އަންނަ ސެޕްޓެމްބަރު 20 ވަނަ ދުވަހު ހުޅުމާލޭގައި ބާއްވާ ދިރާގު މޯލްޑިވްސް ރޯޑް ރޭހަށް ހުޅުވާލި 4000 ޖާގަ ފުރިއްޖެ އެވެ.
މި ފަހަރުގެ އެންމެ ބޮޑު ތަފާތަކީ އެ 4000 ބައިވެރިން ވެސް ފައިސާ ދައްކައި ރަޖިސްޓްރޭޝަންގެ ހުރިހާ ކަމެއް ނިންމާފައިވުމެވެ. އެހެން އަހަރުތަކުގައި ފުރަތަމަ އޮންލައިންކޮށް ރަޖިސްޓްރީވި ނަމަވެސް ފައިސާ ދައްކާނީ ފަހުންނެވެ. އެހެންވެ އެ ހިސާބުން ވަރަށް ގިނަ ޖާގަތަކެއް ހުސްވެ، ފުރުސަތަކަށް އެދި ކިއޫގައި ތިބޭ ވަރަށް ގިނަ ފަރާތްތަކަށް ފުރުސަތު ލިބެ އެވެ.
މި ފަހަރު އެ ފުރުސަތު އޮތީ ހަނިކޮށެވެ. އެކަމަކު ވެސް މިހާރު ވެސް އެތައް ބަޔަކު އަންނަނީ ދިރާގަށް ގުޅައި ފުރުސަތެއް އޮތްތޯ ބަލަމުންނެވެ. އެކަމާ އެ ކުންފުނިން އަންނަނީ ވިސްނަމުންނެވެ. ތައްޔާރުގައި ތިބޭށެވެ. ހަމަ ފުރުސަތެއް ލިބިވެސް ދާނެ އެވެ.
އީދު ވިލޭރޭ ދިރާގުން ރަޖިސްޓްރޭޝަން ހުޅުވާލުމާ އެކު، އީދުގެ ފޯރި އާއި މަޖަލުގެ ތެރެއިން ވެސް ވަގުތު ހުސްކޮށް ރޭހުގައި ރަޖިސްޓާވެ މިހާރު ވެސް ވަނީ ތައްޔާރީތައް ފަށައިފަ އެވެ. އޭގެ ތެރޭގައި އަލަށް ދުވާނެ މީހުންނާއި ކޯޗުންގެ އިރުޝާދުގެ ދަށުން ތަމްރީން ވަމުން އަންނަ ދުވުންތެރިން ވެސް ހިމެނެ އެވެ. މި ފަހަރުގެ ދިރާގު ރޭހުގައި ހާއްސަ އެތައް ކަމެއް ހިމެނޭތީ ރޭހުގެ ފޯރި ވަނީ ގަދަވެފަ އެވެ.
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު، އެންމެ ގިނަ ދުވަސްވީ އަދި ބައިނަލްއަގްވާމީ ގޮތުން އެކްރެޑިޓްކޮށްފައިވާ ހަމައެކަނި ދިގު ދުވުމުގެ ރޭހުގެ އެންމެ ހާއްސަ ކަމަކީ ފަސް ކިލޯމީޓަރު ދުވުމާއި 10 ކިލޯމީޓަރު ދެ ވަގުތެއްގައި އޮތުމެވެ. އެގޮތުން ހެނދުނު 6 ޖަހާއިރު ފަށާ 10 ކިލޯމީޓަރު ރޭހުގައި ދުވުމަށް ފަހު އެ ދުވަހު ހަވީރު 4:30 ފައި ފަށާ ފަސް ކިލޯމީޓަރު ރޭހުގައި ވެސް ދުވަން ފުރުސަތު ލިބޭނެ އެވެ. މާނައަކީ ސީރިއަސްކޮށް ދުވާ ދުވުންތެރިން ޓައިމިން އަށް ބަލައިގެން ހެނދުނު 10 ކިލޯމީޓަރު ދުވެލާފައި ހަވީރު އާއިލާއާ އެކު ފަން ރަންއެއްގެ ގޮތުގައި ހަވީރު ފަސް ކިލޯމީޓަރު ވެސް ދުވުމުގެ ފުރުސަތު އޮތުމެވެ.
މިއަހަރުގެ ރޭހުގެ ޝިޔާރަކީ ވެސް ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމުވެ. އަދި ރޭހުގެ ރަޖިސްޓްރޭޝަނަށް ކޮންމެ ބައިވެރިޔަކު ދައްކާ 100ރ. އާއި ޑޮނޭޝަންގެ ގޮތުގައި އިތުރަށް ދޭ ފައިސާ ހަދިޔާކުރާނީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކަށެވެ. މި ރޭސް މެދުވެރިކޮށް ދިރާގުން ވަނީ 2018 ވަނަ އަހަރު 10 އެންޖީއޯ އަކަށް ޖުމްލަ 600،000ރ. ހަދިޔާކޮށްފަ އެވެ. އެއީ ދުވުންތެރިން ރެޖިސްޓްރޭޝަންގައި ދެއްކި ފައިސާ ނުވަތަ ޑޮނޭޝަނުގެ %100 ގެ އިތުރުން އެންމެ ގިނަ ދުވުންތެރިން ރެޖިސްޓްރޭޝަންގައި ހިޔާރުކުރި ފަސް ޖަމިއްޔާއަށް ދިރާގުން ހަދިޔާ ކުރި 200،000ރ. ގެ ފައިސާގެ އިނާމެވެ.