ފޭސްބުކްގެ މައި ކުންފުނި މެޓާ އިން މިދިޔަ އަހަރު ޓެސްޓްކުރަން ފެށި ޑިޖިޓަލް ވޮލެޓް ކަމަށްވާ "ނޯވީ" އެއްކޮށް ހުއްޓާލަން ނިންމައިފި އެވެ.

މިދިޔަ އަހަރު އޮކްޓޯބަރުގައި ކްރިޕްޓޮކަރަންސީގެ ޑިޖިޓަލެއް ވޮލެޓެއް ކަމަށްވާ "ނޯވީ" ޓެސްޓްކުރަން ޕައިލެޓް ޕްރޮގްރާމެއް ފެށީ އެމެރިކާ އާއި ގޮޓަމަލާގައި މަދު ބަޔަކު ބޭނުންކޮށްގެންނެވެ. އެ ހިދުމަތް ތައާރަފުކުރަން އުޅުނީ، ކްރިޕްޓޮކަރަންސީ ބޭނުންކޮށްގެން ހިލޭ އަދި އަވަހަށް ފައިސާގެ މުއާމަލާތްތައް ކުރެވޭ ގޮތް ހެދުމަށެވެ.

މީޑިއާ ރިޕޯޓްތައް ބުނި ގޮތުގައި، އެ ޕައިލެޓް ޕްރޮގްރާމް ހުއްޓާލައި އަންނަ ސެޕްޓެމްބަރު މަހު އެ މަސައްކަތް އެއްކޮށް ހުއްޓާލަން މިހާރު ވަނީ ނިންމައިފަ އެވެ. އަދި އެ ވޮލެޓްގައި ހުރި ފައިސާ، ވީ އެންމެ އަވަހަކަށް ނަގަން އެ ބޭނުންކުރާ މީހުންނަށް މިހާރު ވަނީ އަންގައިފަ އެވެ.

މި މަހު 21 އިން ފަށައިގެން އެ ވޮލެޓަށް ފައިސާ ޖަމާނުކުރެވޭނެއިރު، ސެޕްޓެމްބަރު މަހުން ފަށައިގެން އެކްސެސް ކަނޑާލާނެ އެވެ. އެ މުއްދަތުގެ ތެރޭގައި އޭގައި ހުރި ފައިސާ ނުނަގައިފި ނަމަ، އެ ވޮލެޓަށް އެޑްކޮށްފައިވާ އެ މީހެއްގެ ބޭންކް އެކައުންޓަށް ނުވަތަ ޑެބިޓް ކާޑަކަށް އެ ފައިސާ ޖަމާކުރާނެ ކަމަށް ބުންޏެވެ.

"ނޯވީ" ހުއްޓާލަން މެޓާއިން ނިންމިއިރު، އެ ހިދުމަތް ތައާރަފުކުރުމާ އެކު އެމެރިކާގެ ސެނެޓްގެ ބައެއް މެމްބަރުން ވެސް ވަނީ އެކަން ހުއްޓާލަން ގޮވާލައްވައިފަ އެވެ. އެ މެމްބަރުން ވިދާޅުވަމުން ގެންދެވީ، ކްރިޕްޓޮކަރަންސީ މެނޭޖުުރުމުގައި އެ ކުންފުންޏަށް އިތުބާރު ނުކުރެވޭނެ ކަމަށެވެ. އޭގެ މަހެއް ފަހުން، އެ ޕްރޮޖެކްޓް ފެށުމުގައި އެންމެ އިސްކޮށް އުޅުއްވި ޑޭވިޑް މާކަސް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

އެ ޕްރޮޖެކްޓް ހުއްޓާލުމުގެ ގޮތުން، މެޓާގެ ދަށުން އެ ޕްރޮޖެކްޓް ލީޑުކުރި "ޑީމް" ކިޔާ ކުންފުނިން މި އަހަރު ކުރީކޮޅުގައި ވަނީ އެ މީހުންގެ އެސެޓްތައް 200 މިލިއަން ޑޮލަރަށް ވިއްކާލައިފަ އެވެ.