(ބުދަ ދުވަހާ ގުޅޭ)
އެނދުން ނުތެދުވެވިގެން އުޅެނިކޮށް، އަންހެންކުއްޖަކު ހަޅޭއްލަވައިގަތް އަޑުއިވުނެވެ. ނިޒާރު ހިތަށް އެރިއެވެ. އެއީ އަންޖަލްގެ އަޑެވެ. ފޯނުން އަލިކޮށްގެން ދުވެފައި ނުކުތް އިރު ސަރައްކާލި ވަރަށް އަނދިރިއެވެ. ފޯނުން އަލިކޮށްލި އިރު، ދަރިން ތިބި ކޮޓަރީގެ ދޮރުމަތީގައި މީހަކު ހުއްޓެވެ. އޭނަ ހުރީ، ކަޅު ހެދުމަކުން އެއްކޮށް ނިވާވެގެންނެވެ. އަންހެނެއް ކަމެއް ފިރިހެނެއް ކަމެއް ވެސް ނޭނގެއެވެ. އޭނަ އުޅެނީ ދޮރު ނުހުޅުވިގެންނެވެ.
"އޭތް!" ނިޒާރު ހަޅޭއްލަވައިގަތެވެ.
އޭނަ ދުވެފައި ގޮސް އަނދިރިގަނޑު ތެރެއަށް ގެއްލުނެވެ. ނިޒާރުގެ ފޯނު ރަނގަބީލުވާން ފެށިއެވެ. ގުޅީ އަންޖަލްއެވެ.
"ހަލޯ!" ނިޒާރު ފޯނުނެގިއެވެ.
"ކާފާ! ކޮންމެވެސް މީހަކު ދޮރު ހުޅުވަން އެބަ އުޅޭ!" ހާސްވެފައި ހުރި އަންޖަލް ބުންޏެވެ. "އަވަހަށް އައިސްބަލަ!"
"ކާފަ ހަޅޭއްލަވައިގަތީމަ އެ މީހާ ހިނގައްޖެ!" އަންޖަލްގެ ކޮޓަރިއާ ދިމާއަށް ދުއްވައިގަންނަމުން ނިޒާރު ބުންޏެވެ. "މިހާރު ދޮރުމަތީގަ މިހިރީ. ދޮރު ހުޅުވާ!"
އަންޖަލް ދޮރު ހުޅުވިއެވެ. ތިން ކުދިން ތިބީ ހަދާނެ ގޮތް ހުސްވެފައެވެ.
"އަހަރެން ބޭނުމެއް ނޫން މި ތާ ހުންނާކަށް،" އަންޖަލް ބުންޏެވެ. "ހިނގާ އެހެން ތާކަށް ދަމާ!"
"ކާފަ ވެސް ބޭނުމެއް ނޫނޭ ހުންނާކަށް،" ނިޒާރު ބުންޏެވެ. "އެކަމަކު ކަރަންޓު އައިމައެއްނު ކަމެއް ކުރެވޭނީ."
އަރުން ފޯނުކުރިއެވެ. އެއީ ކަރަންޓު ވެސް އައި ވަގުތެވެ. އޭރު ވެސް ސާރާ އޮތީ ނިދައިފައެވެ.
"ދޮރު ހުޅުވާ!" އަރުން އެދުނެވެ.
ނިޒާރު ދޮރު ހުޅުވިއެވެ. އަރުން އެތެރެއަކަށް ނުވަދެއެވެ. ވީމާ، ނިޒާރު ކޮޓަރިން ބޭރަށް ނުކުތެވެ.
"ހުރިހާ ކަމެއް ބަރާބަރު؟" އަރުން އިނގިރޭސިބަހުން އެހިއެވެ.
"ކިހިނެއް ބަރާބަރުވާނީ؟" ރުޅިއައިސްފައި ނިޒާރު ބުންޏެވެ. "ކަރަންޓުދާ އިރު އިމަޖެންސީ ލައިޓެއްހާ ހިސާބު ނުހުރޭ! އަޅެ މި ކޮރިޑޯއަށް އެންމެ ލައިޓެއް.."
"އެހެރީނު ލައިޓް!" އަރުން އިޝާރާތް ކޮށްލަމުން ބުންޏެވެ. "އާކުރަންވެފައި އެހެރީ. ދެތިން ފަހަރުއޭ ބޭނުންކުރެވެނީ. އެކަމަކު ހާސްނުވޭ! މި ތަން ވަރަށް ރައްކާތެރިވާނެ."
