ރާއްޖޭން ބޭރުން އައި އިރު ކުރިމަތިފަރާތުގައި އެއްޗެއް ފޮރުވާފައި ހުރި ކަމަށް ޝައްކުވެގެން އިތުރަށް ފާސްކުރި އިރު މަސްތުވާތަކެތި ފެނިގެން ދިވެއްސަކު ހައްޔަރުކޮށްފި އެވެ. 

ކްރިިމިނަލް ކޯޓުން އިއްޔެ ނެރުނު ބަންދު އަމުރުގައިވާ ގޮތުން ރާއްޖެއަށް ޑްރަގް އެތެރެކޮށް ޓްރެފިކް ކުރުމުގެ ތުހުމަތަށް ހައްޔަރުކުރި މީހަކީ މއ. މޯނިން ވިއު، އާމިނަތު ޝަފަގު 32، އެވެ.

އޭނާ 30 ދުވަހަށް ބަންދުކޮށް ނެރުނު އަމުރުގައިވާ ގޮތުގައި ކުރިމަތިފަރާތުގައި އެއްޗެއް ފޮރުވާފައި ހުރި ކަމަށް އެކްސްރޭ އިން ދެއްކުމުން އެކަމާ ސުވާލުކުރުމުން އޭނާ ވަނީ އެއީ ކޮކެއިން ކަމަށް ބުނެފަ އެވެ. 

އޭނާ ލައިގެން ހުރި ޖީންސާއި ހަށިގަނޑާ ދޭތެރެއިން ދެ ޕެޑް ނަގާފައި ދިން ކަމަށާއި އެ ބަލައި ފާސްކުރި އިރު އެ ދެ ޕެޑްގެ ދޭތެރޭގައި މަސްތުވާތަކެތި ހުރި 30 ޕެކެޓް އޮތް ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވެ އެވެ. އެ ތަކެތީގެ ބަރުދަނުގައި 31 ގްރާމް ހުއްޓެވެ. 

މި ތަކެއްޗަކީ އެހެން މީހަކަށް ރައްދުކުރުމަށް ގެނައި އެއްޗެއް ކަމަށް ބެލެވޭއިރު އެ މީހާއާ އާމިނަތު މުއާމަލާތުކޮށްފައި ހުރި ކަމަށާއި ފުލުހުންގެ ބެލުމުގެ ދަށުން ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއް ވެސް ހިންގި ކަމަށް އަމުރުގައިވެ އެވެ. 

ހައްޔަރުކުރި މީހާ އަކީ ނަފްސާނީ އެކި ބަލިތައް ތަހަންމަލްކުރާ މީހެއް ކަމަށް އޭނާގެ ވަކީލް ކޯޓުގައި ބުނެފައިވެ އެވެ. އެހެންވެ ބަންދުގައި ހުންނައިރު، އޭނާގެ ކަންކަން ގާތުން ބެލުމަށް ގާޒީ ސަފްއަތު ހަބީބު ނެރުއްވި އަމުރުގައިވެ އެވެ.