(އާދިއްތަ ދުވަހާ ގުޅޭ)
އާދަނަށް ވިސްނެނީ އެންމެ ގޮތެކެވެ. އެކަމަކު އެ ކަން ކުރާ ތަނަ އާދަނާ މެދު ހަފީޒާ ހިތްހަމަނުޖެހިއްޖެ ނަމަ އޭގެ ބަދަލު ވަރަށް ހިތިވާނެކަން އާދަނަށް އެނގެއެވެ. އާދަނަކީ ފަގީރެކެވެ. ފައިސާއެއް، މަގާމެއް، ނުފޫޒެއް ނެތެވެ. ހަފީޒާގެ ބައްޕަ ކަލޭފާނާއި މުޙައްމަދު ހަމީދަކީ ގާތް އެކުވެރީންނެވެ. އާދަނު ހުރަގެއަށް ލައި އަނދަގޮނޑިޖަހައިފި ނަމަ، ދުވަސް އެ ހިސާބުން ހުއްޓުނީއެވެ. ދެން ހިތަށްއެރި އެވެ. އާދަނަށް ފެނުނު ހުވަފެނުގެ ތައުބީރަކީ އެއީބާއެވެ؟
އާދަނުގެ މަގުސަދަކީ، ފިލައި ހުރެގެން ހަފީޒާގެ ފަރާތުން އިޝާރާތެއް ހޯދުމެވެ. އެ ކަން ކުރުމަށް ބޭނުންވާ އެތި ހޯދުމަށް ޓަކައި ހުޅުލެއަށް ދިޔައެވެ. ދެން ދިޔައީ ކުޑަމާލެ އާއި ވިލިނގިއްޔަށެވެ. ވަލުތެރެއަށް ވަދެ އަތްފުނާއަޅައިގެން، އާދަނު ބޭނުންވާ އެތި ފެނުނީ ތިން ދުވަހު މަސައްކަތް ކޮށްގެންނެވެ. އެއީ ގުރުކާށްޓެކެވެ. ކާށި ހިފައިގެން ގެއަށް އައިސް ކާށި ހެހެލިއެވެ. ކޮށާވަޅި ހިފައިގެން ގޯތީގައި ހުރި ދިއްގާގަހެއްގެ ހިޔަލުގައި އިށީނދެލިއެވެ. އިނގިރޭސިން ވަރަށް ރީތިކޮށް ހަފީޒާގެ ނަން ޖަހަން އާދަނު ބޭނުންވިއެވެ. އެއް ފަހަރުން އެ ކަން ނުކުރެވިއްޖެ ނަމަ ކާށި ބޭކާރުވާނެއެވެ. ދެން އަނެއްކާ ކާށްޓެއް ފެންނާނެ ކަމެއް ވެސް ނޭނގެއެވެ. ލިޔަން ދެ ފަހަރަކު ފަރިކޮށްލާފައި ވެސް ހިތަށް އެރިއެވެ. އެކުވެރި ދޮންމަނިކު ވަރަށް ރީތިކޮށް އިނގިރޭސިން ލިޔެއެވެ. އޭނަގެ އެހީ ހޯދަންވީއެވެ. ގުރުކާށި މުށުތެރޭގައި ފޮރުވައިގެން އާދަނު ގެއިން ނުކުތެވެ. ދިޔަ ގޮތަށް ދިޔައީ ހައްވާފުޅު ގެއަށެވެ. އެ ގެއިން ލާރިއަކަށް ދެ ފުއްޕިހަކުރުމެޓާ ލިބެއެވެ. އަތުގައި އޮތް ދިހަ ލާރިއަށް ވިހި މެޓާ ގަނެފައި ޖީބަށް އަޅާލައިގެން ދެން ނުކުތީ ދޮންމަނިކު ހޯދާށެވެ. ބުންބާފިހާރަތައް ކައިރިން ދޮންމަނިކު ހޯދައިގެން ހަކުރާގެއާ ދިމާއަށް ހިނގައިގަތެވެ.
"ކޮން ތާކަށް މި ދަނީ؟" ދޮންމަނިކު ސުވާލުކުރިއެވެ.
"ވާހަކަ ނުދައްކާ މެޓައެއް ކާލާ!" ފުއްޕިހަކުރު މެޓައެއް ދިއްކޮށްލަމުން އާދަނު ބުންޏެވެ.
