ގާހިރާ (އޮގަސްޓް 3) - މިސްރުގެ ޕިރަމިޑް (އަހުރާމް) ތައް ހަދާފައި ވަނީ އޭލިއަނުން ކަމަށް އެމެރިކާގެ ބިލިއަނަރު އީލޮން މަސްކް ވިދާޅުވުމުން މިސްރުން ރައްދު ދީފި އެވެ.
މިސްރުން ވަނީ އީލޮން މަސްކް އެ ގައުމަށް ވަޑައިގެން އަމިއްލަ އަށް ޕިރަމިޑްތައް ބެއްލެވުމަށް ދައުވަތު ދެއްވައިފަ އެވެ.
ސްޕޭސްއެކްސްގެ ވެރިޔާ ކުރެއްވި ޓްވީޓެއްގައި ވަނީ އަހުރާމްތައް ހެދުމުގައި އޭލިއަނުން ބައިވެރިވެފައިވާ ކަމަށް ބުނާ ތިއަރީތަކަށް ތާއީދުކޮށްފަ އެވެ. މަސްކުގެ ޓްވީޓް 84،000 ފަހަރު ރިޓްވީޓްކޮށްފައިވެ އެވެ. ނަމަވެސް މިސްރުގެ އިންޓަނޭޝަނަ،ލް ކޯޕަރޭޝަން މިނިސްޓަރު ރާނިއާ އަލް މަޝާތު ވަނީ އެކަން ދޮގު ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ އަހުރަމްތައް ހަދާފައި ވަނީ މިސްރުގެ ގަދީމީ މަސައްކަތްތެރިން ކަމަށެވެ. އަދި އެ މަސައްކަތްތައް ބެއްލެވުމަށް މިސްރަށް ވަޑައިގަތުމަށް އޭނާ ވަނީ މަސްކް އަށް ދައުވަތު ދެއްވައިފަ އެވެ.
މިސްރުގައި 100 އަށް ވުރެ ގިނަ ޕިރަމިޑް ހުރެ އެވެ. އޭގެ ތެރޭން އެންމެ މަޝްހޫރުވެފައި ވަނީ ގްރޭޓް ޕިރަމިޑް އޮފް ގިޒާ އެވެ.