ބަރުދަން ލުއިކޮށްދީ ހަށިގަނޑުގެ ބައްޓަން ރީތިކޮށްދޭނެ ކަމަށް ބުނެ ވިއްކާ ހާބަލްގެ އެކި ވައްތަރުތަކެވެ. ގައިގެ މަސްތައް ވަރުގަދަކޮށް، ބޮޑުކޮށްދޭ ތަފާތު ޕްރޮޓީންތަކެވެ. ގައިގައި ބުންވަރު ޖައްސައިދޭ އެކި އެއްޗިއްސެވެ. މި ހުރިހާ ބާވަތަކީ ވެސް ހިކުމަށް ނުވަތަ ފިޓްނެސް ދާއިރާގައި އުޅޭ މީހުން އެކި ބޭނުންތަކުގައި ނަގާ ސަޕްލިމެންޓުތަކެވެ.
ނަމަވެސް ޑައިޓީޝަން އާސިޔާ އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ސަޕްލިމެންޓް ބޭނުންކުރާ މިންވަރު އިތުރުވެގެން ދިއުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. އޭގެ ސަބަބުން ސިއްހީ އެކި ސަބަބުތައް ދިމާވާ ކަމަށް، އައިޖީއެމްއެޗްގެ ސީނިއާ ޑައިޓީޝަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސަޕްލިމެންޓުގެ ތެރޭގައި އެންމެ ބޮޑު ކަންބޮޑުވުމަކީ ބަރުދަން ލުއިކުރުމަށް ހާބަލްއޭ ކިޔައި އޮޅުވާލައިގެން ވިއްކާ ސަޕްލިމެންޓުތަކެވެ. ވަރަށް ގިނަ މީހުންނަށް އޮޅިގެން އެ އެއްޗެހި ބޭނުންކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށާއި ރީތި ހަށިގަނޑެއްގެ އުންމީދުގައި ޖިމް އަށް ދާން ވަރަށް ގިނަ މީހުން މިހާރު ސަޕްލިމެންޓް ބޭނުން ކުރަން ޖެހެ އެވެ. ސަޕްލިމެންޓް ވިއްކާ ހާއްސަ ފިހާރަތައް ގިނަވެއްޖެ އެވެ. ސަޕްލިމެންޓް ނެގުމަށް ވަރަށް ގިނަ ޓްރެއިނަރުން އެކަމަށް ބާރު އަޅަ އެވެ. އެކަމަކު، ނަތީޖާ އަވަހަށް ނެރުމަށް ޓަކައި އޭގެ މިންވަރު އިތުރުކުރާ މީހުން މަދެއް ނޫނެވެ. އޭގެ އިތުރުން ބާރުގަދަ ޕްރޮޓީން އާއި އެހެނިހެން ސަޕްލިމެންޓްތައް ވެސް މީހުން އެބަ ގަވައިދުން ނަގަ އެވެ. އެކަހަލަ ބައެއް ބާވަތްތައް ޑޮކްޓަރެއްގެ ނުވަތަ ކަމާ ބެހޭ މާހިރެއްގެ ލަފައާ ނުލައި ނެގުމަކީ، ފުރާނަ އަށް ވެސް އޮތް ނުރައްކަލެކެވެ. އޭގެ އިތުރުން، އެންމެ ބޮޑު ކަންބޮޑުވުމަކީ ރާއްޖެ އެތެރެކުރާ ވަރަށް ގިނަ ބާވަތްތަކުގެ ސައްހަ ކަމެވެ.
ޑައިޓްރީ ސަޕްލިމެންޓްސް ނުވަތަ ވެއިޓް ލޮސް ސަޕްލިމެންޓަކީ ޑޮކްޓަރީ ބޭސް ގޮތަށް ރެގިއުލޭޓްކުރާ އެއްޗެއް ނޫނެވެ. އެ އެއްޗެހީގައި ހުންނަ މާއްދާތައް ކޮންމެހެން އާއްމުންނަށް އެނގޭކަށް ނުޖެހެ އެވެ. އެއީ ޑޮކްޓަރުން ލިޔެދޭ ބޭހަކަށް ނުވުމާއި ޑައިޓީޝަނުން ވެސް ރިކޮމެންޑުކުރާ އެއްޗިއްސަށް ނުވާތީ އެވެ. ކޮންޓްރޯލްޑް ބޮޑީއެއްގެ ދަށުން ވިއްކާ އެއްޗިއްސަށް ނުވާތީ އިފެކްޓިވްއެއް ވެސް ނުވާނެ އެވެ.
