"މިހާރު"ގެ ލައިފްސްޓައިލް މަޖައްލާ، "ދޯ"ގައި ކޮންމެ ހަފުތާއަކު ވެސް ދިވެހި އެތައް ޒުވާނެއްގެ އިބުރަތްތެރި އަދި ރީތި ވާހަކަތަކެއް ގެނެސްދެ އެވެ. މިފަހަރުގެ "މޭކްއޯވާ" ސެގްމެންޓުގައި ހިމެނޭ ޒުވާނާއަކީ ވެސް ވަރަށް ތަފާތު ވާހަކަތަކެއްގެ ވެރިއެކެވެ. އަދި މަސްވެރިއެކެވެ. ކައްޕިއެކެވެ.
ނިކަމެތިކޮށް ދިރިއުޅެމުން އައި އާއިލާއެއްގައި، ބޭބެއަކު ކޮއްކޮއަކަށް ވާ ގުރުބާނީ، އެ ޒުވާނާގެ ދުލުން ގެނެސްދިން އިރު "ދޯ"ގެ ޓީމުން އޭނާގެ ސިފައިން ވެސް ތަފާތު ބޮޑު ބަދަލެއް ދައްކައިދިނެވެ.
އުމުރުން 26 އަހަރުގެ މުހައްމަދު އަހުމަދަކީ ކުރިން މަސްވެރިއެކެވެ. މިހާރު ސަޕްލައި ދޯންޏެއްގެ ކައްޕިއެކެވެ. ރީތި ހަށިގަނޑެއްގެ ވެރި މި ޒުވާނާގެ ވާހަކަ އަދި އެއަށް ވުރެ ރީއްޗެވެ.
އާއްމު ނަމެއްގެ ގޮތުގައި މޯޑު ބޭނުން ކުރާ މި ޒުވާނާ ބުނިގޮތުގައި ކުޑައިރު އޭނާއަށް އުޅެން ޖެހުނީ ވަރަށް ނިކަމެތި ދިރިއުޅުމެކެވެ. އައްޑުއަށް ނިސްބަތްވާ އޭނާގެ ބައްޕަގެ އެހީތެރިކަން ނުލިބުނު އިރު އޭރު ދިރިއުޅުނު ފުވައްމުލަކުން ވެސް މީހުންގެ ފުރައްސާރައާ ކުރިމަތިލާން ޖެހުނު ކަމަށް ބުންޏެވެ.
"މަންމައާ އެކު އެންމެ ފަހުން މާލެ އައިއިރު ވާނީ 10 އަހަރު،" މޯޑު ކިޔައިދިނެވެ.
މާލެ ބަދަލުވާން ޖެހުނު ނަމަވެސް މޯޑު ބުނިގޮތުގައި އޭރު އޭނާ މާލޭގައި "ލާޗާރު ބިޗާރަށް ތެޅުނީ" އެވެ.
އެކަމަކު އޭނާގެ ނަސީބު ބަދަލުވީ ފ. ދަރަނބޫދޫ މީހެއްގެ އެހީތެރިކަން ލިބުނު ހިސާބުންނެވެ. އެ ރަށަށް ބަދަލުވެއްޖެ ނަމަ ކިޔެވުމުގެ ހުރިހާ ކަމެއް ހަމަޖައްސައިދޭނެކަމުގެ ޔަގީންކަން އޭނާ ދިނެވެ.
ކިޔަވާކަށް މޯޑު ބޭނުމެއް ނުވި އެވެ. އެކަމަކު އޭނާގެ ހަގަށް ހުންނަ އަންހެން ކޮއްކޮ ކިޔަވަން ބޭނުންވުމުން، ކޮއްކޮއަށްޓަކައި އެ ރަށަށް ބަދަލުވި އިރު އޭނާގެ އުމުރަކީ އެންމެ 13 އަހަރެވެ.
"ދިޔަ ގޮތަށް ގޮސް ވަނީ ގްރޭޑް ހަޔަކަށް. މަ ނުކިޔަވަން އެކައްޗެއް ވެސް. ސްކޫލަށް ދިޔައީ އަސްލު ކޮއްކޮއަށްޓަކައި،" މޯޑު ބުންޏެވެ.
ހަޔާތުގެ ބައިވެރިޔާއާ އޭނާ ބައްދަލުވީ ވެސް އެ ރަށުންނެވެ. އެކަމަކު އޭރު އޭނާގެ އުޅުން ހުރި ގޮތުން އަންހެން ކުއްޖާގެ އާއިލާއިން ނުގަބޫލުވި އެވެ. ދެން އޭނާއަށް ޖެހުނީ ޒިންމާދާރު މީހަކަށް ވާށެވެ. އެގޮތުން މަހަށް ދާން ފެށީ އިސްލާހުވާން އެޅި ފުރަތަމަ ފިޔަވަޅެއްގެ ގޮތުންނެވެ.
މޯޑުގެ އަންހެން ކޮއްކޮ މިހާރު ދިރިއުޅެނީ އިނގިރޭސި ވިލާތުގަ އެވެ. މޯޑުއަށް ދެ ކުދިން ލިބިފައިވާއިރު ކުރަމުން އަންނަ މަސައްކަތާ މެދު ވެސް އޭނާ ހިތްހަމަ ޖެހެ އެވެ.
"ދޯ"ގައި ޖެހި މޯޑުގެ ފޮޓޯތައް ރީއްޗެވެ. މާލޭގައި ހެދުން ވިއްކާ އެންމެ މަޝްހޫރު އެއް ފިހާރަ ކަމަށްވާ ރޮމްބަސްގެ ކޮސްޓިއުމާއި އޭނާގެ އާ ހެއާ ސްޓައިލްތައް ފެންނަ ފޮޓޯތައް ބަލާލާފައި އެއީ ކުރީގެ މޯޑޭ ބުނަން ވެސް އުނދަގުލެވެ. އެހާ ވެސް މަސްވެރިޔާ/ކައްޕި ޗާލެވެ.