ސްކޫލްތަކުގައި ބުލީކުރުން ހުއްޓުވޭނީ ގޭތެރެ އާއި މުޖުތަމައު އަކީ ހިތްފަސޭހަ އަދި ލޯބިވާ ވެއްޓަކަށް ބަދަލުކޮށްގެން ކަމަށް އެޑިއުކޭޝަން އެންޑް ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.

ބުލީގެ މައްސަލަތަކާ ބެހޭ ގޮތުން އާންމުންގެ މީހަކާ ދެކެވުނު ވާހަކައަކަށް ފަހު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ ކުޑަކުދިންނަކީ ވަށައިގެންވާ މާހައުލު ނަކަލުކުރާ ބައެއް ކަމަށާއި ކުލުނާއި އޯގާތެރިކަމެއް ނެތް މާހައުލެއްގައި ބޮޑުވާ ކުއްޖަކަށް ފެންނަނީ ނޭދެވޭ މަންޒަރުތަކެއް ކަމަށެވެ.

"އެކަކު އަނެކަކަށް މަލާމާތްކޮށް، ދަށްކޮށްލާ ބަސްތައް ބޭނުންކުރާ މުޖުތަމައަކުން ކުއްޖާ ދަސްކުރާ ނޭދެވޭ އާދަތައް ނަކަލުކޮށް، އެފަދަ ފުރައްސާރަ ސްކޫލުގެ މާހައުލުގައި ތަކުރާރުވެ އެވެ،" މިނިސްޓަރު ލިޔުއްވާފައިވެ އެވެ.

"ބުލީ ކުރުން ހުއްޓުވޭނީ ގޭތެރެ އާއި މުޖުތަމައުގެ މަސްރަހު އުފާވެރި، ހިތްފަސޭހަ، އަދި އެކަކު އަނެކަކުދެކެ ލޯބިވާ ވެއްޓަކަށް ބަދަލުކޮށްގެންނެވެ. ދޮގު ވާހަކަތައް ފެތުރުން ހުއްޓާލައިގެންނެވެ."

ގައުމުގެ މުސްތަގުބަލު ކަމުގައިވާ ކުދިންނަށް ހެޔޮ ނަމޫނާއެއް ނުދައްކައި އެކަކު އަނެކަކަށް އޯގާތެރި ނުވެއްޖެ ނަމަ މާދަމާގެ ޖީލު އޮންނާނީ ނަފްސާނީ ގޮތުން ބަލިކަށި، ކުލުނާއި އޯގާތެރިކަމުން މަހުރޫމުވެފައިވާ މާހައުލެއްގައި ކަމަށް ވެސް އިސްމާއިލް ވިދާޅުވި އެވެ.

ސޯޝަލް މީޑިއާގަ އާއި އާންމު އެއްވުންތަކުގައި މީހުންގެ އަބުރަށް އަރައިގަތުމަކީ މިހާރު ދިވެހި މުޖުތަމައުގައި މުނިފޫހިފިލުވުމަށް ކުރާ ކަމަކަށް ވެފައިވާ ކަމަށާއި އެއީ ދިވެހި ކޮންމެ ފަރުދަކު ފުންކޮށް ވިސްނައި، އިސްލާހީ ފިޔަވަޅު އަޅަންޖެހިފައިވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އިވޭ ކޮންމެ އަޑަކާއި ފަތުރާލާ ކޮންމެ ވާހަކައަކީ ހަގީގަތެއް ނޫނެވެ. ނަމަވެސް ކަންކަމުގެ އަސްލު ބެލުމެއް ނެތި އަނެކާގެ ހިތަށް ލިބޭނެ އަނިޔާއަށް ވިސްނުމެއް ނެތް މުޖުތަމައަކުން ނުކުންނާނީ ނަފްސާނީ ގޮތުން ބަލިކަށި ޖީލެކެވެ،" މިނިސްޓަރު ވިދާޅުވި އެވެ.

ހެޔޮ ޖީލެއް ބިނާކުރުމަށްޓަކައި ޓީޗަރުން ކުރާ ބުރަ މަސައްކަތް ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ކުދިންނަށް ފިލާވަޅުތައް އުގަންނައިދިނުމުގެ އިތުރުން މުޖުތަމައުންނާއި ގޭތެރެއިން ކުދިންނަށް ފެންނަ ނޭދެވޭ އާދަތައް އިސްލާހުކުރުމަށް ބުރަ މަސައްކަތްތަކެއް ކުރާ ކަމަށެވެ.

ސްކޫލްތަކުގައި ދެވޭ ތަރުބިއްޔަތުގެ ޕްރޮގްރާމް ގިނަކޮށް ހަރުދަނާ ކުރަންޖެހޭކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ މިއަހަރު ސްކޫލުތަކުގައި ފެށި "ބިންގާ" ޕްރޮގްރާމަކީ އެފަދަ މަސައްކަތެއް ކަމަށެވެ.