"ޕީޖީއޯ 2.0"އާ އެކު ޕީޖީ އޮފީހުން ދޭ ހިދުމަތްތައް އަވަހަށް ނިންމި އެހެން މަސައްކަތްތައް ވެސް ހަލުވި ކުރެވޭނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް އައްބާސް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ. 

ޕީޖީ އޮފީހުގެ ހުރިހާ މަސައްކަތެއް ޑިޖިޓަލް ނިޒާމަކަށް ބަދަލުކުރާ "ޕީޖީއޯ 2.0" އިފްތިތާހުކުރުމަށް ބާސެލޯ ނަސަންދުރާގައި މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އައްބާސް ވިދާޅުވީ ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ މި ތަސައްވަރު މީގެ ދެ އަހަރު ދުވަސް ފަހުން ފުރިހަމަވާއިރު، އެ އޮފީހަށް ފޯމެއް ހުށަނޭޅިގެން ނުވަތަ ޕޯޓަލްއަކަށް އެކްސެސް ނުވެވިގެން އުޅޭކަށް ނުޖެހޭނެ ކަމަށެވެ. 

މި ނިޒާމާ އެކު ސިޓީ ހިފައިގެން ޕީޖީ އޮފީހުގެ ކައުންޓަރަށް ދިއުން ނިމުމަކަށް އަންނާނެ ކަމަށާއި އެ އޮފީހުން ހޯދަން ޖެހޭ އެއްވެސް ހިދުމަތެއް ނުލިބި ލަސްވެގެން އުޅެން ނުޖެހޭނެ ކަމަށް އައްބާސް ވިދާޅުވި އެވެ. 

"ޕީޖީއޯ 2.0"ގެ ހުރިހާ ކަމެއް ފުރިހަމަވުމުން 24 ގަޑިއިރު މެދުކެނޑުމެެއް ނެތި ޕީޖީ އޮފީހުގެ ހުރިހާ ހިދުމަތެއް މޯބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ލިބޭނެ ކަމަށް އައްބާސް ވިދާޅުވި އެވެ. 

"ޕީޖީއޯ 2.0" އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޕީޖީ އައްބާސް ޝަރީފް ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އެޮފީސް
"ޕީޖީއޯ 2.0" އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޕީޖީ އައްބާސް ޝަރީފް ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އެޮފީސް

އައްބާސް ވިދާޅުވީ ޕީޖީ އޮފީހުގައި މިވަގުތު 199 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން 140 މުވައްޒަފުންނަށް މޯބައިލްކޮށް މަސައްކަތް ކުރަން ބޭނުންވާ ޑިވައިސްތައް އަދި ދެވިފައި ނެތް ކަމަށެވެ. ނަމަވެސް މިއަދު މި ފެށި މަޝްރޫއުގެ ދަށުން ކުރިއަށް އޮތް 100 ދުވަހުގެ ތެރޭގައި އެ އޮފީހުގެ ހުރިހާ މުވައްޒަފުންނަށް މޯބައިލްކޮށް މަސައްކަތް ކުރަން ބޭނުންވާ ޑިވައިސްތައް ލިބޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

މި މޯބައިލް ޑިވައިސް ދެވިގެން ދިޔައީމަ އޭގެން ލިބޭ ފައިދާއަކީ ކޮންމެތަނެއްގައި ހުންނަވައިގެން ވިޔަސް 'މަފިނި' ސިސްޓަމްގެ ތެރެއިން ކޮންމެ މުވައްޒަފަކަށް ވެސް މަސައްކަތް ކުރެވޭނެ. އޮފީހަށް ކޮންމެހެން އިތުރު ގަޑީގައި ވަޑައިގަންނަވާކަށް ނުޖެހޭނެ، ކޮންމެތާކު ހުއްޓަސް އެ ހިދުމަތެއް ރައްޔިތުން ބޭނުންވާ ވަގުތު މުވައްޒަފުންނަށް ދެވޭނެ،" އައްބާސް ވިދާޅުވި އެވެ.

އައްބާސް ވިދާޅުވީ ޕީޖީ އޮފީހުން ބޭރުގައި އެތަނުގެ ބެކަޕް ސާވާއެއް ވެސް މިވަގުތު ނެތް ކަމަށާއި ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެ މަސައްކަތް ވެސް ކޮށް ނިންމާނެ ކަމަށެވެ. 

"ޕީޖީއޯ 2.0 އާ އެކު އިރާދަކުރެއްވިއްޔާ 2028 ވަނަ އަހަރު ޕީޖީ އޮފީސް ވެގެން ދާނީ ގާނޫނު ހުއްދަ ކުރާ އެންމެ މަތީ މިންވަރަށް ޕްރޮސިކިއުޝަންގެ މަސައްކަތްތައް ޑިޖިޓަލައިޒްކުރެވިފައިވާ، އޭއައިގެ އެހީގައި މިހާރަށް ވުރެ އެތައް ގުނައެއް ބާރުމިނުގައި... މިހާރަށް ވުރެ 60 ޕަސެންޓު ބާރުމިނުގައި މައްސަލަތައް ކޯޓަށް ހުށަހޭނެ،" އައްބާސް ވިދާޅުވި އެވެ. 

މިސާލެއްގެ ގޮތުގައި އައްބާސް ވިދާޅުވީ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގެއް ނިންމައި ދައުވާކުރަން 25 ފައިލެއް ފޮނުވުމުން އެ ކަރުދާސްތައް ދިރާސާކުރަން 2-3 މަސްދުވަސް މިހާރު ހޭދަވާ ކަމަށެވެ. ނަމަވެސް "ޕީޖީއޯ 2.0"ގައި ބޭނުންކުރާ އާޓިފިޝަލް އިންޓެލެޖިންސް (އޭއައި) ޓެކްނޮލޮޖީގެ އެހީގައި އެއް ދުވަހުގެ ތެރޭގައި އެ ދިރާސާ ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

އޭއައި ބޭނުންކުރި ނަމަވެސް، އޭގެ މާނައަކީ ޕީޖީ އޮފީހުގެ މަސައްކަތްތަކުން "އިންސާނީ ބާރު" ކަނޑުވާލުން ނޫން ކަމަށާއި އެ ޓެކްނޮލޮޖީ ބޭނުންކުރަނީ ޕްރޮސިކިއުޓަރުންގެ މަސައްކަތްތައް ލުއިކޮށްދީ، އެހީއެއްގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވި އެވެ. 

ޑިޖިޓަލް ޓްރާންސްފޮމެޝަންގެ ދެ އަހަރު ދުވަހުގެ ހާއްސަ ސިޔާސަތެއްގެ ދަށުން ފެށި "ޕީޖީއޯ 2.0" އަކީ ޕީޖީ އޮފީހުން ޒަމާނުއްސުރެ ކަރުދާހުގައި ކުރަމުން އައި މަސައްކަތް ޑިޖިޓަލް ނިޒާމަކަށް އެއްކޮށް ބަދަލުކުރުމަށް ހިންގާ މަޝްރޫއެކެވެ.