ދުސިޓްޑީޓޫ ރިސޯޓުގެ އެފްއެމްބީ ޑައިރެކްޓަރު ފިރާގު އާދަމްގެ ވާހަކަ ފެށެނީ އޭނާ މީގެ އަހަރުތަކެއް ކުރިން ފޯސީޒަން ކުޑަހުރާ ރިސޯޓުގައި މަސައްކަތް ކުރި ދުވަސްވަރުގެ ތަޖުރިބާތަކާ ހިސާބުންނެވެ. އެއީ ޓޫރިޒަމް ދާއިރާގެ މެހުމާންދާރީގެ މުހިންމުކަން އޭނާ އަށް ވިސްނައިދިން އެންމެ މުހިންމު ފިލާވަޅުކަން އުމުރުން 51 އަހަރުގެ ފިރާގު މިއަދު ވެސް ގަބޫލުކުރެ އެވެ.
އެ ވާހަކަތައް އޭނާ އަހަރެމެންނަށް ކިޔައިދިނީ ވެސް ގެސްޓުންނަށް އަދާކުރަންޖެހޭ މެހުމާންދާރީގެ މުހިންމުކަން މި ސިނާއަތަށް އަންގައިދޭށެވެ.
އޭރު ގަޑިން ހަވީރު ހައެއް ޖެހީ އެވެ. ފޯސީޒަން ކުޑަހުރާ ރިސޯޓުގެ ޑިއުޓީ ނިންމައި، ރޫމަށް ދާން ނުކުންނަނިކޮށް ފިރާގަށް މެނޭޖަރު ގޮވާލައި، ރޫމް ސާވިސް އަށް އިތުރު އޯޑަރެއް ހަވާލުކޮށްލަން އެދުނެވެ. އެއީ ފޯސީޒަންގެ ކޮޓަރި 314 ގެ އޯޑަރެކެވެ. އެ ކޮޓަރިއަށް ގޮސް ގެސްޓް މީހާ ގާތު ކާތަކެތި ސާވް ކުރަންވީ ތަން އެހުމުން އޭނާ ބޭނުންވީ ބީޗުގައި އިނދެ ހަމަޖެހިލައިގެން ކެއުމަށް އިންސާފު ކުރާށެވެ. ބީޗަށް މޭޒު ގެންދިޔަ އިރު ކޮންމެވެސް ވަރަކަށް ވާރޭ ކަނި ވެސް ޖަހަ އެވެ.
އެކަމަކު އެ ވާހަކަ ގެސްޓުމީހާ ކައިރީ ބުނުމުން ވެސް އެ މީހާ ބޭނުންވީ ޖައްވު ފެންނަ ހިސާބުގައި އިނދެ އެ ރޭގެ ޑިނާ ނަގާށެވެ. ބީޗުގައި މޭޒާއި ގޮނޑި ބަހައްޓާ އަތުރައިލުމުން އަނެއްކާ ވެސް ގެސްޓުމީހާ ބޭނުންވީ އެ ރިސޯޓުގެ ރެސްޓޯރެންޓުގައި ޖަހާފައި ހުންނަ ފަދަ ޓިކީ ޓޯޗުތަކެއް ނުވަތަ ބައްތިތަކެއް ކާމޭޒު ކައިރީގައި ޖަހައިދޭށެވެ. ފިރާގު އެއްވެސް ޝަކުވާއެއް ނުކުރެ އެވެ. ވޯކީޓޯކީން ރޫމް ސާވިސް އަށް ގުޅައި، ޓިކީ ޓޯޗް ތައްޔާރު ކޮށްދޭން އެދުނެވެ. މޭޒު ކައިރީގައި ޓޯޗް ޖަހައި ނިންމާލިއިރު އެ ހިސާބުން އެހެން ކަމެއް ދިމާވެއްޖެ އެވެ. ގެސްޓުމީހާ އަށް ގެނައި ކާއެއްޗެހި ހުރީ ހިހޫވެފަ އެވެ. ގެސްޓުމީހާ އެ ވާހަކަ ބުނުމުން ފިރާގު އަލުން ރެސްޓޯރަންޓަށް ގުޅައި ޑިނާ އަށް އޯޑަރު ދިނެވެ.
