ދިރާގު ރޯދަ ހަދިޔާ ޕްރޮމޯޝަންގައި ހިމެނޭ ބޮޑު ހަދިޔާ ލިބުނު ތިން ވަނަ ކަސްޓަމަރު، ސ. ހުޅުދޫ އެވަރެސްޓް ޝަފީނާ ހަސަންއާ އިނާމު ހަވާލު ކޮށްފި އެވެ.

ދިރާގާއި ރީފްސައިޑް ގުޅިގެން ހިންގި މި ޕްރޮމޯޝަންގައި ފަސް ނަސީބުވެރިން ހޮވާ އިރު ކޮންމެ ނަސީބުވެރިއަކަށް ދެނީ ރީފްސައިޑުން ހުށަހަޅާފައިވާ އެލްޖީ ބްރޭންޑުގެ ހޯމް ޕެކޭޖެކެވެ.

މި ޕްރޮމޯޝަންގައި ދިރާގުގެ ހުރިހާ ކަސްޓަމަރުންނަށް ވެސް އެއްވެސް އިތުރު މަސައްކަތެއް ކުރުމަކާ ނުލާ ބައިވެރިވެވެ އެވެ.

ރީފްސައިޑުން ހުށަހަޅާފައިވާ މި ޕެކޭޖުގައި ހިމެނެނީ 4ކޭ އަލްޓްރާ އެޗްޑީ ޓީވީއަކާއި ޑައިރެކްޓް ޑްރައިވް ދޮންނަ މެޝިން އަދި ޑްރަޔާއަކާއި ސްމާޓް ކަނެކްޓް ރެފްރިޖަރޭޓަރަކާއި ވަޔަލަސް ސްޕީކަރަކާއި ސަޕްރައިޒް ގިފްޓް ހެމްޕާ އެކެވެ. މިއީ، ރީފްސައިޑުން ބުނި ގޮތުގައި، 65،000ރ. ގެ އަގުހުރި އިނާމެކެވެ.

ބޮޑު ހަދިޔާ ލިބުނު ތިން ވަނަ ކަސްޓަމަރާ އިނާމު ހަވާލު ކޮށްފައި ވާ އިރު ދިރާގުން ވަނީ މި އިނާމު ލިބޭ ހަތަރު ވަނަ ކަސްޓަމަރުގެ ނަން ގުރުއަތުން ނަގާފަ އެވެ. ނަސީބުވެރިއަކަށް ހޮވުނު ޏ. ފުވައްމުލަކު ދޫޑިގަން، އަލިވާގޭ އަލީ މުހައްމަދާ އިނާމު ހަވާލު ކުރާނީ އަންނަ ހުކުރު ދުވަހު އެވެ.

އެހެން އަހަރުތަކޭ އެއްގޮތަށް ދިރާގުން މި އަހަރު ވެސް ރޯދަ ހަދިޔާގެ ގޮތުގައި ތަފާތު ގިނަ ހަދިޔާތަކެއް ކަސްޓަމަރުންނަށް ދެ އެވެ. އެގޮތުން ކޮންމެ ހަފުތާއަކު އެޗްއައިއެޗް އިން ރޯދަ ވިއްލުމަކާއި، އެސްއެމްއެސް މެދުވެރިކޮށް ޒަކާތް ދެއްކުމާއި، ހުކުރު ދުވަސް ހިލޭ ކޯލް ކުރުމާއި ހެޔޮ އަގުގައި ސައުދީ އަށް ގުޅާލުން ފަދަ ހަދިޔާތައް ހިމެނެ އެވެ.