"ތި ކަމެއް ނޭނގެ. ކުދިން ހަޅޭއްލަވައިގަތީމަ އަހަރެން ނުކުތް އިރު މީހަކު ހުރި މި ތާ ދޮރުމަތީގަ،" ނިޒާރު ބުންޏެވެ. "އޭނަ އުޅުނީ ކޮޓަރިއަށް ވަންނަން. ނަސީބެއް ދޮރު ނުހުޅުވުނުކަން."
"އެހެންތަ؟" ވަރަށް ހައިރާންވެފައި އަރުން ބުންޏެވެ. "ތީ ދުވަހަކު ވެސް ވީ ކަމެއް ނޫން. ވެދާނެ އޭނަގެ ކޮޓަރި ކަމަށް ހީކޮށް މި ކޮޓަރިއަށް.."
އެ ހިސާބަށް ބުނުމުން އެއްޗެއް ނުބުނެ ނިޒާރަކަށް ނުހުރެވުނެވެ.
"ތިހެން ނަމަ އަހަރެން ހަޅޭއްލަވައިގަތީމަ ކީއްވެ ފިލަންވީ؟" ނިޒާރު ބުންޏެވެ. "ކަޅު އެއްޗެހި ލައިގެން ހުރީ އެކަމަކު އޭނަ ދުވި ގޮތުން އެނގޭ ފިރިހެނެއްކަން ވެސް. ހަމަ މި ކޮޓަރިއަށް ވަންނަން އުޅުނީ. އަހަރެން ބޭނުމެއް ނޫން މި ތާ ހުންނާކަށް."
"މި ހިސާބުގަނޑުގަ ވެސް ނުހުންނާނެ މި ތަނަށް ވުރެ ވަކި ރައްކާތެރި ތަނެއް،" އަރުން މަސައްކަތްކުރީ ނިޒާރަށް ވިސްނައިދެވޭތޯއެވެ. "އެހެންވެ ތާމިރަށް މި ތަން ކަމުދިޔައީ ވެސް. ކޮޓަރިއެއް ހުސްވީމަ އަހަރުމެން އެ ތަޅު ނަގާފަ، ދެން ހުސްވާ އެހެން ތަނަކާ ބަދަލު ވެސް ކުރަން. މާނައަކީ، އެންމެ ފަހުން ތިބި މީހުން އަތުގަ ޑަބަލް ތަޅުދަނޑި އޮތަސް އެ ތަޅުދަނޑިން ހުޅުވޭނީ ކޮން ކޮޓަރިއެއް ކަމެއް ނޭނގޭނެ. އެ ވެސް ރައްކާތެރިކަމުގެ ގޮތުން އަހަރުމެން އަޅާ ފިޔަވަޅެއް. އަހަރެން މި އަންނަނީ އިމަޖެންސީ ލައިޓެއް ހިފައިގެން."
އަރުން ދިޔުމުން ނިޒާރު ވިސްނައިލިއެވެ. އަނދިރީގައި އޮޅިގެން އެހެން ދޮރަކަށް ތަޅުދަނޑި ޖެހިދާނެއެވެ. ހަޅޭއްލަވައިގަތީމަ ބިރުން ފިލުމަކީ ވެސް ނުވާނެ ކަމެއް ނޫނެވެ. ނިޒާރު ދަންނަ ރަށެއް، ދަންނަ ހިސާބެއް ނޫނެވެ. ތާމިރު ހަމަޖެއްސި ތަން ބަދަލުކުރާ ފަހުން ކަމެއް ދިމާވެއްޖެއްޔާ ޒިންމާ ނަގާނެ މީހަކު ވެސް ނުހުންނާނެއެވެ. އެ ނުބައި ނިންމުމާ މެދު ހިތާމަކުރަން ޖެހޭނީ ވެސް ނިޒާރެވެ. އަރުން ގެނެސްދިން ލައިޓު ބެހެއްޓީ އަންޖަލްގެ ކޮޓަރީގައެވެ. އެ ލައިޓު ރަނގަޅުތޯ ބަލާކަށް ނިޒާރު ހިތަކަށް ނާރައެވެ.
