ދިރާގު ރޯދަ ހަދިޔާ ޕްރޮމޯޝަންގައި ހިމެނޭ 65،000ރ. ގެ ބޮޑު ހަދިޔާ ލިބުނު ދެވަނަ ކަސްޓަމަރާ އިނާމު ހަވާލު ކޮށްފި އެވެ.

ދިރާގުގެ ހުރިހާ މޮބައިލް އަދި ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އެއްވެސް އިތުރު މަސައްކަތަކާ ނުލާ ބައިވެރިވެވޭ މި ޕްރޮމޯޝަންގައި އިނާމަކަށް ދެނީ ރީފްސައިޑުން ހުށަހަޅާފައިވާ އެލްޖީ ބްރޭންޑުގެ ހޯމް ޕެކޭޖެކެވެ.

ދިރާގު ބޮޑު ހަދިޔާ ދިނުމަށް ހަމަޖެހިފައި ވަނީ ގުރުއަތުން ހޮވޭ ފަސް ކަސްޓަމަރުންނަށެވެ. ދިރާގުން ވަނީ ދެވަނަ ހަފުތާގެ ނަސީބެރިޔާ، ސ. ހިތަދޫ ކުދިމާވިލާ އަލީ އަބްދުﷲ ދީދީ އާ އިނާމު ހަވާލުކޮށް، ތިންވަނަ ހަފްތާގެ ނަސީބުވެރިޔާ ވަނީ ގުރުއަތުން ހޮވާފައި އެވެ.

ތިންވަނަ ހަފުތާގެ ނަސީބުވެރިއަކަށް ހޮވުނު ސ. ހުޅުދޫ އެވަރެސްޓް، ޝަފީނާ އާ އިނާމު ހަވާލު ކުރާނީ އަންނަ ހުކުރު ދުވަހު އެވެ.

ރީފްސައިޑުން ހުށަހަޅާފައިވާ މި ހޯމް ޕެކޭޖުގައި ހިމެނެނީ އެލްޖީ 4ކޭ އަލްޓްރާ އެޗްޑީ ޓީވީ އަކާއި، ޑައިރެކްޓް ޓްރައިވް ދޮންނަމެޝިން އަދި ޑްރަޔާ، ސްމާޓް ކަނެކްޓް ރެފްރިޖަރޭޓަރެއް އަދި ވަޔަލަސް ސްޕީކަރަކާއި ހާއްސަ ގިފްޓް ހެމްޕާ އެކެވެ.

ބޮޑު ހަދިޔާގެ އިތުރުން ދިރާގުން ރޯދަ ހަދިޔާގެ ގޮތުގައި ތަފާތު އިތުރު ހަދިޔާތަކާއި އިނާޔަތްތައް ދެ އެވެ. އެގޮތުން ނަމާދު ގަޑިތަކުގެ އެލާޓް ދިނުމާއި ހުކުރު ދުވަސްތަކުގެ ހިލޭ ކޯލް ކުރުމާއި ސައުދީ އަށް ހެޔޮ އަގުގައި ގުޅުމާއި އެޗްއައިއެޗްގައި ރޯދަ ވީއްލުމުގެ ފުރުސަތު ހިމެނެ އެވެ.