ފުޓްބޯޅަ އެސޯސިއޭޝަނުގެ ސީނިއާ ނައިބް ރައީސްގެ މަގާމުން ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް އިސްތިއުފާ ދެއްވާފައިވާތީ އެ މަގާމަށް މަޝްހޫރު ސްޕޯޓްސް ފިޒީޝިއަން އަހުމަދު ޝަކީބް (ޑޮކް) އެފްއޭއެމްގެ އެކްސްކޯ އިން މިއަދު އައްޔަންކޮށްފި އެވެ.

އެފްއޭއެމްގެ އަސާސީ ގަވާއިދު ބުނާ ގޮތުން އެކްސްކޯގެ މެޖޯރިޓީ ނުގެއްލޭ އަދަދަކަށް މެމްބަރުން ނުވަތަ މެމްބަރަކު ވަކިވެއްޖެ ނަމަ އެ މަގާމަށް އެހެން މެމްބަރަކު އައްޔަންކުރުމުގެ ބާރު އެކްސްކޯ އަށް ލިބެ އެވެ.

ކުޅިވަރަށް ހިދުމަތްކުރުމުގެ ރޮނގުން ގައުމީ އިނާމް ހާސިލްކުރައްވާފައިވާ ޝަކީބަކީ ރާއްޖޭގެ އިތުރުން ދެކުނު އޭޝިއާގައި ވެސް ހުންނެވި އެންމެ ތަޖުރިބާކާރު އެއް ސްޕޯޓްސް ފިޒީޝަނެވެ. އެފްއޭއެމްގެ މެޑިކަލް ޑިޕާޓްމަންޓުގައި މަސައްކަތްކުރެއްވުމުގެ އިތުރުން ޝަކީބް އަންނަނީ 1997 ވަނަ އަހަރުން ފެށިގެން ގައުމީ ޓީމަށް ވެސް ހިދުމަތްކުރައްވަމުންނެވެ. އޭނާ ކުޅިވަރުގެ ހިންގުމުގެ ތެރެއަށް ވެންނެވީ 2015 ވަނަ އަހަރު ނޯމަލައިޒޭޝަން ކޮމިޓީގެ މެމްބަރުކަން ފީފާ އިން ދެއްވި ހިސާބުންނެވެ.

ސީނިއާ ނައިބް ރައީސްގެ މަގާމުން ހުސެއިން އިސްތިއުފާ ދެއްވީ، އެގޮތަށް އަމަލުކުރައްވާނެ ކަމަށް ކުރިން ވިދާޅުވެފައިވާތީ ވައުދު ފުއްދުމުގެ ގޮތުންނެވެ. ހުސެއިން މިއަދު ވިދާޅުވީ އޭނާ އެފްއޭއެމްގެ އެ މަގާމަށް ވަޑައިގަތީ ވެސް މިކަމުގައި އަމަލީ ގޮތުން އުޅުމުގެ ޝައުގެެއް ހުރެގެން ނޫން ކަމަށާއި ބޭނުންވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލަށް އިންތިހާބު ކާމިޔާބުކޮށްދޭން އެހީވުން ކަމަށެވެ.

"އަނެއްކޮޅުގައި މަޖިލިސް މެމްބަރުންތަކެއް ތިބީމާ، ބައްސާމް އަށް ސަޕޯޓް ދިނުމުގެ ގޮތުން އަޅުގަނޑު މަޖިލިސް މެމްބަރެއްގެ ހައިސިއްޔަތުން އޭރު ބައްސާމް ޓީމާ ގުޅުނީ. އަޅުގަނޑު އޭރު ވެސް ދަންނަވާފައި އޮންނާނެ ހޮވުމާ އެކު އެއްކައިރިވާނަމޭ. އެހެންވެ އެގޮތުން މަތިން އިސްތިއުފާ ދިނީ،" ހުސެއިން ވިދާޅުވި އެވެ.

ބައްސާމްގެ އެކްސްކޯގައި މަޖިލީހުގެ އިތުރު ފަސް މެމްބަރަކު ހިމެނެ އެވެ. އެއީ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) މަޑަވެލި ދާއިރާގެ މެމްބަރު މުއާޒް މުހައްމަދު ރަޝީދާއި ދުވާފަރު ދާއިރާގެ މެމްބަރު މުހައްމަދު އަލީ އާއި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަލީ ޝާހު އާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް ވިދާޅުވެފައިވާ ގޮތުގައި އެންމެ އަވަހަށް އޮންނަ އެފްއޭއެމް ކޮންގްރެސްގެ ކުރިން އެ އެސޯސިއޭޝަނުގެ އެކްސްކޯގައި ތިއްބެވި ހުރިހާ ސިޔާސީ ބޭފުޅުން، ވައުދުވެފައިވާ ގޮތަށް އެއްކައިރިވެ ވަޑައިގަންނަވާނެ އެވެ.