"އޭ! މިހާރު ވެސް މީނީ ތީގެ މެޓައެއް ކަވައިގެންފަ." ދޮންމަނިކު ބުންޏެވެ.
ހަކުރާގޭގެ މުޅި ގޯތީގައި އޮންނަނީ ގަސްއިންދައިފައެވެ. ތާރަޖެހުމާއި ލަވަކިޔުން ފަދަ ކުޅިވަރުތައް ކުޅެން އެ ގޯތީގައި މުހައްމަދު ފަރީދު، ދެބުރިއަށް ހައްދަވާފައިވާ ގެއެއް ހުރެއެވެ. ކަމެއް ނެތިއްޔާ އެ ގެ ހުންނަނީ ތަޅުލައިފައެވެ. ގޭގެ ތަޅުދަނޑި އޮންނަނީ މާބަގީޗާގޭގައި އުޅޭ ދޮހުއްތު އަތުގައެވެ. އޭނަޔާ އާދަނާ އޮންނަ ރައްޓެހިކަމެއްގެ ދަށުން އާދަނަށް އެ ގެ ހުޅުވައިދިނެވެ.
"ދަމުން ލައްޕާލާފަ ދޭ!" ދޮހުއްތު ބުންޏެވެ. "އެއްވެސް އެއްޗަކާ ކުޅެނަހަދާތި!"
ދޮންމަނިކު ގޮވައިގެން އާދަނު އެރީ ދެބުރި ގެއަށެވެ.
"ހާދަ ހީވެޔޭ ކަލޭ ތި އުޅެނީ ވެރިކަން ވައްޓާލަން ސައްލާކުރަން ހެން." ދޮންމަނިކު ބުންޏެވެ.
"މަށަކާ ވެރިކަމަކާ ކީއްކީއް؟" އާދަނު ބުންޏެވެ. "ދޮންމަނިކު ކައިރީގަ މިހާރު އެތައް ފަހަރަކު ބުނެފީމެއްނު އެ ހިޔާލު ދޫކޮށްލާށޭ! އެ މީހަކު ކުރި ކަމެއް އެ މީހަކަށް. އަހަންނަކީ ދޮންމަނިކު ނަމަ މިހާރު ހަމީދަށް މާފުކޮށްފީމުސް."
"ތި ހެން ތި ބުނަނީ ފީނާއަކީ އަހަރެން ނޫންވީމަ،" ދޮންމަނިކު ބުންޏެވެ. "ފީނާއަށް ހަމީދު ކަމެއް ކުރާ ދުވަހު އަހަރެން ބަލައިލާނަން މާފުކުރެވޭތޯ. ކޯޗެއް މުށަށް ލައިގެން ތި އިންނަނީ؟"
އާދަނު ގުރުކާށި ދައްކައިލިއެވެ. ދޮންމަނިކު އަތަށް ކާށި ދިނެވެ. ކޮށާވަޅި ވެސް ދިނެވެ.
"އިނގިރޭސިން ނިކަން ރީތިކޮށް ހަފީޒާ ޖަހާލަދީބަލަ!" އާދަނު ބުންޏެވެ. "ވަރިހަމަ އަހަންނަށް ބެވިޔަސް. އެ ނަން ޖަހާލަދީ."
ބުނާނެ އެއްޗެއް ނޭނގި އިރުކޮޅަކު އާދަނާ ދިމާއަށް ބަލަހައްޓައިގެން އިނދެފައި ދޮންމަނިކު ދެ އަތަކަށް ބޯހޫރައިލިއެވެ. ކޮށާވަޅިން ނަން ޖަހައިދޭން ފެށިއެވެ.
"ނަމަނަމަ ނުބުނާތި އަހަންނޭ ނަން ޖެހީ،" ދޮންމަނިކު ބުންޏެވެ. "ފީނާ ދެނަހުރިންތަ؟ ރޭގަ ވެސް އަހަރެން ކައިރީގަ މީހަކު ބުނި ތިޔަ ހަފީޒާއެއް ފެނިގެން ނިދި ނައިސްގެން އުޅޭ ވާހަކަ. އެކަމަކު އޭނަ ބުނީ ވައި އެޅެން ވެސް ހެޔޮނުވާނޯ. އެއްކޮޅުން އެހާ ބޮޑާ ކުއްޖެކޯ އަނެއްކޮޅުން އޭނަގެ ބައްޕަ ކަލޭފާނަކީ... ކަމެއް ވެގެންތާ ފިރިހެނުން ބިރުން އެ އުޅެނީ."
