ކުރިއަށް އޮތް ބޮޑު ޗުއްޓީ އަށް އަމާޒުކޮށް "ދޯ"ގެ ފަސް ވަނަ އަދަދު ރޭ ނެރެފި އެވެ.

ސޯލްޓް ރެސްޓޯރަންޓްގައި ބޭއްވި ކުޑަ ހަފުލާއެއްގައި މި އަދަދު ނެރެދިނީ، އެންމެ އުހަށް އެރި ދިވެހި ހުނަރުވެރިޔާ ފާތުމަތު މުނާ އެވެ. އޭނާ މައުންޓް އެވަރެސްޓްގެ 20،000 ފޫޓު މައްޗަށް އެރުމަށް ކުރި ހިތްވަރު ގަދަ މަސައްކަތްތައް ވެސް މި އަދަދުގައި ވަނީ ގެނެސްދީފަ އެވެ.

"ދަތުރު"ގެ ތީމަށް އަމާޒުކޮށްގެން ވަރަށް ތަފާތު އާޓިކަލްތަކެއް މި އަދަދުގައި ވަނީ ހިމަނައިފަ އެވެ. އޭގެ ތެރޭގައި އުމުރުން އަދި 30 އަހަރު ވެސް ނުވާ ދިވެހި ޒުވާނަކު މުޅި ދުނިޔެ ބަލާލަން ކުރާ ދަތުރެއްގެ ވަރަށް އާދަޔާ ހިލާފު ވާހަކަތަކެއް ހިމެނެ އެވެ. އޭގެ އިތުރުން ދުވަހަކު ވެސް ދަތުރެއް ކޮށްފައި ނުވާ އަންހެނެއްގެ އަޖައިބެއް ކަހަލަ ވާހަކަތަކާއި ދިވެހިން ޗުއްޓީ ހޭދަކުރާ ގޮތުގެ މައްޗަށް ތައްޔާރު ކޮށްފައިވާ ހާއްސަ ރިޕޯޓްތަކެއް ވެސް ހިމެނެ އެވެ.

"ދޯ"ގެ ފަސް ވަނަ އަދަދު "ދަތުރު" ނެރުމަށް ސޯލްޓް ކެފޭގައި ބޭއްވި ހަފުލާގައި މުނާ--- ފޮޓޯ: ހުސައިން ވަހީދު/ މިހާރު
"ދޯ"ގެ ފަސް ވަނަ އަދަދު "ދަތުރު" ނެރުމަށް ސޯލްޓް ކެފޭގައި ބޭއްވި ހަފުލާގައި މުނާ--- ފޮޓޯ: ހުސައިން ވަހީދު/ މިހާރު
"ދޯ"ގެ ފަސް ވަނަ އަދަދު "ދަތުރު" .--- ފޮޓޯ: ހުސައިން ވަހީދު/ މިހާރު
"ދޯ"ގެ ފަސް ވަނަ އަދަދު "ދަތުރު" .--- ފޮޓޯ: ހުސައިން ވަހީދު/ މިހާރު

ބޮޑު ޗުއްޓީ އާ ދިމާކޮށް ނެރުނު މި އަދަދުގައި ޗުއްޓީ ހޭދަކުރެވިދާނެ ގޮތްތަކާއި، އަގުހެޔޮ ޗުއްޓީއެއް ހޭދަކުރާނެ ގޮތްތައް ތަޖުރިބާކާރުންގެ ވާހަކަތަކާ އެކު ގެނެސްދީފައި ވެ އެވެ. އަދި ރާއްޖެއިން ބޭރަށް ދާ ނަމަ ދާން އެންމެ ރަނގަޅު ތަންތަަނާއި އެތަންތަނާ ބެހޭ މައުލޫމާތުތައް ވެސް ވަނީ ގެނެސްދީފަ އެވެ.

"މިހާރު"ގެ މެނޭޖްމަންޓުން މަހަކު އެއްފަހަރު ނެރޭ "ދޯ" މަޖައްލާގެ މި އަދަދު ވެސް ހިލޭ ބަހާ ގޮތަށް ވަނނީ ހަމަޖެހިފަ އެވެ. ލިބެން ހުންނާނީ އެކި ބުކްޝޮޕްތަކުންނެވެ.