މަޝްހޫރު އިނގިރޭސި ލަވަކިޔުންތެރިޔާ ހެރީ ސްޓައިލްސްގެ އާ އަލްބަމް އަންމަ މާޗު މަހު ގެނެސްދޭން ނިންމައިފި އެވެ.
ކުރީގެ މަޝްހޫރު ބޯއީ ބޭންޑް "ވަން ޑިރެކްޝަން"ގެ ލަވަކިޔުންތެރިޔާ ހެރީގެ އާ އަލްބަމެއް މި ގެނެސްދެނީ އޭނާގެ އާ ލަވައެއް ނުކުތްތާ ތިން އަހަރު ފަހުންނެވެ. މިއީ އޭނާގެ ހަތަރު ވަނަ ސޯލޯ އަލްބަމެވެ.
ހެރީގެ އާ އަލްބަމްގެ ނަމަކީ "ކިސް އޯލް ދަ ޓައިމް. ޑިސްކޯ" އެވެ. މިފަހަރުގެ އަލްބަމް ޕްރޮޑިއުސްކުރަނީ އޭނާގެ ކުރީގެ އަލްބަމްތަކުގެ މަސައްކަތް ވެސް ކުރި އިނގިރޭސި ސޯންގްރައިޓާ/ޕްރޮޑިއުސަރު ކިޑް ހަޕޫން އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އެ އަލްބަމްގައި 12 ލަވަ ހިމެނޭ ނަމަވެސް، އެ ލަވަތަކުގެ ލިސްޓާއި މިއުޒިކްގެ ބާވަތް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް، ހެރީގެ ވެބް ސްޓޯރުން ވިއްކާ ޕެކޭޖުތަކުގެ ތެރޭގައި ވިނައިލް، ކެސެޓް، ޓީޝާޓް، އެނަލޮގް ކެމެރާއެއް ކަމަށް ބެލެވޭ އެއްޗަކާއި ބަމް ބޭގެއް ހިމެނެ އެވެ.
އާ އަލްބަމް އިއުލާންކުރުމާ އެކު، ގިނަ ބަޔަކު އެއްފަހަރާ ވެބް ސްޓޯރަށް ވަނުމުގެ ސަބަބުން އެ ވެބްސައިޓް ވަނީ ވަގުތުކޮޅަކަށް ޑައުންވެފަ އެވެ.
"ވަން ޑިރެކްޝަން"ގެ ލަވަކިޔުންތެރިންގެ ތެރެއިން ހެރީއަކީ ސޯލޯ އާޓިސްޓަކަށް ވީ ފަހުން އެންމެ ކާމިޔާބު އެކަކެވެ. އޭނާ ވަނީ 2022 އިން 2023 އަށް ވޯލްްޑް ޓުއާއެއް ވެސް ބާއްވައިފަ އެވެ.