"އެހާ ފިނޑިމީހުންނަށް ފިރިހެނުން ކިޔުމަކީ އަހަންނަށް ކުރެވޭ މަލާމާތެއް،" އާދަނު ވަރަށް ހަމަޖެހިލާފައި ބުންޏެވެ. "ހަފީޒާއަކީ އާދައިގެ ކުއްޖެއް ނޫން. އޭނައަށް ލިބެން ވާނީ ވެސް އާދަޔާ ހިލާފު، ހިތްވަރުގަދަ މީހެއް. މީ އެ މީހަކީ."
ފަރީދިއްޔާއަކީ ފެންތަށިގެއެވެ. ކުރިން އެއީ ބަންޑާރަ އެދުރުގެއެވެ. ފަރީދިއްޔާގައި ކިޔެވުން އޮންނަނީ ހެނދުނު އަށަކުން މެންދުރު އެގާރައަށެވެ. މަދަރުސާއަށް ނުދާތާ ދެ ހަފުތާކޮށްފައި އާދަނު ދިޔަ ދުވަހަކީ ބޮޑު ދުވަހެކެވެ. މިޔުޒިކަށް ޝައުގުވެރިކަން ހުންނަ ހަތް ކުދިން ހޮވި އިރު އާދަނު ވެސް އޭގެ ތެރޭގައި ހިމެނުނެވެ. ހުރިހައި ކުދިން މޫނިމާގެއަށް ގެންދިޔައެވެ. ބޭންޖަހާ ސާމާނު ދައްކައިލުމަށް ޓަކައެވެ. މޫނިމާގޭ ސީދީއަކީ ކުޅިވަރުގެ ބޭފުޅެކެވެ. މީހުންނަށް ކުޅިވަރު ދަސްކޮށްދެއްވަނީ ވެސް އެ ސީދީއެވެ. ފުރަތަމަ ބޭންޖަހަން ނުކުތް ބެއްޔަހުއްތު އާއި ގިރާވަރު ދޮހޮއްތު އާއި އަފިހުން ކަޅުހުއްތުއަކީ ސީދީގެ ދަރިވަރުންނެވެ. މީހުން އަންތަރީސްކޮށްލެވޭ ހައި ރީތިކޮށް އެ މީހުން ރާގު ފުމެއެވެ.
މޫނިމާގެއަށް އާދަނު ވަންނަން ދިޔަ އިރު ވެސް ރާގުކުޅޭ އަޑު އިވެއެވެ. ބެރުޖަހާ އަޑު ވެސް އިވެއެވެ. އެ މަންޒަރު ބަލައިލާ ހިތުން އާދަނު ހުރީ ކެތްމަދުވެފައެވެ. ގެއަށް ވަން އިރު މިޔުޒިކު ސާމާނު އަތުރާފައި ހުރީ މޫނިމާގަހުގެ ހިޔަލުގައެވެ. ދަސްކޮށްދެއްވަން ސީދީ ހުންނެވިއެވެ. އާދަނުގެ ލޮލުގައި އަޅައިގަތީ އެ ތަނުގައި ތިބި ސަނިއްޔާގެ ދަރިވަރުންތަކެކެވެ. އެންމެ އަޅައިގަންނަ، އެންމެ ހާއްސަ ގޮތެއް ހުރި ކުއްޖަކީ ހަފީޒާއެވެ. އާދަނު ހިތަށް އެރިއެވެ. ތަގުދީރުގައި ރޭވިފައިވާ ގޮތް ނިކަން ދެކިބަލާށެވެ. ދުވަހަކު މަދަރުސާއަށް ނުދާން ހުރި އާދަނުގެ ހިތަށް ޝައުގުވެރިކަން ވަދެ، މަދަރުސާއަށް ދެވި، ހަތް ކުދިންގެ ތެރޭގައި ހިމެނި، އަނެއްކާ ވެސް ހަފީޒާއާ ބައްދަލުވީއެވެ. ހިތާމައަކީ ހަފީޒާގެ ލޮލުގައި އާދަނު އަޅައިނުގަންނަ ކަމެވެ. ސީދީގެ ކުޅަދާނަ މޭސްތިރިކަމުގެ ދަށުން، ފިލްމު ސީއައިޑީގެ "ލޭކޭ ޕަހެލާ ޕަހެލާ ޕިޔާރު" ކުޅެވެމުންދިޔަ އިރު، އާދަނުގެ ހިތުވިންދު ހުރީ ބެރާ ހަމަވެފައެވެ.
