ޑައިރެކްޓަރު މޯހިތު ސޫރީ މިދިޔަ އަހަރު ގެނެސްދިން ކާމިޔާބު ފިލްމު "ސައްޔާރާ" އިޝްތިހާރު ކުރުމުގައި ގެންގުޅުނު ތަފާތު އުކުޅުތަކަށް ސުޕަސްޓާރު ޝާހްރުކް ހާން ތައުރީފުކޮށްފި އެވެ. 

މޯހިތު ދިން އިންޓަވިއުއެއްގައި ބުނީ އޭނާގެ ބްލޮކްބަސްޓާ ފިލްމު "ސައްޔާރާ" ޕްރޮމޯޓް ކުރުމުގައި ގެންގުޅުނު އުކުޅަކީ އޭނާއަށް އެޅުނު އެންމެ ރަނގަޅު ފިޔަވަޅު ކަމަށް ޝާހު ބުނެފައިވާ ކަމަށެވެ. 

އެ ފިލްމުން ބޮލީވުޑަށް ތައާރަފުވި ދެ ތަރިން ކަމަށްވާ އަހާން ޕާންޑޭ އާއި އަނީތު ޕައްޑާ ފިލްމު ރިލީޒްކުރުމުގެ ކުރިން މީޑިއާގެ ކުރިމައްޗަށް ނެރެފައެއް ނުވެ އެވެ. އާންމުކޮށް ފިލްމުތައް ޕްރޮމޯޓް ކުރާއިރު ތަރިން ލައްވައި ގިނަ އިންޓަވިއުތަކާއި އިވެންޓްތައް ބޭއްވި ނަމަވެސް، "ސައްޔާރާ"ގެ ޓީމުން ނިންމީ އެމީހުން މީޑިއާއާ ދުރުގައި ބޭތިއްބުމަށެވެ.

އާ ތަރިންނަށް އޮންނަ ޝައުގުވެރިކަން އިތުރުކުރުމަށް އެމީހުން މީޑިއާ އިންޓަވިއުތަކާއި ޕްރޮމޯޝަންތަކުން ދުރު ކުރި އެވެ.

ފިލްމުގެ ތަރިން ދެއްކުމުގެ ބަދަލުގައި މުޅި ފިލްމުގެ މާކެޓިން ބަޖެޓު ހޭދަކުރީ ފިލްމުގެ ލަވަތައް މަޝްހޫރު ކުރުމަށެވެ.

މޯހިތު ބުނި ގޮތުގައި، ސިދާތު އާނަންދު ބޭއްވި ދިވާލީ ޕާޓީއެއްގެ ތެރެއިން ޝާހުއާ ބައްދަލުވުމުން، އޭނާ ބުނީ "ތިޔައީ ތިޔަ ފިލްމަށް ކުރެވުނު އެންމެ ރަނގަޅު ކަންތައް" ކަމަށެވެ.

ތަރިންގެ މޫނުތަކަށް ވުރެ ބޮޑަށް، ފިލްމުގެ ރޫހާއި މިއުޒިކް އިސްކުރުމަކީ ފިލްމު ބަލަންދާ މީހުންގެ ހިތުގައި އުފެދޭ ޝައުގުވެރިކަން އިތުރުވި ސަބަބެއް ކަމަށް ޝާހު ބުނި ކަމަށް މޯހިތު ބުންޏެވެ. 

"ސައްޔާރާ"އަކީ މިހާތަނަށް އިންޑިއާގައި އުފެއްދި އެންމެ ކާމިޔާބު ލޯބީގެ ފިލްމަށް ވާއިރު، އެ ފިލްމު ލީޑް ރޯލު ކުޅުނު އަހާން އަކީ މިހާރު ބޮލީވުޑްގެ އެންމެ އުއްމީދީ އެކްޓަރެވެ.