ދިވެހި ޕްރިމިއާ ލީގުގެ ދެކުނު ޒޯންގެ ކޮލިފިކޭޝަނަށް ލ. ގަން ތަމްސީލުކުރާ ޓީމަކަށް ތިއްތި ސްޕޯޓްސް ކްލަބް ހޮވިއްޖެ އެވެ.

ދެކުނު ޒޯންގެ ލ. އަތޮޅު ބުރުގައި ގަން ތަމްސީލު ކުރުމަށް ތިއްތި ސްޕޯޓްސް ކްލަބް ހޮވުނީ ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށް ގަމުގެ އޯޕަން ޑިވިޝަންގެ އެއްވަނަ ހޯދައިގެންނެވެ.

ގަމުން ހަތަރު ޓީމު ކޮލިފިކޭޝަންގައި ބައިވެރިވެފައި ވެއެވެ. އެއީ ތިއްތި ސްޕޯޓްސްގެ އިތުރުން މަތިމަރަދޫ އިމްޕްރޫވްޑް ޖެނަރޭޝަން ފޮސްޕޓްސް އާއި އައިލެންޑް ޔޫތު ޔުނައިޓެޑްގެ އިތުރުން ތުނޑިގޯޅަ ސްޕޯޓްސް ކްލަބެވެ.

ތިއްތި ސްޕޯޓްސް ކްލަބްގެ ކުޅުންތެރިން މެޗަކަށް ނުކުމުގެ ކުރިން
ތިއްތި ސްޕޯޓްސް ކްލަބްގެ ކުޅުންތެރިން މެޗަކަށް ނުކުމުގެ ކުރިން

އިއްޔެ ތުނޑިގޯޅި ޓީމާ ދެކޮޅަށް ކުޅުނު މެޗު ތިއްތި ސްޕޯޓްސް ކާމިޔާބު ކުރީ 4-0 ންނެވެ. އެޓީމުގެ އަބްދުﷲ ފަރީޝް ވަނީ ހެޓްރިކު ހަދައިފަ އެވެ. އަނެއް ލަނޑު ޖެހީ މުހައްމަދު ސާބިގް އެވެ.

ސައުތު ޒޯންގައި ހިމެނެނީ ތ. އޮތަޅި، ލ. އަތޮޅު، ގއ. އަތޮޅު، ގދ، އަތޮޅު، ފުވައްމުލައް އަދި އައްޑޫ އެވެ. އެއްޓީމަށް ވުރެ ގިނަ ޓީމު ކޮލިފިކޭޝަންގައި ބައިވެރިވާނަމަ އެރަށެއް ތަމްމސީލު ކުރާނެ ޓީމެއް ކަނޑައަޅާނީ އެޓީމުތަކުގެ މެދުގައި ކުޅޭ އޯޕަން ޑިވިޝަންގެ ބުރުންނެވެ. ސ. ހިތަދޫ އާއި ފޭދުއިން ވަނީ ކޮންމެ ރަށަކުން ދެޓީމު ބައިވެރިވެފަ އެވެ.

ސައުތު ލީގުން ދެވެހި ޕްރިމިއާ ލީގަށް ކޮލިފައި ވާނީ އެއް ޓީމެވެ. އެފްއޭއެމުން ވަނީ މުޅި ރާއްޖެ ހަތަރު ޒޯނަކަށް ބަހައިލައިފަ އެވެ. އެއީ ދެކުނުގެ އިތުރުން އުތުރު އަދި ސެންޓްރަލް ޒޯންގެ އިތުރުން ގްރޭޓާ މާލޭ ޒޯން އެވެ. މިހާރު ވެސް ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ އަށް ޓިމުގެ އިތުރުން ދެން ޖާގަ ލިބޭނީ ހަތަރު ޒޯނުން ކޮލފައިވާ ހަތަރު ޓީމަށެވެ. އޭރުން ދިވެހި ޕްރިމިއާ ލީގުގެ ޓީމުގެ އަދަދު 12 އަށް އަރާނެ އެވެ.