"ކޮބާ ކޮން ކުއްޖެއް ރާގު ފުމެން އަންނާނީ؟" ލަވަ ނިމުމުން ސީދީ އެއްސެވިއެވެ.
ލިބުނު ދަނޑިވަޅުގައި އާދަނު އަތް މައްޗަށް ނަގައިގެން ހުރީކީ ނޫނެވެ. ދިޔަ ގޮތަށް ގޮސް މިޔުޒިކު ސާމާނުތައް ކައިރީގައި ހުއްޓުނެވެ. ހީވާ ކަހަލައެވެ. އާދަނަށް ކުޅެން ނޭނގޭ އެއްޗެއް އެ ތާކު ނެތެވެ. އެންމެންގެ ލޯތައް ހުރީ އާދަނަށެވެ. ހަފީޒާގެ ވެސް މެއެވެ. އާދަނުގެ ހަމަ އެކަނި ބޭނުމަކީ އެއީއެވެ. ހަގީގަތުގައި، އެ ތަނުގައި ހުރި މިޔުޒިކު ސާމާނުތަކަކީ އާދަނު އަލަށް ދުށް އެއްޗިއްސެވެ. އެހެނަސް ބެރުދުންމާރިތާޅަފިއްޔަކީ، ރަދުން އިއްޒަތުގައި ތަންތަނަށް ވަޑައިގަންނަވާ އިރު، ހަރުބީޖެހުމާއި ފުމުމަށް ބޭނުންކުރާ އެއްޗެކެވެ. އެ މަންޒަރު އާދަނަށް ފެނެއެވެ. އެ ތަނުގައި ތިބި އެންމެންނަށް ވެސް އެ މަންޒަރު ފެނިފައިވާނެ ކަމަށް އާދަނު އުންމީދުކުރިއެވެ.
"ކޮން ނަމެއް ކިޔަނީ؟" މަޑުމަޑުން ސީދީ އެއްސެވިއެވެ.
"އަހަންނަށް ކިޔަނީ އާދަނު،" އާދަނު ޖަވާބު ދިނީ، ޔަގީނުން ވެސް ހަފީޒާއަށް އިވޭ ވަރަށެވެ. "ފީނާއާދަނު."
އާދަނުގެ އެއް މަގުސަދު ހާސިލުވީއެވެ. ދެވަނަ މަގުސަދަކީ ހަފީޒާގެ ސަމާލުކަންހޯދުމެވެ.
"ދުންމާރި ފުމެން އާދަނަށް އެނގޭތަ؟" ސީދީ ސުވާލު ކުރެއްވިއެވެ.
އާދަނު ދުންމާރި ނެގިއެވެ. އޭގެ ނުބައި ކޮޅު ގެނެސް އަނގައިގައި ޖެއްސިއެވެ. އެންމެން އެއްފަހަރާ ހީނގަތެވެ. އެންމެ ބާރަށް ހީނގަތް އަޑުއިވުނީ ހަފީޒާއެވެ. ގެއަށް ގޮސްފައި ވެސް ހަފީޒާ އެ ވާހަކަ ދައްކާނެކަން އާދަނަށް ޔަގީނެވެ.
