ދިރާގު މޯލްޑިވްސް ރޯޑް ރޭހުގައި މިއަދު ރާއްޖޭގެ ފަސް ކިލޯމީޓަރު ދުވުމުގެ ފިރިހެނުންގެ ގައުމީ ރެކޯޑް ޝިފާޒް މުހައްމަދު އަދި އަންހެނުންގެ ގައުމީ ރެކޯޑް މަރިޔަމް އަބްދުލްކަރީމް (މަރީ) މުގުރާލައިފި އެވެ.

ސްރީ ލަންކާގައި މެރެތަން ތަމްރީން ހަދަމުން އަންނަ އެމްއެންޑީއެފްގެ ޝިފާޒް މިއަދުގެ ރޭހަށް ހާއްސަކޮށް މާލެ އައިސް، ރެކޯޑް މުގުރާލީ 16:15 މިނެޓުން ދުވެގެންނެވެ. ރެކޯޑް ކުރިން އޮތީ މިދިޔަ އަހަރުގެ މި ރޭހުގައި 16:31 މިނެޓުން ދުވި ހުސެއިން ފަޒީލް ހާރޫނުގެ އަތުގަ އެވެ. އޭނާ މޮރޮކޯގައި ތަމްރީން ހަދަމުން އަންނާތީ މިއަދުގެ ރޭހުގައި ނުދުވެ އެވެ.

ރާއްޖޭގެ މެރެތަން ރެކޯޑް ވެސް ދެ ފަހަރެއްގެ މަތިން ދާދި ފަހުން އާކުރި ޝިފާޒަކީ ދިރާގު ރޭހުގެ އެންމެ ކާމިޔާބު ދުވުންތެރިއާ އެވެ. އޭނާ އާއްމުންގެ ތެރެއަށް ބޮޑަށް ފާހަގަވީ ވެސް ދިރާގުން 2007 ވަނަ އަހަރު ތައާރަފްކުރި މި ރޭހުންނެވެ.

ރާއްޖޭގެ އަންހެނުންގެ ފަސް ކިލޯމީޓަރުގެ ރެކޯޑް، މަޝްހޫރު ފިޓްނަސް އިންސްޓްރަކްޓަރު މަރީ މުގުރާލީ 20:47 މިނެޓުން ދުވެގެންނެވެ. ކުރިން ރެކޯޑް އޮތީ މަޝްހޫރު ދުވުންތެރިއާ ސަމްހާ އަހުމަދުގެ އަތުގަ އެވެ. އޭނާ 22:24 މިނެޓުން އެ ރެކޯޑް ހެދީ މި އަހަރުގެ ފެބްރުއަރީ 25 ވަނަ ދުވަހު ޖަރުމަނުގަ އެވެ.

އަންހެނުންގެ ފަސް ކިލޯމީޓަރުގެ ގައުމީ ރެކޯޑް މުގުރާލި މަރީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
އަންހެނުންގެ ފަސް ކިލޯމީޓަރުގެ ގައުމީ ރެކޯޑް މުގުރާލި މަރީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އެކަމަކު މި ދެ ރެކޯޑް ވެސް ރަސްމީ ވާނީ އެތުލެޓިކްސް އެސޯސިއޭޝަނުން ވެރިފައިކުރުމުންނެވެ.

ރާއްޖޭގެ 10 ކިލޯމީޓަރު ދުވުމުގެ ރެކޯޑް ހަދަން ޓާގެޓްކޮށްގެން ދުވި މުހައްމަދު ރަޝީދު (މޯޑް) އަށް ރެކޯޑް މުގުރާނުލެވުނުއިރު އޭނާ ދިޔައީ ތިން ވަނަ އަށެވެ. އެއް ވަނަ ހޯދީ 34:54 މިނެޓުން ދުވި ޕޮލިހުގެ ޒައިދު ޝަރީފެވެ. ދެ ވަނަ އަކީ 35:31 މިނެޓުން ދުވި، ހާފް މެރެތަން ރެކޯޑް ހަދާފައިވާ ސިފައިންގޭގެ އަހުމަދު ރިޒާ އެވެ. މޯޑް ރޭސް ނިންމީ 37:07 މިނެޓުންނެވެ.

ޝިފާޒާއި މޯޑާ އެކު ލަންކާގައި ހިލް ޓްރެއިނިން ހަދަމުން އަންނަ ސިފައިންގޭގެ ތަޖުރިބާކާރު ދުވުންތެރިއާ ނަސްރުﷲ އަހުމަދު ބުނީ ތަމްރީންތަކުގައި، މޯޑުގެ ޓައިމިން ރެކޯޑަށް ވުރެ ރަނގަޅު ކަމަށާއި އޭނާ އެ އިވެންޓަށް ފޮނުވީ ވެސް އެހެންވެ ކަމަށެވެ.

"މިއަދު ވީ ކިހިނެއްކަމެއް ސީދާ ބުނަން ނޭގޭ. އަސްލު ޝިފާޒްގެ އިވެންޓެއް އެއީ. އެކަމަކު މޯޑް ޓްރެއިނިންގައި ޓައިމިން ރަނގަޅުވުމުން އޭނާ އެ އިވެންޓުގައި ބައިވެރިކުރީ،" ނަސްރު ބުންޏެވެ.

