ދިރާގު މޯލްޑިވްސް ރޯޑް ރޭހުގައި ރާއްޖޭގެ ފަސް ކިލޯމީޓަރު އަދި 10 ކިލޯމީޓަރު ދުވުމުގެ ރެކޯޑް މުގުރާލުމަށް އަމާޒު ހިފައިގެން ސިފައިންގޭގެ ދެ ދުވުންތެރިން ކަމަށްވާ ޝިފާޒް މުހައްމަދާއި މުހައްމަދު ރަޝީދު (މޯޑް) މާލެ އަތުވެއްޖެ އެވެ.
މި ދެ ދުވުންތެރިން މި ދުވަސްވަރު ތަމްރީން ފުރިހަމަކުރަމުން އަންނަނީ ސްރީ ލަންކާގަ އެވެ. ދިރާގު ރޭހަށް ފަހު އަނެއްކާވެސް ޝިފާޒާއި މޯޑު ލަންކާއަށް ދާނެ އެވެ.
ރާއްޖޭގެ ފަސް ކިލޯމީޓަރު އަދި 10 ކިލޯމީޓަރުގެ ރެކޯޑް ވެސް މި ވަގުތު އޮތީ މިހާރު މޮރޮކޯގައި ތަމްރީން ހަދަމުން އަންނަ ހުސެއިން ފަޒީލް ހާރޫނުގެ އަތުގަ އެވެ.
މާލޭގައި 1989 ވަނަ އަހަރު ބޭއްވި ކްލަބް ޓޯނަމަންޓުގައި ޑރ. ހުސެއިން ހަލީމް (ކުޑަހުސެން) 17 މިނެޓު 08 ސިކުންތުން ހެދި ފަސް ކިލޯމީޓަރުގެ ރެކޯޑް ފަޒީލް މުގުރާލީ މިދިޔަ ނޮވެމްބަރު މަހު ބޭއްވި ދިރާގު ރޭހުގައި 16 މިނެޓު 31 ސިކުންތުން ދުވެގެންނެވެ.
މާދަމާ އޮންނަ ރޭހުގައި މި ރެކޯޑް މުގުރާލަން މަސައްކަތްކުރަނީ ރާއްޖޭގެ މެރެތަން ރެކޯޑް ދާދި ފަހުން ދެ ފަހަރެއްގެ މަތިން އާކުރި އަދި ދިރާގު ރޭސް ވަރަށް ގިނަ ފަހަރު ކާމިޔާބުކޮށްފައިވާ ޝިފާޒެވެ.
މޯޑް މަސައްކަތްކުރާނީ 10 ކިލޯމީޓަރުގެ ރެކޯޑް މުގުރާލެވޭތޯ އެވެ.
ރާއްޖޭގެ ކުރީގެ އެއް ވަނަ ދުވުންތެރިޔާ ނަސީރު އިސްމާއިލް 1999 ގައި މާލޭ މެރެތަންގައި 35:05 މިނެޓުން ދުވެގެން ހެދި ރެކޯޑް މި އަހަރުގެ ޑުބާއީ މެރެތަންގައި އެންމެ ފުރަތަމަ މުގުރާލީ 34:40 މިނެޓުން ދުވެގެން ޒައިދު ޝަރީފެވެ. ފަޒީލް އެ ރެކޯޑް މި އަހަރުގެ މާޗު މަހު މުގުރާލީ މޮކޮރޯގެ އުޖްޑާ އިންޓަނޭޝަނަލް ޓެން-ކޭ ރޭހުގައި 33:47 މިނެޓުން ދުވެގެންނެވެ.
ޝިފާޒާއި މޯޑް މި ވަގުތު ސްރީ ލަންކާގައި ހިލް ޓްރެއިނިން ހަދަމުން އަންނަނީ އަންނަ އަހަރުގެ ޖެނުއަރީ މަހު އޮންނަ ޑުބާއީ މެރެތަނަށް ތައްޔާރުވާށެވެ. ނޭޕާލުގައި ހެދި ވަރުގަދަ ޓްރެއިނިންތަކަށް ފަހު މީގެ ދެ ހަފުތާ ކުރިން ލަންކާ އަށް ދިޔައިރު އަންނަ އަހަރުގެ ޖެނުއަރީ 15 ވަނަ ދުވަހާ ހަމައަށް ލަންކާގައި ތަމްރީން ހަދާނެ އެވެ.
"ދެ ދުވުންތެރިން ވެސް މާލެ ހިނގައްޖެ ދިރާގު ރޭހުގައި ރެކޯޑް ހަދަން ޓާގެޓްކޮށްގެން. ރޭހަށް ފަހު އެނބުރި ލަންކާ އަށް އައިސް ދުބާއީ މެރެތަންގެ ތައްޔާރީތައް ކުރިއަށްގެންދާނެ،" ދެ ދުވުންތެރިންނާ އެކު ލަންކާގައި ތަމްރީން ހަދަމުން އަންނަ ސިފައިންގޭގެ އެހެން ދުވުންތެރިއެއް ކަމަށްވާ ނަސްރުﷲ އަހުމަދު ބުންޏެވެ.