ހެނދުނު ސައިބޮއިގެން ހޮޓަލަށް އައި އިރު ތާމިރު އިންތިޒާރުގައި ހުއްޓެވެ. ތާމިރު ގާތުގައި މަޑުކުރީ ނިޒާރެވެ. ކުދީން ދިޔައީ ކޮޓަރިއަށެވެ. ތާމިރު އުޅެނީ އަސައެއް ހިފައިގެންނެވެ. ބާރަކަށް ނުހިނގެއެވެ. ހިނގާ އިރު ކުޑަ ކޮރެއް ވެސް ޖަހައެވެ. ތާމިރު އާއި ނިޒާރު ގޮނޑީގައި އިށީނެވެ. ކަރަންޓު ދިޔަ ވާހަކަ އާއި އަންޖަލްގެ ކޮޓަރީގެ ދޮރު ހުޅުވަން މީހަކު އުޅުނު ވާހަކަ ބުނުމުން ތާމިރު ވެސް ދެއްކީ އަރުން ދެއްކި ވާހަކައެވެ. ދެ މީހުންގެ ވާހަކަ ވަރަށް އެއްގޮތެވެ.
"ދޭބަލަ ކުޑަމަންޖެ ގޮވައިގެން އަންނަން،" ތާމިރު އެދުނެވެ. "މި ހާލުގަ ވެސް މި އައީ އެ މަންޖެ ދެކިލާ ހިތުންނޭ!"
ތާމިރު އުރަން ސާރާ ދޭކަށް އަންޖަލް ހިތްހަމައެއް ނުޖެހޭނެއެވެ. ނިޒާރުއަށް އެ ކަން އެނގެއެވެ. އެހެނަސް، ތާމިރުގެ ހާލަށް ނިޒާރު ހަމުދަރުދީވިއެވެ. ސާރާ ބަލައި ދިޔައެވެ. ނުނިކުންނަން އަންޖަލް ވަރަށް ބަހަނާ ދެއްކިއެވެ.
"ދަރިފުޅާ! ކާފަ ބުނީތީ!" ނިޒާރު އެދުނެވެ.
ދެބަފައިން އައި އިރު، ތާމިރު ގާތުގައި އަންހެނަކު އިނެވެ. އޭނަ އިނީ ކަންބޮޑުވެފައެވެ.
"ދައްތަ ވެސް ސާރާ ދެކިލާ ހިތުން އެ އައީ." ތާމިރު ބުންޏެވެ.
ތާމިރުގެ އުނގުގައި ސާރާ ބޭއްވުމާ އެކު، ތާމިރުގެ ދެއަތުން ސާރާ ނަގައި ދައްތަގެ އުނގަށްލިއެވެ. ދައްތަގެ ލޮލުން މައިވަންތަ ލޯބި އުތުރި އަރައިގަތެވެ. ހީވީ ސާރާއަކީ އޭނަގެ ދަރިއެއްހެންނެވެ.
"ތަންކޮޅެއް ރީތި ހެދުމެއް ލައްވަންވީނު،" ދައްތަ އެދުނެވެ. "ބޭބީ ކޮލޯންކޮޅެއް ވެސް ނަހާކަންތަ؟ ނަގާބަލަ!"
ދައްތަ އެދުމުން ގޮނޑިމަތީގައި ހުރި ކޮތަޅެއް ހުޅުވައިލާފައި ތާމިރު ފުޅިއެއް ދިއްކޮށްލިއެވެ. ނުވެސް ދަންނަ މީހަކު ސާރާ ގައިގައި އެއްޗެއް ހާކާކަށް އަންޖަލް ބޭނުމެއް ނޫނެވެ. އެ ކަން ހުއްޓުވަން އަންޖަލް އުޅުމުން، އަންޖަލްގެ އަތުގައި ނިޒާރު ހިފޭއްޓިއެވެ. ތާމިރު ކޮތަޅު ނަގާފައި އަންޖަލްއަށް ދިއްކޮށްލިއެވެ.
"މީ ސާރާއަށް ދައްތަ ގެނައި ހަދިޔާ!" ތާމިރު ބުންޏެވެ.
އަންޖަލް އެ ކޮތަޅަކު ނުހިފިއެވެ. އެ ކަން ވެސް ކުރީ ނިޒާރެވެ. ކުރަން ބޭނުންވެގެނެއް ނޫނެވެ. ދުނިޔޭގެ ލަދަށް ޓަކައެވެ.
