މި އަހަރުގެ މިހާތަނަށް ދުވާލަކު އެވްރެޖުކޮށް ޑްރަގުގެ ފަސް އޮޕަރޭޝަން ހިންގާފައިވާ ކަމަށާއި އެ މަސައްކަތުން 121 މިލިއަން ރުފިޔާގެ ޑްރަގު އަތުލައިގެންފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ޑްރަގްގެ މައްސަލަތަކާ ގުޅޭ މައުލޫމާތު ދިނުމަށް ބޭއްވި ޕްރެސް ކޮންފަރެންސްގައި، ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ހެޑް، ސުޕްރިޓެންޑެންޓު އޮފް ޕޮލިސް އަހުމަދު މުސްލިމް ވިދާޅުވީ މިދިޔަ ޖެނުއަރީ 1 އިން މިދިޔަ މަހުގެ ނިޔަލަށް 1،141 އޮޕަރޭޝަން ހިންގާފައިވާ ކަމަށެވެ. 

އެއީ ފާއިތުވި ހަތް މަސް ދުވަހަށް ބަލާ ނަމަ އެވްރެޖުކޮށް ދުވާލަކު ފަސް އޮޕަރޭޝަނެވެ.

އެ އޮޕަރޭޝަންތަކުން 1،800 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައި ވާއިރު އޭގެ ތެރޭގައި ގިނައީ މާލެ ސަރަހައްދުން ހައްޔަރުކުރި މީހުން ކަމަށް މުސްލިމް ވިދާޅުވި އެވެ. އެއީ 760 މީހުންނެވެ. 

އޭނާ ވިދާޅުވީ އެ މުއްދަތުގައި ޑްރަގްގެ 1،530 މައްސަލައެއް ތަހުގީގުކޮށް 600 އަށްވުރެ ގިނަ މައްސަލަތަކުގެ ތަހުގީގު ނިންމައި ދައުވާކުރަން ފޮނުވާފައިވާ ކަމަށެވެ. 

ހަތް މަސް ދުވަހުގެ ތެރޭގައި ރާއްޖެއިން 144 ކިލޯގެ ޑްރަގްސް އަތުލައިގަތެވެ. މާލެއިން އެކަނި ވެސް 137 ކިލޯއަށްވުރެ ގިނަ ޑްރަގްސް އަދި ސަދަން ޕޮލިހާއި ނޮދަން ޕޮލިހުން ތިން ކިލޯއަށްވުރެ ގިނަ ޑްރަގްސް އަތުލައިގަތެވެ. އަދި 845 ބަނގުރާ ފުޅި އަތުލައިގަނެފައިވެ އެވެ. އެ ތަކެތީގެ މަގުމަތީ އަގު 121 މިލިއަން ރުފިޔާއަށް އަރަ އެވެ. 

މުސްލިމް ވިދާޅުވީ އެ މައްސަލަތަކާ ގުޅިގެން 1،875 މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަތަކާ ގުޅުން ހުރި 116 ބިދޭސީން ޑީޕޯޓުކުރަން އިމިގްރޭޝަނާ ވަނީ ހަވާލުކޮށްފަ އެވެ. 

ޑްރަގްސް ބޭނުންކުރާ ކަމަށް ތުހުމަތުކޮށް ޖުމްލަ ހަ ތަނެއް ވަނީ ބަންދުކޮށްފަ އެވެ.  

ޑްރަގާ ގުޅޭ 1،533 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވެ އެވެ. އޭގެ ތެރެއިން ތަހުގީގުތައް ނިންމައި 634 މައްސަލައެއްގައި ދައުވާކުރަން ޕީޖީ އޮފީހަށް ވަނީ ހުށަހަޅައިފަ އެވެ.