއް ކަހަލަ ބިރުވެރި ވަކިތަކެކެވެ. މިއީ އޭނާގެ ފިލްމީ ކެރިއަރުގައި މިހާތަނަށް ފެނިފައި ނުވާ ވަރުގަދަ ބަދަލެކެވެ.

އައްލޫ އަރްޖުންގެ މި އާ ސިފައަށް ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ސަމާލުކަން ވެސް ވަނީ ލިބިފަ އެވެ.

އެ ފިލްމުގައި އައްލޫ އަރްޖުންއާ އެކު ލީޑު ރޯލު ކުޅެނީ ދީޕިކާ އެވެ. މިއީ މި ދެ ތަރިން އެކުގައި ފެންނާނެ ފުރަތަމަ ފިލްމެވެ.

"ޖަވާން" ކަހަލަ ކާމިޔާބު ފިލްމުތައް އުފެއްދި އެޓްލީ ބުނި ގޮތުގައި، މިއީ އޭނާގެ ހިތުގައި މީގެ 18 އަހަރު ކުރިން އުފެދުނު ހިޔާލަކަށް އުފެއްދި ފިލްމެކެވެ.

ސަން ޕިކްޗާސް އިން އުފައްދާ މި ފިލްމަކީ ވަރަށް ބޮޑު ބަޖެޓެއް، ގާތްގަނޑަކަށް 700 ކްރޯޑް ރުޕީސް ހަރަދުކޮށްފައިވާ ފިލްމެކެވެ. މި ފިލްމުގެ ވީއެފްއެކްސް މަސައްކަތްތަކަށް ހޮލީވުޑްގެ "އަޔަން މޭން 2" އަދި "ޓްރާންސްފޯމާސް" ކަހަލަ ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ އެކްސްޕާޓުން ވަނީ ބޭނުންކޮށްފަ އެވެ.

ފިލްމުގެ މަސައްކަތްތައް މިހާރު ވެސް ކުރިއަށް ގެންދާއިރު، ބެލެވޭ ގޮތުގައި ފިލްމު ސިނަމާތަކަށް އަންނާނީ މި އަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރު އެވެ. 

ކުރިން "AA22"ގެ ނަމުން ނަންދީފައިވާ މި ފިލްމަކީ އިންޑިއާގެ ސިނަމާގައި މިހާތަނަށް ނުފެންނަ ކަހަލަ ތަފާތު ސައިންސް ފިކްޝަން އަދި އެކްޝަން ފިލްމަކަށް ވާނެ ކަމަށް ރިޕޯޓްތައް ބުންޏެވެ.