އަލުން އޯޑަރު ދިން ބާވަތްތައް ގެނެސް ގެސްޓުމީހާގެ ހާއްސަ މޭޒުމަތީގައި އަތުރާލެވުނީ އެ ރޭގެ އަށެއް ޖަހައި ބޮޑުވި ފަހުންނެވެ. ގެސްޓުމީހާގެ ޑިނާއާ ގުޅޭ ހުރިހާ ކަމެއް ފުރިހަމަކޮށް ނިންމައިލެވުމާ އެކު ފިރާގުގެ ލޮލުން ކަރުނަ އޮހިގަތެވެ. އެންމެ ސަބަބަކާ ހެދި އެވެ. އެއީ މަސައްކަތު މާހައުލުގައި އޭނާގެ ކެތްތެރިކަން ޓެސްޓުވި ދުވަހަށް ވީތީ އެވެ. ޝަކުވާއެއް ނެތި އެ ގެސްޓުމީހާ އުފާވާ ގޮތަށް އެ ރޭގެ ޑިނާއާ ގުޅޭ ކަންކަން ކޮށްދެވުނީމަ އެވެ.
މިއީ ފިރާގުގެ ޓޫރިޒަމް ދާއިރާ ކެރިއަރު ފެށި ދުވަސްވަރު ހަދާނުން ފިލުވައިލަން އެންމެ އުނދަގޫ އެއް ހާދިސާ އެވެ. އެކަމަކު މިއަދުވެސް ލިބޭ އެންމެ ބޮޑު އުފަލަކީ ޓޫރިސްޓު ބޭނުންވި ގޮތަށް، އޭނާއަށް ހިދުމަތް ކޮށް ދެވުމެވެ. މިއަދުވެސް އެފަދަ ކަމެއް ދިމާވެއްޖެ ނަމަ ކަން ކުރާނީ އެ ދުވަހު ކުރި ގޮތަށް ކަމަށް އޭނާ ބުންޏެވެ.
ޓޫރިޒަމް ދާއިރާއާ މީގެ 28 އަހަރު ކުރިން ފިރާގު ގުޅުނުއިރު އޭރު، އިސްކޮށް ހުންނަ މެނޭޖަރު އަންގާނީ މަސައްކަތް ފަށާ ވަގުތު އެކަންޏެވެ. އެ ދުވަހެއްގެ މަސައްކަތް ނިމޭ ވަގުތެއް ނޯވެ އެވެ. މިސާލަކަށް މެނޭޖަރު ހެނދުނު ހައެއް ޖަހާއިރު މަސައްކަތް ފަށަން ބުނެފިއްޔާ އެއީ ފަށާ ގަޑި އެވެ. ދެން ނިންމާފައި ގެއަށް ދާނީ ވެސް މެނޭޖަރު "އޯކޭ" ދިނުމުންނެވެ. މާގިނަ ސުވާލުތަކެއް ނުކުރެވޭނެ އެވެ. ވަޒީފާގައި ދެމިހުންނަން ބޭނުންވެއްޖެ ނަމަ، ޖެހޭނީ އެގޮ ތުގައި ކުރިއަށް ދާށެވެ.
އެކަމަކު މިހާރު މަސައްކަތު ވަގުތު ވަރަށް ސާފެވެ. ކޮންމެ މުވައްޒަފަކު ވެސް މަސައްކަތަށް ނުކުންނަން ޖެހޭނީ 8 ގަޑި އިރަށެވެ. އަނެއްކޮޅުން މުވައްޒަފުންގެ ދައުރާއި އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް ވެސް ވަރަށް އެނގެ އެވެ. ހުރިހާ ކަމެއް ތަރުތީބު ކުރަންޖެހޭ ގޮތްތައް އޮންނަނީ ސާފުކޮށް އެނގޭށެވެ.
ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް މިދިޔަ ދުވަސްތަކުގައި ބޮޑެތި ބަދަލުތަކެއް އައިސްފައިވާ އިރު އެންމެ ބޮޑު ބަދަލެއް އައީ މަސައްކަތު މާހައުލާއި މުވައްޒަފުންނާ މެދު މެނޭޖްމެންޓުން ގެންގުޅޭ އުސޫލުތަކަށެވެ. ޒަމާނަށް އައި ބަދަލާ އެކު ހިންގުމުގެ ވައްޓަފާޅި އަށް ބޮޑެތި ބަދަލުތަކެއް އައިސް، މެނޭޖަރުންނާ އެންމެ އާދައިގެ މުވައްޒަފުންނާ އެކު ވާހަކަ ދައްކާލެވި، ހިޔާލު ފާޅުކޮށްލުން މިހާރު ބަލައިގަނެ އެވެ. މެނޭޖަރުން ވެސް މުވައްޒަފުންނާ ގާތް ގުޅުމެއް ބާއްވަން މައްސަކަތް ކުރެ އެވެ. އަދި މުވައްޒަފުން ބޭނުންވާ ފަދަ މަސައްކަތު މާހައުލެއް ހޯދައިދޭން މުހިއްމު އިސްކަމެއް މިހާރު ދެ އެވެ. ރާއްޖޭގެ ހޮސްޕިޓާލިޓީ އިންޑަސްޓްރީގައި ވެސް އެކަން އޮތީ އެހެންނެވެ.
ޓޫރިޒަމް ދާއިރާއާ އެހާ ކުރިން ގުޅުމުން، މިދިޔަ އަހަރުތަކުގައި އެ ދާއިރާއަށް އައި ބޮޑެތި ބަދަލުތައް ފިރާގަށް ވަރަށް ސާފުކޮށް ކައިރިން ވަނީ ފެނިފަ އެވެ.
އޭނާ ބުނިގޮތުގައި، އެންމެ ބޮޑު ބަދަލެއް އައީ މުވައްޒަފުންނާ ގުޅޭ ކަންކަމުގަ އެވެ. އެހެން ދާއިރާތަކެކޭ ވެސް އެއްގޮތަށް ޒަމާނީ ވަސީލަތްތަކާއި އާ ޓެކްނޮލޮޖީއާ އެކު ޓޫރިޒަމް ދާއިރާ އޮޕަރޭޓް ކުރާ ގޮތް ވެސް ވަރަށް ބޮޑަށް ބަދަލުވެފައިވާ ތަން ފިރާގަށް ވަރަށް ސާފުކޮށް ފެނެ އެވެ. މިވަގުތު، މުވައްޒަފުންނާއި މުއާމަލާތްކޮށް ޓާސްކްތައް ފުރިހަމަ ކުރިކަން ދެނެގަންނަނީ އެ ކަންކަމަށް ހާއްސަ އެޕްލިކޭޝަންތައް މެދުވެރިކޮށެވެ.
ފިރާގު ޓޫރިޒަމް ދާއިރާއާ ގުޅުނީ 1998 ވަނަ އަހަރު ފޯސީޒަންގެ ވެއިޓަރެއްގެ ގޮތުގަ އެވެ. ނަސީބު ރަނގަޅު ކަމުން އެ ރިސޯޓުގައި އޭރު ވެސް އޮތީ، ރާއްޖޭގެ އެހެން ރިސޯޓުތަކާ އަޅާ ބަލާއިރު ފަހުގެ ޒަމާނީ މެނޭޖްމެންޓް ސްޓައިލެކެވެ. އެ ރިސޯޓުގެ މެނޭޖަރުންނާއި އިސްވެރިންނާއި އާދައިގެ މުވައްޒަފުންނާ އަބަދުވެސް އޮންނަނީ ވަރަށް ގާތް ގުޅުމެކެވެ.
މި ވަގުތު އޭނާ ދުސިޓްޑީޓޫ ރިސޯޓުގެ އެފްއެމްބީ ޑައިރެކްޓަރެއްގެ މަގާމުގައި ހުރި އިރު، ފޯ ސީޒަނުން ލިބުނު ތަޖުރިބާތައް ބޭނުން ކުރެ އެވެ. ގާތްގަނޑަކަށް 70 މުވައްޒަފުން ބަލަހައްޓާ ފިރާގު، އަބަދުވެސް މަސައްކަތް ކުރަނީ ހުރިހާ މުވައްޒަފުންނަށް ވެސް އެޕްރޯޗަބަލް ގާތްގުޅުމެއް ބޭއްވުމަށެވެ. އެކަން ކުރަން އޭނާ އަށް އުނދަގުލެއް ވެސް ނޫނެވެ. ފިރާގަށް ލިބޭ އެންމެ ބޮޑު އުފަލަކީ ވެސް މުވައްޒަފުންނާ ބޭއްވޭ ގާތް ގުޅުމެވެ.