އަނެއް ކަމަކީ، ބަރުދަން ލުއިވާ ނަމަ އޭގައި ކޮންމެ ވެސް ކެމިކަލް އެއް ހުރުމެވެ.
އާސިޔާ ވިދާޅުވީ އެ ހުރިހާ ސަޕްލިމެންޓެއްގައި ކޮންމެ ވެސް ކަހަލަ ކެމިކަލެއް ހުންނަ ކަމަށެވެ. އެއީ، ޑޮކިއުމަންޓެޑް، ސައިންޓިފިކް އެވިޑެންސް އަކާ ނުލައި ވިއްކާ އެއްޗެހި ކަމަށާއި އެކަމަކު އެ ތަކެތި ވިއްކުމަށް އެއީ ދިރާސާ ހަދާފައި ހުރި އެއްޗެހި ކަމަށް ބުނާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު، ދިރާސާ ހަދާފައި ހުރި ކަމަށް ބުނަނީ، އާސިޔާ ވިދާޅުވި ގޮތުގައި ސައިންޓިފިކަލީ އެވްރޫޑްއޭ ޖަހާފައި އޮންނާތީ އެވެ. އެކަމަކު، އެ ގޮތަށް ގަބޫލުކުރާ އެކި ގްރޭޑުތަކުގެ އެވިޑެންސް ހުންނަ ކަމަށް އާސިޔާ ވިދާޅުވި އެވެ. އެ ތިން ގްރޭޑަށް ނުފެތޭ އެއްޗިއްސަކީ ސައިންޓިފިކަލީ އެޗްރޫވްޑް އެއްޗެހި ކަމަށް ނުބުނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ކަހަލަ އެއްޗެހިން ލިބޭ ގެއްލުންތަކަކީ ލީން މާސް ލޫސް ވުން. މިސާލަކަށް މި ކަހަލަ ސަޕްލިމެންޓަކުން މާސް ލޭޔާ ގެއްލިގެންދޭ. އަނެއް ބައި އެއްޗެހިން ކިޑްނީ ހަލާކުވެގެންދޭ. ސުރުތު އަޔުވިން ހަލާކުވަނީ ކިޑްނީ. ހާބް ލައިފުން ހަލާކުކޮށްލަނީ ބޮޑަށް ލިވާ. ކިޑްނީއާ ލިވީއަށް ބޮޑަށް މި ދޭތި އެޓޭކް ކުރާނީ. އެ ދެ އޯގަން އަކީ ހަށިގަނޑުން ވިހަ ނައްތާލާ ދޭތި." އޭނާ ވިދާޅުވި އެވެ.
ފިޓްނެސް ދާއިރާގައި 20 އަހަރަށް ވުރެ ގިނަ ދުވަސްވަންދެން މަސައްކަތްކޮށްފައިވާ ޝިފާނާ ވަޖީހު ބުނީ ސަޕްލިމެންޓުގެ ގޮތުގައި އެންމެ ގިނަ މީހުން ބޭނުންކުރަނީ ޕްރޮޓީން ކަމަށެވެ. އެ ބާވަތް އެންމެ ފުރަތަމަ ބޭނުންކުރަން ފެށީ ބޮޑީބިލްޑް ކުރާ މީހުންނަށް ވިޔަސް، މިހާރުގެ ހާލަތު ބަދަލުވެފައިވާ ކަމަށް އޭނާ ބުންޏެވެ.
ކަސްރަތުކުރަން ނުވަތަ ޖިމަށް ދާ ކޮންމެ މީހަކު ކަހަލަ ގޮތަކަށް ޕްރޮޓީން ބޭނުންކުރެ އެވެ. އެ މީހާގެ ހާލަތު ދެނެ ނުގަނެ، އެ ބޭނުންކުރުމަކީ ހަށިގަނޑަށް ލިބޭނެ އިތުރު ގެއްލުންތަކެއް ކަމަށް ޝިފާނާ ބުނެ އެވެ.
