ވައިގެމަގުން ރާއްޖެ އައި އިންޑިއާ މީހަކު އެތެރެކުރަން އުޅުނު ފަސް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިގެންފި އެވެ.

ކަސްޓަމްސް އިން މިއަދު ބުނީ ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 5.5 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި މިދިޔަ ހޮނިހިރު ދުވަހު އަތުލައިގެންފައިވާ ކަމަށެވެ.

އެއީ އިންޑިއާ އިން ރާއްޖެ އައި އެ ގައުމުގެ ދެ ފަސިންޖަރެއްގެ ލަގެޖްގައި ފޮރުވާފައި ހުރި މަސްތުވާތަކެތި ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ. 

ކަސްޓަމްސް އިން ބުނި ގޮތުގައި، އެ ތަކެތީގެ މަގުމަތީ އަގު 4.4 މިލިއަން ރުފިޔާއަށް އަރަ އެވެ. 

ބެންގަލޫރުން ރާއްޖެއަށް އައި އިންޑިއާ ބައެއްގެ ލަގެޖްތަކުގައި އިތުރު ފޫތަކެއް އަޅައި އޭގެ ދަށުގައި ފޮރުވައިގެން 8.3 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައެއް ވެސް އިދާރާތަކުން އަންނަނީ ތަހުގީގުކުރަމުންނެވެ. އެ މައްސަލައިގައި މިހާތަނަށް ފަސް މީހަކު ހައްޔަރުކޮށްފައިވާއިރު، އެއީ ތިން ދިވެއްސަކާއި އިންޑިއާގެ ދެ މީހެކެވެ. އިންޑިއާގެ ދެމީހުން ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. 

އިންޑިއާ އިން ރާއްޖެ އައި އެ ގައުމުގެ މީހަކު ބޫޓެއްގެ ފުލުގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައެއް ވެސް އަންނަނީ ތަހުގީގުކުރަމުންނެވެ. އުމުރުން 30 އަހަރުގެ އެ މީހާގެ ލަގެޖް ކަސްޓަމްސް އިން ފާސްކުރި އިރު އޭގެ ތެރެއިން ނެގި ކޮތަޅެއްގައި އޮތް ދެ ޓެނިސް ބޫޓެއް ފުލުގައި މަސްތުވާތަކެތި ފޮރުވާފައި ހުއްޓެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ބިދޭސީންގެ ތެރޭގައި އިންޑިއާގެ މީހުން މިހާރު ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެ މައްސަލަ ބޮޑުވެ އެ ގައުމުގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ކަންބޮޑުވުން ފާޅުކޮށް ހާއްސަ އެޑްވައިޒަރީއެއް ވެސް ނެރެފައިވެ އެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމަކީ މިހާރު މަރުގެ އަދަބު ކަނޑައަޅާފައިވާ ބޮޑު ކުށެކެވެ.