ރާއްޖެ އާއި މޮރިޝަސްއާ ދެމެދު އުފެދުނު އިމުގެ މައްސަލަ ނިންމި ގޮތާ މެދު އުފެދިފައިވާ ބަހުސްގައި ބާ ކައުންސިލުން ދެކޭ ގޮތް ހާމަކޮށް ރައުޔެއް ނެރެން ނިންމުމުން އެކަމާ މެދު ސުވާލު އުފައްދައި އެ މައްސަލާގައި ސަރުކާރާ ދެކޮޅަށް ތިއްބެވި ކުރީގެ ބަންޑާރަ ނައިބުން ސިޓީއެއް ފޮނުއްވައިފި އެވެ.

ކަނޑުގެ އިމުގެ މައްސަލާގައި ރާއްޖެ އާއި މޮރިޝަސްއާ ދެމެދު އުފެދުނު ހިލާފް ބައިނަލްއަގްވާމީ ޓްރައިބިއުނަލުން ނިންމީ ރާއްޖެއަށް ގެއްލުންވާ ގޮތަށް ކަމަށާއި އެއީ ސަރުކާރުން ވީ އިހުމާލެއް ކަމަށް އިދިކޮޅި ފަރާތްތަކުން ދަނީ ބުނަމުންނެވެ.

މިއީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލުން ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވަނީ ސަރުކާރާ ދެކޮޅަށް އިންތިހާދެއް ހަދައިފަ އެވެ.

ބާ ކައުންސިލުން އޮތީ މައްސަލަ ދިރާސާ ކުރުމަށްފަހު އެ ކައުންސިލްގެ ރައުޔެއް ހާމަކުރަން ނިންމައިފަ އެވެ.

ބާ ކައުންސިލްގެ އެ ނިންމުމާ ދެކޮޅަށް އެ ކައުންސިލަށް ސިޓީ ފޮނުއްވީ މި އަހަރު ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާނުކުރައްވާފައިވާ ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބަންޑާރަ ނައިބު އަދި ލީގަލް އެފެއާޒް މިނިސްޓަރުކަން ކުރެއްވި އާޒިމާ ޝަކޫރުގެ އިތުރުން ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދެވެ. މި ހުރިހާ ބޭފުޅުންނަކީ ވެސް އިމުގެ މައްސަލާގައި ސަރުކާރުން ދައްކާ ވާހަކައާ ދެކޮޅު ބޭފުޅުންނެވެ.

އެ ސިޓީގައި އެ ބޭފުޅުން ވިދާޅުވެފައިވަނީ ބާ ކައުންސިލްގެ ރައީސާއި އެގްޒެކެޓިވް ކޮމެޓީގެ ބައެއް މެމްބަރުން އެ މައްސަލާގައި ސަރުކާރު ދިފާއުކޮށް ވާހަކަ ދައްކަވާފައިވާ ކަމަށެވެ. އަދި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތަކީ ވެސް އެގްޒެކެޓިވް ކޮމެޓީގެ މެމްބަރަކަށް ވާއިރު އިމުގެ މައްސަލާގައި އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް ބާ ކައުންސިލުން އެ މައްސަލާގައި ރައުޔެއް ނެރުން މަސްލަހަތު ފުށުއަރާ ކަމަށް އެ ސިޓީގައިވެ އެވެ.

މީގެ އިތުރުން ރާއްޖޭގެ ހުރިހާ ވަކީލުންގެ ވިސްނުން ހާމަވާނެ ގޮތަކަށް ބާ ކައުންސިލަށް ރައުޔު ނެރެވޭނެ ކަމާ މެދު ސުވާލު އުފެދޭ ކަމަށް ވެސް އެ ސިޓީގައި ވިދާޅުވެފައިވެ އެވެ. ސިޔާސީ މައިދާނުގައި ހިނގާ ކަންކަމުގެ ތެރެއަށް ވަކީލުން ވަދެ ސިޔާސީ ކޮށްގެން ނުވާނެ ކަމަށް ވެސް އެ ސިޓީގައިވެ އެވެ.

އެ ސިޓީގައި އެ ބޭފުޅުން އެދިވަޑައިގެންފައިވަނީ އެ މައްސަލައިގައި ބާ ކައުންސިލުން ރައުޔު ނެރުމުގެ ވިސްނުން ދޫކޮށްލުމަށެވެ.

އިމުގެ މައްސަލާގައި ރިފްއަތުގެ އިތުރުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް މަޖިލީހަށް ވަނީ ހުށަހަޅައިފަ އެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން ވެސް އިދިކޮޅު ޕާޓީތަކުގެ މެމްބަރުން ދަނީ ތައްޔާރުވަމުންނެވެ.