ދުސިޓްޑީޓޫ ރިސޯޓުގެ މެނޭޖްމެންޓްގެ ދެވަނަ އަށް އެންމެ އިސް މަގާމުގައި ހުރެ އޭނާ އަންނަނީ އެ ރިސޯޓުގެ ރެސްޓޯރެންޓްތަކާއި އެފްއެންޑްބީގެ ހުރިހާ ކަމެއް ބަލަހައްޓަމުންނެވެ. ރިސޯޓުތަކުގެ އިސް މަގާމުތަކުގައި ކެރިއަރުގެ ދެބައިކުޅަ އެއްބައި ހޭދަކުރި އިރު އޭނާ އެންމެ ގިނަ ދުވަހު މަސައްކަތް ކުރީ ވަން އެންޑް އޮންލީ ރީތި ރަށުގަ އެވެ. އެ ރިސޯޓުގައި މަސައްކަތް ފެށީ 2005 ވަނަ އަހަރު ވެއިޓަރެއްގެ ގޮތުގަ އެވެ. އެ ރިސޯޓުގައި 12 އަހަރު ހޭދަކުރިއިރު ފިރާގު ރިސޯޓުން ވަކިވި އިރު ހުރީ އެފްއެންޑްބީ އޮޕަރޭޝަން މެނޭޖަރަކަށެވެ.
އޭގެ ފަހުން އޭނާ ވަނީ އަނަންތާރާ އާއި ފިނޮޅާއި ވެލާ އާއި ޝިޔާމް ވޯލްޑް އަދި ކްރޮސްރޯޑުގެ ވެސް އެފްއެންޑްބީގެ އިސް މަގާމުތައް އަދާކޮށްފަ އެވެ.
"ބައެއް ފަހަރު ވާގޮތަކީ ބައެއް ވެރިންނަށް ނުކެރޭނެ ސްޓާފް މީހާ ކައިރި އަށް ގޮސްފައި އެއްޗެއް އަހާލަން. އެކަމަކު މިހާރު އެގޮތް އެއްކޮށް މިވަނީ ބަދަލުވެފައި. އެންމެންނަކީ ވެސް މީހުންދޯ. އިންސާނުންދޯ. އެހެންވެ އެންމެންނަށް ވެސް އެބަ ޓްރީޓް ކުރަންޖެހޭ ރަނގަޅަށް،" ފިރާގު ކިޔައިދިނެވެ.
ފޯ ސީޒަން ރިސޯޓުން ފިރާގަށް ދަސްވި ފިލާވަޅުތަކަކީ އޭނާގެ ކެރިއާ ކުރިއަށް ގެންދިއުމަށް ލިބުނު ވަރަށް ބޮޑު އެޑްވާންޓޭޖެކެވެ. ޒަމާނީ ހޮސްޕިޓާލިޓީގެ ސިފަތަކާއި އުކުޅުތައް ދަސްވިއިރު އެ ތަނުން ތަޖުރިބާ ހޯދި އެތައް ބަޔަކު މިހާރު ވެސް ރާއްޖޭގެ ރިސޯޓުތަކުގައި މަތީ މަގާމުތަކުގައި އުޅޭ ކަން އޭނާ ފާހަގަކުރި އެވެ.
"ރާއްޖޭގައި އިންޑަސްޓްރީގައި ގާތްގަނޑަކަށް 90 ޕަސެންޓް ސަކްސީޑް ވެފައި ތިބީ ފޯ ސީޒަންގެ ބެކްގްރައުންޑް މީހުން،" ފިރާގު ފަހުރުވެރިކަމާ އެކު ބުންޏެވެ.
ފިރާގު ވެސް ޓޫރިޒަމް ދާއިރާގައި ސާބިތުވާން ދަސްކޮށްދިނީ ފޯ ސީޒަން ރިސޯޓުންނެވެ. އޭނާގެ ކެރިއަރުގައި އެންމެ މުހިއްމު ފިލާވަޅުތައް ދަސްވީ ފޯ ސީޒަންސްގެ މިހާރުގެ ވައިސް ޕްރެޒިޑެންޑް އަރްމާންޑޯ ކްރޭންޒްލިންގެ އަރިހުންނެވެ. އެއީ ކެރިއަރުގައި ކުރިއަށް ދިއުމަށް އެޅުނު ބިންގަލެވެ.
