ރޯގާއެއްގެ ގޮތުގައި ވިޔަސް، އެލާޖީއެއްގެ ސަބަބުން ވިޔަސް ނުވަތަ ކާނާ ވިހަވުމާއި ބައްޔެއްގެ ސަބަބުން ބޭރަށްހިންގުން ޖެހުނަސް މިއީ ކާނާއާ ވަރަށް ބޮޑަށް ގުޅުން ހުރި ކަމެކެވެ. ހަޖަމުކުރުމުގެ ނިޒާމުގެ މައްސަލައެއްގެ ސަބަބުން، ދިގު މުއްދަތަކަށް ފަރުވާ ހޯދަން ޖެހިފައި ވިޔަސް ކާނާއާ މެދު ވިސްނަން ޖެހެ އެވެ.

ބޭރަށްހިންގާ ނަމަ، ހަޖަމުކުރުމުގެ ނިޒާމު އާދައިގެ ހާލަތަށް ގެނައުމަށް ކާންޖެހޭ ކާނާތަކެއް ހުރެ އެވެ. ހަމަ އެހެންމެ، ނުކައި ދޫކޮށްލަންޖެހޭ ކާނާ ވެސް ހުރެ އެވެ.

ބޭރަށްހިންގާއިރު ކާންޖެހޭ ތަކެތި

ބޭރަށްހިންގުން އަވަހަށް ރަނގަޅުކުރުމަށް ބައެއް ކާނާއާ ދުރުވެ ބައެއް ބާވަތްތައް ކާންޖެހެ އެވެ. މި ކާނާތައް ސިފަކުރުމަށް ކުރުކޮށް ކިޔައި އުޅެނީ BRAT އެވެ. އެއީ ބަނާނާ، ރައިސް، އެޕަލްސް، ޓޯސްޓް އެވެ. ދޮންކޭލާއި ބަތާއި އާފަލާއި ޕާނަކީ މާ ވަރުގަދަ ނޫން އާދައިގެ ކާނާ އެވެ. އެހެންވެ މި ކާނާތަކުން ހަމަޖުކުރުމުގެ ނިޒާމަށް އިތުރު އުނދަގުލެއް ނުވަތަ މައްސަލައެއް ކުރިމައްޗެއް ނުވާނެ އެވެ. އަދި މި ކާނާތަކުން ބަނޑު ދިޔާވުން ކުޑަކޮށްދޭނެ އެވެ.

މީގެ އިތުރުން ސީރިއަލް އާއި އާފަލު ޖޫސް ފަދަ ތަކެތި ވެސް ރަނގަޅުވާނެ އެވެ.

ބޭރަށް ހިންގާއިރު ހަށިގަނޑުން ވަރަށް ގިނަ އަދަދަކަށް ފެން ބޭރުވެ މީހާ ބަލިކަށިކޮށްލާނެ އެވެ. އެހެންވެ، ބޭރަށްހިންގާ ނަމަ ދިޔާތަކެތި ވީހާ ވެސް ގިނައިން ބޯންޖެހޭނެ އެވެ. ކުރުނބާ ފެން، ހަވާދާއި ތެޔޮ ނުހުންނަ ގޮތަށް ކައްކާފައި ހުންނަ ޗިކަން އަދި ބީފް ސޫޕް ވެސް ބޯން ރަނގަޅުވާނެ އެވެ. މީގެ އިތުރުން ކެފެއިން މަދުން ހުންނަ ގޮތަށް، ކަޅު ސައި ވެސް ރަނގަޅުވާނެ އެވެ.

ބޭރަށް ހިންގުން ރަނގަޅުވާން ފެށުމުން "ސްކްރެމްބުލްޑް އެގް" ވެސް ކާނާގެ ލިސްޓަށް އިތުރުކޮށްލާށެވެ.

ދުރުވާންޖެހޭ ކާނާ

ބޭރަށްހިންގާއިރު އަދި މިކަމުން ސަލާމަތްވެ ރަނގަޅުވަމުން އަންނައިރު ނުކައި ދޫކޮށްލަންޖެހޭ ކާނާ ވެސް ހުރެ އެވެ. އޭގެ ތެރޭގައި؛ ކިރާއި ކިރުން އުފައްދާފައި ހުންނަ އެކި ބާވަތްތައް، ތެޔޮ ހުންނަ ކާނާ، ކުޅި އެއްޗެހި، ދަޅާއި ފުޅީގައި ބަންދުގައި ހުންނަ ޕްރޮސެސްކޮށްފައި ހުންނަ ކާނާ، ތެޔޮކަން ގަދަ މަސް، ރޯ ތަރުކާރީ، ފިޔާ، ޒުވާރި، ހުތް ރަހަ ހުންނަ މޭވާ، އަލަނާސި، ޗެރީ، އޮށް ހުންނަ ބެރީ، ތީނި އަދި މޭބިސްކަދުރުގެ ބާވަތްތައް ހިމެނެ އެވެ.

ގިނައިން ކެފެއިން ހުންނަ ބުއިންތައް އަދި ހާއްސަކޮށް، ކޮފީ އާއި ސޮޑާ އަދި އާޓިފިޝަލް ހަކުރުގެ ބާވަތްތަކާ ވެސް ދުރުވާންޖެހޭނެ އެވެ.

(މައުލޫމާތު: ހެލްތު ލައިން)