"ޑޮކްޓަރަށް ދާން ރެޑީ ދޯ؟" ތާމިރު ސުވާލުކުރިއެވެ. "މީހަކު އަންނާނެ ބަލާ! އަހަރެން ވެސް ބޭނުން ދާން. އެކަމަކު މި ލައިގަތް ކަމަކުން ކިހިނެއް ދާނީ؟ އެޔޮއް އައީ އޭނަ. އަވަހަށް ނައްޓާލާ!"
ސާރާ ދޭތޯ އަންޖަލް އަތްދިއްކޮށްލިއެވެ. ތާމިރުގެ ދައްތައަކަށް އަންޖަލްއެއް ނުފެނެއެވެ. ސާރާ ދޭކަށް ވެސް ނޫޅުނެވެ. ކަޅިޖަހައިނުލައި ސާރާއަށް ބަލަހައްޓައިގެން އިނީއެވެ.
"ދެން ބޭބީ ދޭންވީނު؟" ބުނަންނުބުނަން އިނދެފައި ތާމިރު ބުންޏެވެ. "އަނެއްކާ ވެސް އެހެން ފަހަރަކުން އަންނާނީ."
ދައްތައަށް އަޑުނީވޭ ކަހަލައެވެ. އެންމެ ފަހުން އަންޖަލް އައިސް ސާރާ ނެގީއެވެ. ނެގުމުން ސާރާއާ ދިމާއަށް ދައްތައަށް ދެ އަތް ދިއްކޮށްލެވުނެވެ. އަންޖަލް އަޅައި ވެސް ނުލައި ގޮސް ކޮޓަރިއަށް ވަނެވެ. ދައްތަގެ ކޮނޑުގައި ތާމިރު ފިރުމައިލިއެވެ. ހިތްވަރުދޭ ކަހަލަ ގޮތަކަށެވެ.
ސާރާ ގޮވައިގެން ހޮސްޕިޓަލަށް ދާ އިރު، ދެން ތިބި ދެ ކުދިން ކޮޓަރީގައި ބައިތިއްބާކަށް ނިޒާރު ހިތްހަމައެއް ނުޖެހުނެވެ. ވީމާ އެންމެން އެކުގައި ކާރަށް އެރިއެވެ. ކާރު ދުއްވައިލިއެވެ.
"އަދި ބުނެފިއްނު ދައްތައޭ!" ހިތްހަމަނުޖެހިފައި އަންޖަލް ބުންޏެވެ. "ކާފައަށް ހީވޭތަ އެއީ ދައްތަހެން؟"
ނިޒާރަކަށް ވެސް ހިޔެއް ނުވެއެވެ. އެހެނަސް، އަންޖަލް އިތުރަށް ހާސްކުރާކަށް ނިޒާރު ބޭނުމެއް ނުވިއެވެ.
"ދައްތަވީމައެއްނު ދައްތައޭ ބުނާނީ،" ނިޒާރު ބުންޏެވެ. "ދަރިފުޅު ދެން އެ ކަމާ ނުވިސްނާ ކުޑަމަންޖެއަށް ވިސްނަބަލަ! ސާރާގެ ބޮޑު އޮޕަރޭޝަނެއްކުރާ އިރު.."
"މީ ބޮޑު އޮޕަރޭޝަނެއް ނޫނޭ ކާފާ!" އަންޖަލް ބުންޏެވެ. "ފަނަރަ ވަރަކަށް ސިކުންތު ނަގާނީ. ތައްޔާރުވުމާ ހުރިހާ ކަމަކަށް ފަނަރަ ވަރަކަށް މިނެޓު. މާދަން ފުރޭނެ."
"މާދަމައޭ؟" ހައިރާންވެފައި ނިޒާރު ބުންޏެވެ. "އެހާ އަވަހަށް ދަތުރުކުރާކަށް ނުވާނެ. ބޮޑަސްކުޑަޔަސް އޮޕަރޭޝަނެއް މި ކުރަނީ. ދެތިން ދުވަހަކު މަޑުކޮށްލާފަ ފުރާނީ. މި ހުންނަނީ މާ ގިނަގިނައިން އާދެވޭ ކަހަލަ ތަންތަނެއް ނޫން."