ފެންފަރުދާގެއަށް ހަފީޒާ ވަދެއްޖެ ނަމަ، އާންމުކޮށް އިށީންނަނީ ޕިންޕޮން މޭޒު ކައިރީގައި ހުންނަ ގޮނޑި ބަރީގެ ތެރެއިން ކުޑަދޮރުތައް ހުންނަ ފަޅީގެ އެންމެ ފަހު ގޮނޑީގައެވެ. އެ ގޮނޑީގައި މީހަކު އިން ނަމަ ހަފީޒާ ހުންނާނީ ކޮޅަށެވެ. އެ ކަން އެނގޭތީ، ހަފީޒާއާ އެކުގައި ވަންނަ ކުދިން ވެސް ހަފީޒާއަށް އެ ގޮނޑި ހުސްކޮށް ބަހައްޓައެވެ. އާދަނު އިނީ އެ ގޮނޑީގައި އިށީނދެގެން، ހަފީޒާގެ އިންތިޒާރުގައެވެ. ފުރަތަމަ ދެ ދުވަސް ދިޔައީ ހަފީޒާއާ ދިމާނުވެއެވެ. ތިންވަނަ ދުވަހު ހަފީޒާ ވަން ތަން ފެނުނެވެ. ގޮނޑި މަތީގައި ގުރުކާށި ބާއްވާފައި އާދަނު ތެދުވެގެން ގޮސް، އެ ތަނުގައި ހުރި ބިތްގަނޑަކާ ނިވާވިއެވެ. ހަފީޒާ އިށީންނަން އައިސްފައި، ގޮނޑި މަތީގައި އެއްޗެއް އޮތުމުން އެ ގޮނޑީގައި ނީށީނދެ މަޑުކޮށްލިއެވެ. ވަށައިގެން ހޯދައިލިއެވެ. ޖެހިގެންހުރި ގޮނޑީގައި އިށީނެވެ. އެއީ ހަފީޒާ އަލަށް ކުރި ކަމެކެވެ. އެހެން ކުއްޖަކު އައިސް އިށީންނަން އުޅެފައި އެ ގުރުކާށި ފެނުމުން ކާށި ނެގިއެވެ. ގޮނޑީގައި އިށީނެވެ. އާދަނަކަށް އެ ގޮތެއް ކަމަކު ނުދިޔައެވެ. އެހެނަސް، ހެދޭނެ ގޮތެއް ނެތުމުން ބަލަން ހުރީއެވެ. ކާށި ނެގި ކުއްޖާގެ ލޮލުގައި ކާށީގައި ޖަހާފައި އޮތް ނަން އަޅައިގަތެވެ. ޖެހިގެން އިން ހަފީޒާއަށް ދައްކައިލިއެވެ. އެ ވަގުތު ޕިންޕޮން މޭޒު ހުސްވުމުން ހަފީޒާއަށް ކާށި ދީފައި އެ ކުއްޖާ ދިޔައީ ޕިންޕޮން ކުޅޭށެވެ. އާދަނު ކަޅިޖަހައި ނުލައި ހަފީޒާގެ މޫނަށް ބަލަން ހުއްޓެވެ. ހަފީޒާގެ ތުންފަތަށް ހިނިތުންވުމެއް ވެރިއެއް ނުވިއެވެ. ވަށައިގެން ހޯދައިލިއެވެ. ފެންނަ ވަރަށް އާދަނު ބިތްގަނޑުން ބޭރަށް ނުކުތެވެ. ހަފީޒާ އާއި އާދަނުގެ ހަތަރުކަޅި ހަމަވިއެވެ. އާދަނު ހުރީ ހިނިތުންވާން ނޭނގިފައެވެ. ހަފީޒާ އުފާވި ކަމެއް ނުވަތަ ރުޅި އައި ކަމެއް ނޭނގޭތީއެވެ. ކުރެވުނީ ރަނގަޅު ކަމެއްކަން ނުވަތަ ގޯސްކަމެއްކަން ވެސް ނޭނގޭތީއެވެ. ގުރުކާށި އެއްލައިލާނެކަން ޔަގީންވި ވަގުތު ހަފީޒާގެ ދަބަހަށް ކާށި ލިއެވެ. އެހެން ކުއްޖަކު ގޮވައިލުމާ އެކު ހަފީޒާ ދިޔައީ ޕިންޕޮން ކުޅޭށެވެ.
"ކޮބާހީވޭ؟" ދޮންމަނިކު ބުންޏެވެ. "ތި އޮތީ ބޯން އުޅުނު ހޫނު ސަރުބަތު ބޮވިފަ."
އާދަނާއި ދޮންމަނިކު ތިބީ ކުޑަމާލޭގައެވެ. އެ ތަނަކީ މާލެއިން ފަތާލާފައި ދެވޭ ހިސާބު ކައިރީގައި އޮންނަ ހުރާގަނޑެކެވެ. އޭރު އަސުރުން އިރު ތިރިވެއްޖެއްއެވެ.
"އޭނައަށް މިހާރު އެނގޭނެ އެއީ ކަލޭ ކުރި ކަމެއްކަން،" ދޮންމަނިކު ބުންޏެވެ. "މިހާރު އަވަށުވެރިގެއިން ކަލޭ ހޯދާނެ. އެ ތިބަ އަންނަނީ އެ މީހުން." (ނުނިމޭ)