އޭނާ ބުނީ ޝިފާޒާއި މޯޑް ވެސް މިވަގުތު ހަދަމުން އަންނަނީ މެރެތަން ތަމްރީންތައް ކަމަށާއި މި ދެ އިވެންޓަށް ހާއްސަކޮށްގެން ތަމްރީން ހަދާ ނަމަ މިއަށް ވުރެ މާބޮޑަށް ވެސް ރަނގަޅުވީސް ކަމަށެވެ. އެގޮތިުން ޝިފާޒް ވެސް ދެ މިނެޓެއް ވުރެ އަވަސްކުރީ ކަމަށް އޭނާ ބުންޏެވެ. މިއަދުގެ ރޭހަށް ވެސް ޝިފާޒާއި މޯޑް އެނބުރި ލަންކާ އަށް ދާނެ އެވެ. ދެ ދުވުންތެރިން ވެސް ތައްޔާރުވަމުން އަންނަނީ އަންނަ އަހަރު ޖެނުއަރީ މަހު އޮންނަ ދުބާއީ މެރެތަނަށެވެ.

ފިރިހެނުންގެ 10 ކިލޯމީޓަރު ބައިން އެއް ވަނަ ހޯދި ޒައިދު ރޭސް ނިންމަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ފިރިހެނުންގެ 10 ކިލޯމީޓަރު ބައިން އެއް ވަނަ ހޯދި ޒައިދު ރޭސް ނިންމަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މޯޑް މިއަދު މުގުރާލަން މަސައްކަތްކުރި ދިހަ ކިލޯމީޓަރުގެ ރެކޯޑް އޮންނަނީ ފަޒީލުގެ އަތުގަ އެވެ. ރާއްޖޭގެ ކުރީގެ އެއް ވަނަ ދުވުންތެރިޔާ ނަސީރު އިސްމާއިލް 1999 ގައި މާލޭ މެރެތަންގައި 35:05 މިނެޓުން ދުވެގެން ހެދި ރެކޯޑް މި އަހަރުގެ ޑުބާއީ މެރެތަންގައި އެންމެ ފުރަތަމަ މުގުރާލީ 34:40 މިނެޓުން ދުވެގެން ޒައިދެވެ. ފަޒީލް އެ ރެކޯޑް މި އަހަރުގެ މާޗު މަހު މުގުރާލީ މޮކޮރޯގެ އުޖްޑާ އިންޓަނޭޝަނަލް ޓެން-ކޭ ރޭހުގައި 33:47 މިނެޓުން ދުވެގެންނެވެ.

މިއަދުގެ ރޭހުގައި 3000 ދުވުންތެރިން ބައިވެރިވި އެވެ. އޭގެ ތެރޭގައި ގައުމީ ފެންވަރުގެ އެތުލީޓުންނާއި ކަސްރަތަށް ދުވާ މީހުންގެ އިތުރުން އާއިލާ އާއި ރަށްޓެހިންނާ އެކު މަޖަކަށް ދުވި މީހުން ވެސް ހިމެނެ އެވެ.

ޓައިމިން ޓެކްނޮލޮޖީ ހިމަނާފައިވާ ބިބުގައި ހުރިހާ ދުވުންތެރިން ވެސް ދުވިއިރު، ޓައިމިން ވަގުތުން ބަލާލެވޭނެ އިންތިޒާމް މޯބައިލް ފޯން އެޕްލިކޭޝަން މެދުވެރިކޮށް ވަނީ ތަނަވަސްކޮށްފަ އެވެ. އަދި ރޭސް ނިމުމާ އެކު ނަތީޖާތައް ވެސް ފެންނަން ހުއްޓެވެ. ދިރާގުން ވަނީ ރޭސް ނިންމި ކޮންމެ ބައިވެރިއަކަށް މެޑަލެއް ދީފަ އެވެ.

ފަސް ކިލޯމީޓަރު (ފިރިހެން)

1 – ޝިފާޒް މުހައްމަދު (16:15 މިނެޓު)

2 – ހުސެއިން ރިޒާ (17:39 މިނެޓު)

3 – އަހުމަދު ހަސަން (17:41 މިނެޓު)

ފަސް ކިލޯމީޓަރު (އަންހެން)

1 – މަރިޔަމް އަބްދުލްކަރީމް (20:47 މިނެޓު)

2 – އައިމިމަތު ޖައިޝާ ޖުނީޒް (22:23 މިނެޓު)

3 – އައިޝަތު ސަނާ (26:40 މިނެޓު)

10 ކިލޯމީޓަރު (ފިރިހެން)

1 – ޒައިދު ޝަރީފް (34:54 މިނެޓު)

2 – އަހުމަދު ރިޒާ (35:31 މިނެޓު)

2 – މުހައްމަދު ރަޝީދު (37:07 މިނެޓު)

10 ކިލޯމީޓަރު (އަންހެން)

1 – ޖުމާޝާ މަހަމޫދު (54:53 މިނެޓު)

2 – ޔުމްނާ ޝަފީގް (55:44 މިނެޓު)

3 – ނާހިދާ މުހައްމަދު (56:10 މިނެޓު)

ފަސް ކިލޯމީޓަރު (45 އަހަރުން މަތި - ފިރިހެން)

1 – އިބްރާހިމް ނައީމް (20:03 މިނެޓު)

2- އަލީ ރިޔާޒް (21:15 މިނެޓު)

3- އަހުމަދު މުމްތާޒް މޫސާ (21:27 މިނެޓު)

ފަސް ކިލޯމީޓަރު (45 އަހަރުން މަތި - އަންހެން)

1 – ޕެޓްރީޝިއާ ޑޮރީން ގޯމޭޒް (22:30 މިނެޓު)

2- އައިޝަތު ނާދިޔާ (29:21 މިނެޓު)

3- އައިޝަތު ފަރީދާ (29:50 މިނެޓު)