ދެކުނު ކޮރެއާގެ މަޝްހޫރު ބޯއީ ބޭންޑް ބީޓީއެސްގެ ވޯލްޑް ޓުއާ އަންނަ އެޕްރީލް މަހު ފަށަން ނިންމައިފި އެވެ.
ބީޓީއެސް އިން ވަނީ އެ ބޭންޑުން މި އަހަރާއި އަންނަ އަހަރު ވޯލްޑް ޓުއާގެ ޝޯތައް ބާއްވާ ތާރީހުތައް މިއަދު އިއުލާންކޮށްފަ އެވެ. އެ ޝޯތައް ފަށަނީ އަންނަ އެޕްރީލް މަހު ދެކުނު ކޮރެއާގައި ބާއްވާ ޝޯއަކުންނެވެ.
އަންނަ އަހަރު މާޗު މަހު ނިންމާލާނެ އެ ވޯލްޑް ޓުއާގެ 70 އަށް ވުރެ ގިނަ ޝޯތައް އޭޝިއާ، އުތުރު އެމެރިކާ، ދެކުނު އެމެރިކާ، އޮސްޓްރޭލިއާ އަދި ޔޫރަޕްގެ އެކި ގައުމުތަކުގައި ބޭއްވުމަށް ވަނީ ހަމަޖައްސައިފަ އެވެ.
- ދިވެހިން އާންމުކޮށް ގޮސް އުޅޭ ތައިލެންޑުގެ ބެންކޮކުގައި އަންނަ ޑިސެމްބަރު މަހު 3، 5 އަދި 6 ގައި ޝޯތައް ބާއްވާނެ
- މެލޭޝިއާގެ ކުއަލަ ލަމްޕޫރުގައި އަންނަ ޑިސެމްބަރު މަހު 12 އަދި 13 ގައި ޝޯތައް ބާއްވާނެ
- ސިންގަޕޫރުގައި އަންނަ ޑިސެމްބަރު މަހު 17، 19، 20 އަދި 22 ގައި ޝޯތައް ބާއްވާނެ
ހުރިހާ ޝޯއަކަށް ޓިކެޓު ވިއްކަން މި މަހު 24 ގައި އާންމުކޮށް ހުޅުވާލާނެ އެވެ.
ކޮރެއާގެ އެންމެ މަޝްހޫރު ބޯއީ ބޭންޑް ބީޓީއެސްގެ ހުރިހާ ލަވަކިޔުންތެރިން، އެ ގައުމުގެ ޒުވާން ފިރިހެނުންނަށް ގާނޫނުން ލާޒިމުކުރާ ދެ އަހަރު ދުވަހުގެ އަސްކަރީ ހިދުމަތް ފުރިހަމަކޮށްފައި ވާތީ، އެ ބޭންޑުގެ ވޯލްޑް ޓުއާގެ އިތުރުން އާ އަލްބަމް ރިލީޒްކުރަން ވެސް އަންނަނީ ތައްޔާރުވަމުންނެވެ.
ބީޓީއެސްގެ ފަސްވަނަ އަދި އާ އަލްބަމް ރިލީޒްކުރަނީ އަންނަ މާޗު މަހު 20 ގަ އެވެ.