މިއީ އޮންލައިންގެ ހަލަބޮލިކަމާއި ސޯޝަލް މީޑިއާގެ އަރައިރުންތަކާއި ކިޔުންތެރިންގެ ރުޅިގަދަ ކޮމެންޓް ސެކްޝަނުން އުފެދިގެން، ދިރިގެން އައި ވީޑިއޯ ސެގްމަންޓެކެވެ. ސިލްސިލާއަކަށް ބަހާލައިގެން ހަފުތާއަކު އެއް ފަހަރު "ދޯ އޮންލައިން" ގައި ގެނެސްދޭ މި ސެގްމަންޓް ވެގެންދާނީ ސެލެބްރިޓީންގެ ނުފެންނަ ފަޅި އާއި ނުދައްކާ ވާހަކަތަކާއި ނުދައްކާ ޖަޒުބާތުތައް ބަންޑުންކޮށްލާނެ ބަޔަކަށެވެ.
"ދޯ" ގައި މި ސެގްމެންޓް ގެންނަން ފަށާނީ ޖެނުއަރީ 16 ގަ އެވެ. މިއީ އެ ޝޯގެ މެއިން ޓްރެއިލާ އެވެ. މީގެ ކުރިން ވާނީ ޓީޒާ ޓްރެއިލާއެއް ވެސް އާންމުކޮށްފަ އެވެ.
މި ސެގްމަންޓްގައި ސެލެބްރިޓީން ފެނިގެންދާނީ ސޯޝަލް މީޑިއަމްތަކާއި އޮންލައިން ނޫސްތަކުގެ ކޮމެންޓް ސެކްޝަންތަކުގައި އަދި އެނޫން ވެސް އެހެން ގޮޮތްގޮތަށް އެމީހުނަށް އަމާޒުކޮށް ފާޅުކޮށްފައި ހުންނަ ފުރައްސާރަ އާއި ފާޑުކިޔުންތަކަށް ނިކަން ލޯބިން ރައްދުދޭތަނެވެ. މި ޝޯގެ އެންމެ ބޮޑު ބޭނުމަކީ އެ ނެގެޓިވް ވައިބް ދުރަށް ޖައްސައި މި ސެލެބްރިޓީންނާއި އެމީހުންގެ ދެކެ ރުޅިއަންނަ މީހުންނާ ދެމެދު ހިތާއި ހިތުގެ ގުޅުމެއް އުފެއްދުމެވެ. އެހެންވެ އަހަރެމެން މިއަށް މި ކިޔަނީ "ލޯތްބާ އެކު" އެވެ.
މިއީ "ދޯ" މެގަޒިން އިން މި އަހަރަށް ތައްޔާރުކޮށްފައިވާ އޮރިޖިނަލް ކޮންޓެންޓްގެ ތެރޭގައި ހިމެނޭ އެންމެ ފޯރިގަދަ ވީޑިއޯ އުފެއްދުމެވެ. މި ސެގްމަންޓް ޝޫޓްކޮށް އެޑިޓްކޮށްފައި ވަނީ އަބްދުﷲ އައުރަފް އާއި އަފްޝީން ނަސީރެވެ.