އިންޑިއާގެ މަޝްހޫރު ޓީވީ އެކްޓަރު ވިވިއަން ޑްސޭނާ އާއި އޭނާގެ އަންހެނުން ނޫރާން އަލީއަށް ދެވަނަ ދަރިއަކު ލިބިއްޖެ އެވެ.
ވިވިއަންއަށް މިފަހަރު ލިބުނީ ފިރިހެން ކުއްޖެކެވެ.
މި އުފާވެރި ޚަބަރު ވިވިއަން ވަނީ އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް ފޭނުންނާ ހިއްސާކޮށްފަ އެވެ.
އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ވިވިއަން ބުނީ އޭނާ ދުވަސްކޮޅަކަށް ސޯޝަލް މީޑިއާއާ ދުރުގައި ހުރީ ސަބަބެއް ނެތި ނޫން ކަމަށެވެ. އަދި ބައެއް ވާހަކަތަކަކީ އިއުލާންކުރުމުގެ ކުރިން އަމިއްލައަށް ތަޖުރިބާކޮށް އުފާލިބިގަންނަން ޖެހޭ ކަންކަން ކަމަށް ވެސް އޭނާ ބުންޏެވެ.
"ކިންގްޑަމް މިހާރު މިވަނީ ކުރިއަށް ވުރެ ބޮޑުވެފައި. އަދި މިފަހަރު މިއީ ޕްރިންސެއް،" ވިވިއަން ލިޔެފައިވެ އެވެ.
"އަލްހަމްދުﷲ،" ވިވިއަންގެ ޕޯސްޓުގައި ބުންޏެވެ.
ވިވިއަން އާއި މިސްރުގެ ނޫސްވެރިއެއް ކަމަށްވާ ނޫރާން ކައިވެނިކުރީ 2022 ވަނަ އަހަރު އެވެ. އެ ދެމަފިރިންނަށް މީގެ ކުރިން ވަނީ އަންހެން ދަރިއަކު ލިބިފަ އެވެ. އެ ކުއްޖާއަށް ކިޔަނީ ލަޔާން އެވެ.
ވިވިއަން އަކީ "މަދޫބާލާ" އާއި "ޕްޔާރު ކީ ޔޭ އޭކް ކަހާނީ" ކަހަލަ މަޝްހޫރު ހިންދީ ޑްރާމާ ސިލްސިލާތަކުން ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ތަރިއެކެވެ.
އޭނާއަށް ދަރިއަކު ލިބުމާ ގުޅިގެން ޓީވީ އިންޑަސްޓްރީގެ ގިނަ ތަރިންގެ އިތުރުން ފޭނުން ވަނީ މަރުހަބާ ކިޔައިފަ އެވެ.