އާ އަހަރު ފާހަގަ ކުރުމުގެ ގޮތުން "ދަ މެރީނާ އެޑް ކްރޮސްރޯޑްސް" ގައި ހާއްސަ ހަރަކާތްތަކެއް ބާއްވަން ނިންމައިފި އެވެ.

ކްރޮސްރޯޑްސް އިން މިހާރު ވަނީ އެ މީހުންގެ ފޭސްބުކް ޕޭޖުގައި އެކަން އިއުލާނުކޮށްފަ އެވެ. އެތަނުގައި ބާއްވާ ހާއްސަ ހަރަކާތްތަކުގެ ތެރޭގައި ލޭޒާ ލައިޓްގެ ކުޅިވަރުތައް ދައްކާލުން ހިމެނެ އެވެ. މީގެ އިތުރުން މިއުޒިކްގެ ހަރަކާތްތަކާ އެކު 2020 ގެ ކައުންޑައުން ކުރިއަށްދާނެ ކަމަށް ކްރޮސްރޯޑްސްއިން ބުނެ އެވެ.

އާންމުނަށް ދެވޭގޮތަށް ހަދާފައިވާ ކްރޮސްރޯޑްސްގެ މެރިނާގައި އާ އަހަރު ފާހަގަކުރުމުގެ ގޮތުން މި މަހުގެ 21 އިން ޖެނުއަރީ 12 ވަނަ ދުވަހާ ހަމަޔަށް ތަފާތު އެތައް ހަރަކާތެއް ވަނީ ރާވައިފަ އެވެ. މި ހަރަކާތްތަކުގެ ތެރެއިން ތަފާތު އަގު ހުރި އިނާމުތައް ވެސް ލިބޭނެ ކަމަށް ކްރޮސްރޯޑްސް އިން ބުނެ އެވެ.

އަލަށް ހުޅުވި ކްރޮސްރޯޑްސްގެ ހާޑް ރޮކް ރިސޯޓަށް ދާ މަގު: މިއީ ވެސް ތަފާތު ރިސޯޓެއް -- ފޮޓޯ:ހުސައިން ވަހީދު/ މިހާރު
އަލަށް ހުޅުވި ކްރޮސްރޯޑްސްގެ ހާޑް ރޮކް ރިސޯޓަށް ދާ މަގު: މިއީ ވެސް ތަފާތު ރިސޯޓެއް -- ފޮޓޯ:ހުސައިން ވަހީދު/ މިހާރު

ކްރޮސްރޯޑްސް ހުޅުވިފަހުން އަންނަ ފުރަތަމަ އާ އަހަރަށްވާ އިރު ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިޔާގައި މި އިވެންޓަށް ޝައުގުވެރިކަން ފާޅުކޮށް ޝެއާ ކުރަމުންނެވެ. މާލެ ކައިރި ސަރަހައްދުތަކުގެ ތެރެއިން އާ އަހަރުގެ ފާހަގަކުރުމަށްޓަކައި އެންމެ ގިނަ ބަޔަކު ދާނެ އެއް ތަނަކަށް މިފަހަރު ކްރޮސްރޯޑްސް ވާނެ އެވެ. އާ އަހަރުގެ ހަރަކާތްތަކުގެ ތަފްސީލުތައް ކުރިއަށް އޮތްތަނުގައި ހާމަކުރާނެ ކަމަށް ކްރޮސްރޯޑްސްއިން ބުނެ އެވެ.

ދަ މެރީނާ އެޓް ކްރޮސްރޯޑްސްގެ އިމާރާތެއް. ފޮޓޯ: ހުސައިން ވަހީދު/ މިހާރު
ދަ މެރީނާ އެޓް ކްރޮސްރޯޑްސްގެ އިމާރާތެއް. ފޮޓޯ: ހުސައިން ވަހީދު/ މިހާރު

މިހާރު ވެސް ހަފްތާ ބަންދާ ދިމާކޮށް ގިނަ ބަޔަކު އާއިލާއާ އެކު އެތަނަށް ގޮސް އުޅެ އެވެ. ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި މިހާތަނަށް ހިންގި އެންމެ ބޮޑު މަޝްރޫއު، އެނބޫދޫ ފަޅު ހިއްކައިގެން ހެދި ހިތްގައިމު، ކްރޮސްރޯޑްސްއަށް 300 މިލިއަން ޑޮލަރު ހަރަދުކޮށްފައިވެ އެވެ.

މާލޭގެ ދެކުނު ފަރާތުން ފުރަތަމަ އަށް އޮންނަ ބޮޑު ފަޅުގައި އޮންނަ ކްރޮސްރޯޑްސް އަށް އާންމުންނާއި ކުޑަކުދިންނަށް ހާއްސަ ކޮށްފައިވާ ތަންތަން ހުރެ އެވެ. އޭގެ ތެރޭގައި ރެސްޓޯރެންޓްތަކާއި ފިހާރަތައް ހިމެނެ އެވެ. ކޮންމެ ދުވަހަކު ވެސް ހެނދުނު 10:00 އިން ރޭގަނޑު 12:00 އެތަނަށް ދިޔުމަށް ފެރީ އޮވެ އެވެ.