އަންޖަލް ފުންނޭވައެއް ބޭރުކޮށްލިއެވެ. ހޮސްޕިޓަލަށް ދިޔަ އިރު އެ ތަނުގައި ވެސް ތާމިރު އިނެވެ. ތާމިރުގެ ދައްތަ ވެސް އިނެވެ. އަންޖަލް ހިތަށް އެރިއެވެ. ނާދެވޭނޭ ބުނެފައި ވެސް ތާމިރު އައީ ކީއްވެގެން ހެއްޔެވެ؟ އަންޖަލްގެ ހިތަށް ނުތަނަވަސްކަން ވެރިވިއެވެ. ހިތަށް އެރިއެވެ. ދަރިފުޅު އޮޕަރޭޝަން ކުރަން ވައްދާ ހިސާބުން އަންޖަލްއަށް ދަރިފުޅު ގެއްލެން އުޅެނީބާއެވެ؟ އެހެންވިޔަކަ ނުދޭނަމެވެ. ވަރަށް އެހެން ކަހަލަ ދެ ކަމެއް ވެސް އަންޖަލްއަށް ފާހަގަވިއެވެ. ތާމިރު ދައްތަގެ ދެލޯ ހުންނަނީ ސާރާގެ މޫނުގައި ތަތްވެފައެވެ. ދުވަހަކު ވެސް ތާމިރުގެ ދައްތައަކަށް ތާމިރު ދައްތައޭ ކިޔާފައެއް ނުގޮވައެވެ. ނަމެއް ވެސް ނުކިޔައެވެ. ކިޔަނީ ތީނައެވެ.
އޮޕަރޭޝަންގެ ވަގުތު ކައިރިވަމުން އައި އިރު، ތާމިރު ދުރުގައި ހުރެގެން އެކި މީސްމީހުންނާ ފޯނުން ވާހަކަ ދައްކާ ތަން އަންޖަލްއަށް ފެނެއެވެ. ތަނުގެ ޑަކުޓަރުން އައިސް ތާމިރުއާ ސަލާންކުރާ ތަނާއި އެކި ވަރުވަރުގެ ސިޓީއުރަތައް އެ މީހުންނަށް ތާމިރު ދޭ ތަން ވެސް ފެނެއެވެ. ވައްކަޅިން އަންޖަލްއަށް ބަލާ ތަނާއި ދެއްކެވޭ ވާހަކަ އެހެން މީހުންނަށް ނީއްވަން ތާމިރު ކުރާ މަސައްކަތްތަކާއި އަންޖަލް ދާ ކޮންމެ ތާކަށް ތާމިރުގެ ދައްތަ ފޮނުވާ ކަން ވެސް ފާހަގަކުރެވުނެވެ.
އޮޕަރޭޝަން ތިއޭޓަރަށް ވަނުމުގެ ކުރިން މަޑުކޮށްގެން ތިބީ ވަރަށް ފިނި ކޮޓަރިއެއްގައެވެ. އެތައް އިރެއް ވީ އިރު ވެސް ތިއޭޓަރަކަށް ނުވައްދައެވެ. ކަންބޮޑުވުމާއި ފިންޏާއި ފެންބުއިމުގެ ސަބަބުން އަންޖަލް ފާހާނައަށް ވަދެލަން ބޭނުންވިއެވެ. މައްސަލައަކީ އަންޖަލްއާ ޖެހިގެން އިން ތާމިރުގެ ދައްތައެވެ. ތާމިރު އިނީ ނިޒާރުއާ ޖެހިގެންނެވެ.
"އޮޕަރޭޝަންކުރާ އިރު އަހަރެން ވައްދާނެތަ؟" އަންޖަލް އެހިއެވެ.
"މަންމައަށް ވަދެވޭނެ،" ތާމިރު ވަރަށް ހަމަޖެހިލާފައި ބުންޏެވެ. "އަންޖޫ ހާސްވަންޏާ ދައްތަ.."
"އަހަރެން ވަންނާނަން،" އަންޖަލް ބުންޏެވެ. "އަންނާނަން ޓޮއިލެޓަށް ވަދެފަ. ސާރާ ބަލާއަތުވެއްޖެއްޔާ ބުނޭ އަހަރެން އަންނަންދެން މަޑުކުރާށޭ!"
އަންޖަލް އެހެން ބުނުމާ އެކު ވަގުތުން ތާމިރުގެ ދައްތަ އަތްދިއްކޮށްލިއެވެ. އެ މަންޒަރު ފެނުނުކަމަށް ނަހަދައި ނިޒާރުގެ އުނގުގައި ސާރާ ބާއްވާފައި އަންޖަލް ފާހާނައަށް ވަނެވެ. ތާމިރު އިންތިޒާރުކުރި ދަނޑިވަޅަކީ އެއީއެވެ. (ނުނިމޭ)