ހަނގުރާމައިގައި އޮތް ޔުކްރެއިން މި އަހަރުގެ ޔޫރޯވިޝަން ކާމިޔާބުކޮށްފި އެވެ.
މިއީ ޔުކްރެއިން އިން ޔޫރޯވިޝަން ކާމިޔާބުކުރި ތިން ވަނަ ފަހަރެވެ.
ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ލަވަކިޔުމުގެ މުބާރާތް ކަމަށްވާ ޔޫރޯވިޝަން އަކީ ކޮންމެ އަހަރެއްގައި ވެސް ގައުމުތަކުން ސިޔާސީ އެކި ކަހަލަ މެސެޖުތައް ދިނުމަށް ބޭނުންކުރާ ޕްލެޓްފޯމެކެވެ. އާންމުކޮށް އެ މުބާރާތުގައި މޮޅުވަނީ ވެސް އެންމެ ގިނައިން ސިޔާސީ ޕޮއިންޓުތައް ދައްކާ ގައުމުތަކެވެ.
ނަމަވެސް މިއަހަރުގެ މުބާރާތް ފެށުމުގެ ކުރިން ޔޫރޯވިޝަން އިން ބުނެފައި ވަނީ އެ މުބާރާތް ސިޔާސީ ކުރަން ބޭނުންނުވާ ކަމަށެވެ. އެކަމަކު، މި އަހަރުގެ ހާލަތާ ގުޅިގެން ވަކި ފިޔަވަޅެއް އެޅި އެވެ. އެއީ ޔޫރޯވިޝަންގައި މިފަހަރު ރަޝިއާ ބައިވެރި ނުކުރުމަށެވެ.
ރަޝިއާ ބައިވެރިނުކުރަން ނިންމީ، އެ ގައުމުން ޔުކްރެއިންއާ ދެކޮޅަށް ހަނގުރާމަ ފަށާފައި ވާތީ އެވެ.
އެ ހާލަތުގެ ތެރޭގައި ޔުކްރެއިން އޮއްވައި ޔޫރޯވިޝަން ފެށުމުން، މި ފަހަރުގެ މުބާރާތުގައި ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ ޔުކްރެއިން އަށެވެ.
ޔުކްރެއިން އިން އެ މުބާރާތުގައި ވާދަކުރީ "ކަލޫޝް އޮކެސްޓްރާ" ނަމަކަށް ކިޔާ ޕަންކް ބޭންޑަކުންނެވެ. އެ ބޭންޑުން ހުށަހަޅާފައިވާ ލަވަ "ސްޓެފާނިއާ" ވެސް ވަނީ ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދައިފަ އެވެ.
އެ ލަވައިގައި ޔުކްރެއިންގެ ފަރާތުން ވަރުގަދަ މެސެޖެއް ދީފައިވެ އެވެ. އެއީ މުޅި ދުނިޔެއިން ވެސް ޔުކްރެއިން އަށް އެހީވުމަށް ގޮވާލާ ދިން މެސެޖެކެވެ.
އެ މުބާރާތުގައި ޔުކްރެއިން އެންމެ ފަހުން މޮޅުވީ 2016 ވަނަ އަހަރު، ކަމާލާ ނަމަކަށް ކިޔާ އާޓިސްޓެއް ކީ ލަވައަކުންނެވެ. އޭނާ ހުށަހެޅި "1944" ލަވަ އަކީ ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމައިން ކުރި އަސަރުތައް ކިޔައިދިން ލަވައެކެވެ.