ސެންޓްރަލް ލީގު ދެ ވަނަ ޑިވިޝަނުގެ ފަހު މެޗުގައި ކ. މާފުށީ ނިއު ސްޓާ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ގުޅީ ފުޓްބޯޅަ ކުލަބުން ގުރޫޕް ބީ ގެ ދެ ވަނަ ހޯދައިފި އެވެ.
އެއް ވަނައިގައި ނިންމީ ކުޅުނު ހަތަރު މެޗު ވެސް ބަލިނުވެ ނިންމާލި ކ. ގުރައިދޫ ސްޕޯޓްސް ރެކްރިއޭޝަން ކްލަބެވެ. މިދިޔަ ހޯމަ ދުވަހު ނިއު ސްޓާ ސްޕޯޓްސްއާ ވާދަކޮށް ގުރައިދޫގެ ފަހު މެޗު ނިމުނީ 0-0 އިން އެއްވަރު ވެގެންނެވެ.
އިއްޔެ ހަވީރު ގަލޮޅު ފުޓުބޯޅަ ދަނޑުގައި ކުޅުނު ގުރޫޕުގެ ފަހު މެޗުގެ ހަތަރު ވަނަ މިނިޓުގައި ގުޅި އަށް ލީޑު ނަގައިދިނީ ހުސެއިން ފަހުދެވެ. އަދި 25 ވަނަ މިނިޓުގައި ދެވަނަ ލަނޑު ޖަހައިދިނީ މުހައްމަދު ޔަޒީދެވެ. ތިން ވަނަ ލަނޑު، މެޗުގެ 71 ވަނަ މިނިޓުގައި ޖެހީ މުހައްމަދު ސަމީރެވެ.
މި ނަތީޖާއާ އެކު ގުޅި އަށް ދެ ވަނަ ލިބެނީ ހަތަރު މެޗުން ހޯދި ހަ ޕޮއިންޓާ އެކު އެވެ. ގުރައިދޫއާ ދެކޮޅަށް އެޓީމު ކުޅުނު ދެ މެޗުން ބަލިވި ނަމަވެސް، ގުޅި އާ ދެކޮޅަށް ކުޅުނު ދެ މެޗު ވެސް އެޓީމުން ކާމިޔާބު ކުރި އެވެ.
ގުރޫޕުގެ އެއް ވަނަ ހޯދި ގުރައިދޫ އަށް ވަނީ 10 ޕޮއިންޓް ލިބިފަ އެވެ. މި ގުރޫޕުގައި ދެން ވާދަކުރި ނިއު ސްޓާ އަށް ލިބުނީ އެންމެ ޕޮއިންޓެކެވެ.
އެއް ވަނަ ހޯދައިގެން ގުރައިދޫ އަށް ސެންޓްރަލް ލީގުގެ އެއް ވަނަ ޑިިޝަނުގެ ޖާގަ ޔަގީން ވެފައި ވާއިރު، ދެ ވަނަ ހޯދި ގުޅި އަށް ވެސް އެއް ވަނަ ޑިވިޝަނުގެ ފުރުސަތު އެބަ އޮތެވެ.
ސެންޓްރަލް ލީގު ދެ ވަނަ ޑިވިޝަނުގައި ކުޅޭ ފަސް ގުރޫޕުގެ ތެރެއިން ކޮންމެ ގުރޫޕެއްގެ އެއް ވަނަ ޓީމަށް އެއް ވަނަ ޑިވިޝަނުގެ ޖާގަ ލިބޭއިރު، ދެ ވަނައަށްދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ތިން ޓީމަށް ވެސް އެއް ވަނަ ޑިވިޝަނުގެ ފުރުސަތު ލިބޭނެ އެވެ.
ގުރޫޕް ބީ ގެ މެޗުތަކުން ސެންޓްރަލް ލީގުގެ ދެ ވަނަ ޑިވިޝަން ފެށި އިރު، ކުރިއަށް ދެން އޮތީ ގުރޫޕް އޭ ގެ މެޗުތަކެވެ.
ބ. އަތޮޅާއި ޅ. އަތޮޅުގެ ޓީމުތައް ހިމެނޭ ގުރޫޕް އޭ ގެ ކުޅުން ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ އޮކްޓޫބަރު 3 އިން 13 އަށް، އޭދަފުށީގަ އެވެ. ވާދަކުރާނީ އޭދަފުށްޓާއި ހިންނަވަރު އަދި ނައިފަރެވެ.