ތިން ކުދިންގެ ބައްޕަ ފިރާގު، މިވަގުތު ވިސްނުން ހުރީ ރިޓަޔާ ކުރާށެވެ. އެކަމަކު އޭނާ ބުނީ، މިއީ ރާއްޖެ ފަދަ ގައުމެއްގައި މަސައްކަތް ކުރަން އެންމެ ރަނގަޅު ދާއިރާ ކަމަށެވެ. މަސައްކަތަކުގައި ދެމިހުރެއްޖަ ނަމަ ކުރިއެރުންތައް ވެސް ފަސޭހައިން ލިބޭ ތަން ފިރާގަށް ފެނެ އެވެ. އަދި މިއީ ސްކޫލް ނިންމައި، މަތީ ތައުލީމު ހާސިލުކުރަން ވެސް ރަނގަޅު ދާއިރާއެކެވެ. އެކަމަކު ދާއިރާއާ އެކަށީގެންވާ އަދަދަކަށް ޒުވާނުން ގުޅޭ ކަމަކަށް ފިރާގު ގަބޫލެއް ނުކުރެ އެވެ.
"އަސްލު ސްކޫލުތަކުގައި މާއްދާއެއްގޮތަށް ޓޫރިޒަމް އިންޑަސްޓްރީ ކިޔަވައި ދޭންވީ. އަސްލު ސެކަންޑަރީ އެޑިއުކޭޝަނުން ފެށިގެން މިކަންކަން ކިޔަވައި ދޭން ޖެހޭ،" ފިރާގު ބުންޏެވެ.
"މިސާލަކަށް ފައިނޭންޝަލް ކޮންޓްރޯލާސް. ރާއްޖޭގެ ރިސޯޓުތަކުގައި ދިވެހިން އެންމެ މަދުވާނީ ފައިނޭންޝަލް ކޮންޓްރޯލާގެ މަގާމުތަކުގައި. މުޅި ރާއްޖޭގައި ވެސް ހަތަރު ވަރަކަށް ރިސޯޓުގައި އުޅެނީ ދިވެހިން. އެހެން ނޫނީ މި އުޅެނީ ލަންކާ މީހުން، ފިލިޕީންސް ނޫނީ ތައިލެންޑު މީހުން."
ފިރާގު ބުނީ، އެފަދަ މަގާމުތައް ވެސް ހުރިކަން ކިޔަވަމުން އަންނަ ކުދިންނަށް އެނގުމުން، ޝައުގުވެރިކަން އުފެދުމަށް ހިތްވަރަކަށްވެ، ސްކޫލު ދުވަސްވަރުން ފެށިގެން އެ މަގާމުތަކަށް ދާން މަސައްކަތް ކުރާނެ ކަމަށެވެ. އެހެންވެ، ރިސޯޓުތަކުގައި ނުވަތަ ޓޫރިޒަމް ދާއިރާގައި ހުރި ފުރުސަތުތައް ކިޔަވާ ކުދިންނަށް އެނގުން ވަރަށް މުހިއްމު ކަމަށް ފިރާގު ދެކެ އެވެ.
ފިރާގަށް މިވީ ދުވަސްތަކުގައި އެންމެ ބޮޑަށް ދަސްވި ކަމަކީ ގެސްޓުންނާ މުއާމަލާތް ކުރުމުގެ ކެތްތެރިކަން އިސްކުރުމާއި އެހެން މުވައްޒަފުންނާ ގުޅިގެން އެކުގައި މަސައްކަތް ކުރުމެވެ. ސީނިއާ، ޖޫނިއާގެ ފަރަގު ކުޑަކޮށް ގުޅުން އާލާކުރުމުގެ މުހިންމުކަން މިދިޔަ 28 އަހަރު ކިތަންމެ ރަނގަޅަކަށް ވެސް ފިރާގު ދަސްކޮށްފި އެވެ. ދުސިޓްޑީޓޫ ރިސޯޓުގެ މެނޭޖުމަންޓުގެ ދެވަނަ އަށް އެންމެ އިސް މަގާމުގައި މިއަދު އޭނާ އެ ހުރީ އެހެންވެ އެވެ.