މަޝްހޫރު ޑައިރެކްޓަރު ޑެނިސް ވިލެނޫވްގެ ކާމިޔާބު ސައިންސް ފިކްޝަން ފްރެންޗައިޒް "ޑޫން"ގެ ތިންވަނަ ފިލްމުގެ ފުރަތަމަ ޓީޒާ ޓްރެއިލާ އިއްޔެ އާންމުކޮށްފި އެވެ.
މި ފިލްމަކީ ފްރޭންކް ހާބަޓްގެ "ޑޫން މެސިއާ" ނޮވެލްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ.
އާންމުކުރި ޓްރެއިލާއިން ފެންނަ ގޮތުގައި، މި ފަހަރުގެ ފިލްމުގެ ވާހަކަ ކުރިއަށް ގެންދަނީ ދެވަނަ ބައި ނިމުނުތާ 17 އަހަރު ފަހުގެ ހާދިސާތަކަކާ އެކުގަ އެވެ. ޓްރެއިލާ ފެށިގެން އަންނަނީ ޕޯލް އެޓްރެއިޑީސް (ޓިމޮތީ ޝަލަމޭ) އާއި ޗާނީ (ޒެންޑޭޔާ) އެމީހުންގެ ދަރިފުޅަށް ކިޔާނެ ނަމަކާ ބެހޭ ގޮތުން ވާހަކަދައްކާ މަންޒަރަކުންނެވެ.
ޓްރެއިލާއާ އެކު އެންމެ ބޮޑު ސަމާލުކަމެއް ލިބިފައި ވަނީ އަލަށް ކާސްޓާ ގުޅުނު މަޝްހޫރު އެކްޓަރު ރޮބަޓް ޕެޓިންސަން އަށެވެ. އޭނާ ފެންނާނީ ބާރުގަދަ ވިލަންއެއް ކަމަށްވާ "ސްކައިޓޭލް"ގެ ރޯލުންނެވެ. ޓްރެއިލާ އިން އޭނާ ފެންނަނީ މުޅިން ތަފާތު ސިފައެއްގަ އެވެ.
ޑައިރެކްޓަރު ވިލެނޫވް ބުނި ގޮތުގައި، ފުރަތަމަ ދެ ފިލްމަށް ވުރެ މި ފަހަރުގެ ފިލްމު މާ ބޮޑަށް ވެސް "އެކްޝަން-ޕެކްޑް" އަދި "ޓެންސް" ވާނެ އެވެ.
ފިލްމުގެ މައިގަނޑު ވާހަކަ ބިނާވެފައި ވަނީ ބޮޑު ބާރެއް ލިބިފައިވާ އެމްޕެރާއެއްގެ ގޮތުގައި ހުރި ޕޯލް، އޭނާގެ ދިރިއުޅުމުގައި ކުރިމަތިވާ ހަމަނުޖެހުންތަކުން ސަލާމަތްވުމަށް ކުރާ މަސައްކަތުގެ މައްޗަށެވެ.
ޓިމޮތީ އާއި ޒެންޑޭޔާ އާއި ރޮބަޓްގެ އިތުރުން މުހިންމު ރޯލުތަކުން ފެންނާނީ ފްލޮރެންސް ޕިއު، ޖޭސަން މޮމޯއާ އަދި އާންޔާ ޓޭލާ-ޖޯއި އެވެ.
މި ފިލްމަކީ ވިލެނޫވް ޑައިރެކްޓްކުރާ ޑޫން ސީރީޒްގެ ފަހު ފިލްމު ކަމަށް އޭނާ ވަނީ ކުރިން ބުނެފަ އެވެ. މީގެ ކުރިން ގެނެސްދިން ދެ ފިލްމަށް ވެސް ބޮޑު ތަރުހީބެއް ލިބިފައިވެ އެވެ.
މި ފިލްމު ރިލީޒްކުރާ ދުވަސްވަރު މާވެލްގެ "އެވެންޖާސް: ޑޫމްސްޑޭ" އާ ބޮޑު ކުރިމަތިލުމަކަށް ދާނެ ކަމަށް ބެލެވެ އެވެ.
"ޑޫން 3" ޕްރިމިއާކުރަނީ އަންނަ ޑިސެމްބަރު މަހު 18 ގަ އެވެ.