އެހެންވެ، ސަޕްލިމެންޓު ބޭނުންކުރަން ފެށުމުގެ ކުރިން ފިޓްނެސް ނިއުޓްރިޝަން ނުވަތަ ޑައިޓީޝަނަކަށް ދައްކައި އޮޅުންފިލުވުން ވަރަށް މުހިއްމު ކަމަށް އޭނާ ގަބޫލުކުރެ އެވެ.
"ކާޑިއޯ ހަދާ މީހަކު، ލައިޓް ވެއިޓް ޓްރެއިނިން ހަދާ މީހަކު ހަމަ ކަސްރަތުގެ ތެރެއިން ވަރަށް ފަސޭހައިން ހަށިގަނޑަށް ޕްރޮޓީންގެ ބައިތައް ލިބޭނެ ސަޕްލިމެންޓަށް ނުގޮސް. އެއީ ނެޗުރަލް ވީމަ މާ ރައްކާތެރި އަދި ސިއްހަތަށް ރަނގަޅު ގޮތެއް ކެއުމުގެ ތެރެއިން އެ ބޭނުންކުރެވެންޏާ. އެކަމަކު، ބޮޑީ ބިލްޑާސް ވާ ގޮތަކީ އެއީ ކުޅިވަރެއް،" ޝިފާނާ ބުންޏެވެ.
އޭނާ ބުނީ ބައެއް މީހުން ކެއުމުގެ ބަދަލުގައި ސަޕްލިމެންޓް ނަގާ ކަމަށެވެ. އެކަމަކު، މީލް ރިޕްލޭސްކުރާ ސަޕްލިމެންޓަކީ ހަށިގަނޑަށް ރަނގަޅު އެއްޗެއް ނޫނެވެ. އަދި ގުދުރަތީ ގޮތުން އުފެދިފައިވާ ނިޒާމާ އިދިކޮޅަށް މަސައްކަތްކޮށްފިނަމަ ލިބޭ ގެއްލުން ވެސް ބޮޑުވާނެ ކަމަށް އޭނާ ބުންޏެވެ.
ކެއުމުގެ ބާވަތްތަކުގެ ތެރެއިން ޕްރޮޓީން ނެގުނު ނަމަވެސް، ވަކި ވަރަކުން ވެއިޓް ޓްރެއިނިން ހަދާނަމަ ޕްރޮޓީން ބޭނުން ކުރުން ރަނގަޅު ކަމަށް ޝިފާނާ ވެސް ފާހަގަކުރެ އެވެ.
"މީހަކު ހަމަ ބުނެލާއިރު ސަޕްލިމެންޓް ނަގާކަށް ނުވާނެ. އެ ވަރަށް ވެއިޓް ޓްރެއިނިން ހަދާނަމަ ކަމާގުޅޭ މީހެއްގެ ލަފާގެ މަތިން އޮންނަ ރޭންޖުގެ ތެރެއިން ބޭނުންކުރުން މުހިއްމު. އެހެން ނޫނީ ހަށިގަނޑަށް ބޭނުން ނުވާ ވަރަށް ވުރެ އިތުރަށް ޕްރޮޓީނާއި ސަޕްލިމެންޓު ނެގުމުން ހަށިގަނޑުގެ ހިނގުމަށް އަސަރުކުރާނެ." އޭނާ ބުންޏެވެ.
"ޕްރޮޓީން ނެގިއަސް އެއާ އެއްވަރަށް ވެއިޓް ޓްރެއިނިން ނުހަދާނަމަ ބަދަލެއް ނުފެންނާނެ."
ޝިފާނާ ބުނި ގޮތުގައި ކެންސަރާއި ކިޑްނީ އަދި އެހެނިހެން ބޮޑެތި ބަލިތައް އިތުރުވަމުންދާއިރު، އާއްމުންގެ ސިއްހަތާ ގުޅިފައިވާ މި ފަދަ ސަޕްލިމެންޓުތަކަކީ ރެގިއުލޭޓްކުރަން ޖެހޭ އެއްޗިއްސެވެ. އެއީ ސިއްހަތު ރައްކާތެރިކުރުމަށް ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއް ކަމަށް ބުންޏެވެ. އެއާއެކު، ފިޓްނަސް އިންޑަސްޓްރީ ވެސް ރެގިއުލޭޓްކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.