މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި ޝާހިދު ކަޕޫރާއި ތުރިޕްތީ ދިމްރީގެ ފިލްމު "އޯ ރޯމިއޯ"އަށް ފުރަތަމަ ދެ ދުވަހު ބޮކްސް އޮފީހުގައި ރަނގަޅު އާމްދަަނީއެއް ލިބިއްޖެ އެވެ. 

ރިޕޯޓްތައް ބުނި ގޮތުގައި، ވިޝާލް ބަރްދުވާޖް ޑައިރެކްޓުކޮށްފައިވާ އެ ފިލްމަށް ފުރަތަމަ ދުވަހު ލިބިފައި ވަނީ 8.50 ކްރޯޑް ރުޕީސް އެވެ. ނަމަވެސް، ދެވަނަ ދުވަހު ނުވަތަ އިއްޔެ އެ ފިލްމުގެ ވިޔަފާރި ރަނގަޅުވެ، 10.02 ކްރޯޑް ރުޕީސް ވަނީ ލިބިފަ އެވެ. އެއާ އެކު، ފުރަތަމަ ދެ ދުވަހުގެ ޖުމްލަ އާމްދަނީ ވަނީ 18.52 ކްރޯޑް ރުޕީސް އަށް އަރައިފަ އެވެ.

ނަމަވެސް، މިއީ ޝާހިދުގެ އެންމެ ކާމިޔާބު ފިލްމު "ކަބީރު ސިންގް"އާ އަޅާބަލާއިރު ކުޑަ އަދަދެކެވެ. "ކަބީރު ސިންގް" އަށް ދެވަނަ ދުވަހު އެކަނިވެސް 22.71 ކްރޯޑް ރުޕީސް ލިބުނެވެ.

ސާޖިދު ނަދިއަދްވާލާ ޕްރޮޑިއުސްކޮށްފައިވާ "އޯ ރޯމިއޯ"އަކީ ބޮޑު ބަޖެޓަކުން އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމުގެ ޖުމްލަ ބަޖެޓް އުޅެނީ 125-150 ކްރޯޑް ރުޕީސްއާ ދެމެދުގަ އެވެ.

މި ފިލްމުގައި ޝާހިދާއި ތުރިޕްތީގެ އިތުރުން ނާނާ ޕާޓޭކަރް، ވިކްރަންތު މެސީ، ތަމަންނާ ބާޓިއާ، އަވިނާޝް ތިވާރީ، ފަރީދާ ޖަލާލް އަދި ދިޝާ ޕަޓާނީ މުހިންމު ރޯލުތައް ކުޅެފައިވެ އެވެ. 

ގިނައިން މިސްކްޑް ރިވިއުސްތަކެއް ލިބިފައިވާ މި ފިލްމާ ބެހޭ ގޮތުން ހިންދުސްތާން ޓައިމްސްގެ ރިވިއުގައި ބުނެފައި ވަނީ، މި ފިލްމުގެ އެންމެ ބޮޑު "ދަމާބާރަކީ" ޝާހިދުގެ މޮޅު އެކްޓިން އެވެ. އަދި ތުރިޕްތީގެ މަސައްކަތާއި އެ ދެ ތަރިންގެ މެދުގައި އޮތް ކެމިސްޓްރީއަށް ވެސް ވަނީ ތައުރީފުކޮށްފަ އެވެ.

ތުރިޕްތީ ބުނެފައިވާ ގޮތުގައި، މި ފިލްމުގައި އޭނާ ކުޅުނު "އަފްޝާން"ގެ ރޯލަކީ އޭނާގެ ހަޔާތުގައި ކުޅުނު އެންމެ އުނދަގޫ އަދި އެންމެ ތަފާތު އެއް ރޯލެވެ.

މި ފިލްމަކީ އިންޑިއާގެ ކުރީގެ ނޫސްވެރިޔާ އަދި ލިޔުންތެރިޔާ ހުސައިން ޒައިދީގެ ފޮތް "މާފިއާ ކުއީންސް އޮފް މުމްބާއީ"ގެ ޗެޕްޓަރެއްގެ މައްޗަށް ބިނާކޮށް، އިންޑިއާގެ ގޭންގްސްޓާރު ހުސައިން އުސްތާރާގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.