އިންޑިއާގެ ރަން އަޑުގެ ވެރިޔާ އަލްކާ ޔަގްނިކް، އޭނާގެ ކަންފަތަށް ދިމާވި ސިއްހީ މައްސަލައެއްގެ ސަބަބުން އާ ލަވަތައް ކިޔުމުގެ މަސައްކަތްތައް ހުއްޓާލަން މަޖުބޫރުވެފައިވާކަން ހާމަކޮށްފި އެވެ.

މީގެ ދެ އަހަރު ކުރިން ފްލައިޓަކުން ފޭބި ވަގުތު ކުއްލިއަކަށް އޭނާގެ ކަންފަތަށް އެއްވެސް އަޑެއް ނީވޭ ގޮތްވި އެވެ. ޑޮކްޓަރަށް ދެއްކުމުން އެނގުނު ގޮތުގައި އޭނާއަށް ޖެހިފައި ވަނީ "ސެންސަރީ ނިއުރަލް ނާވް ހިއަރިން ލޮސް" ކިޔާ ބައްޔެކެވެ. އެއީ، ވައިރަލް އެޓޭކެއްގެ ސަބަބުން ދިމާވި ކަމެކެވެ. 

އަލްކާ "އެންޑީޓީވީ"އަށް އިއްޔެ ދިން އިންޓަވިއުއެއްގައި ބުނީ އެ ބަލީގެ ސަބަބުން އޭނާއަށް މިހާރު އާ ލަވަތައް ރެކޯޑުކުރުމުގެ މަސައްކަތް ކުރިއަށް ނުގެންދެވޭ ކަމަށެވެ. ގިނަ އަދަދެއްގެ މިއުޒިކް ކޮމްޕޯޒަރުން އޭނާއަށް މަސައްކަތް ހުށަހެޅި ނަމަވެސް، ސިއްހީ ހާލަތު ހުރި ގޮތުން އެ ފުރުސަތުތަކުގެ ބޭނުން ހިފޭ ގޮތެއް ނުވާ ކަމަށް އޭނާ ބުންޏެވެ.

އެ ޚަބަރު ހިއްސާކުރަމުން އަލްކާ ވަނީ އޭނާގެ ފޭނުންނަށާއި ޒުވާން ލަވަކިޔުންތެރިންނަށް މުހިންމު ނަސޭހަތެއް ވެސް ދީފަ އެވެ. އެއީ، މާ ބާރަށް ހެޑްފޯނު ޖަހައިގެން ލަވަ އަޑުއެހުމާއި، މާ ގަދަ އަޑުތަކަށް ކަންފަތް ހުށަހެޅުމުން ދުރުހެލިވުމަށެވެ. އަލްކާ ބުނި ގޮތުގައި، އެއީ ކަންފަތަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަންކަމެވެ. 

އަލްކާ ބުނީ މިވަގުތު އޭނާ މަސައްކަތް ކުރަމުން އަންނަނީ މި ހާލަތުން އަރައިގަނެ، މަސައްކަތަށް އަނބުރާ ދެވޭތޯ ކަމަށެވެ. އަދި އޭނާއަށް ހެޔޮ ދުއާ ކޮށްދިނުމަށް ފޭނުންގެ ފަރާތުން އެދިފައިވެ އެވެ. 

އަލްކާއަކީ ހިންދީ ސިނަމާގައި އެތައް ހާސް މަގުބޫލު ލަވަތަކެއް ކިޔައިދީފައިވާ، ގިނަ އެވޯޑުތަކެއް ވެސް ހާސިލްކޮށްފައިވާ ފަންނާނެކެވެ. އޭނާގެ މި ބަލީގެ ޚަބަރާ އެކު މިއުޒިކީ ދާއިރާގެ ގިނަ ފަންނާނުން ވަނީ އޭނާއަށް އަވަސް ޝިފާއަކަށް އެދިފަ އެވެ.