ހުޅުމާލޭގައި މާދަމާ ހަވީރު ދިރާގުން ބާއްވާ މޯލްޑިވްސް ރޯޑް ރޭހުގެ ބައިވެރިންނަށް، ޓެކްނޮލޮޖީގެ ޒަރިއްޔާއިން އާ ތަޖުރިބާތަކެއް ކުރެވޭނެ މަގު ދިރާގުން ތަނަވަސްކޮށްފި އެވެ.

ކޮންމެ ދުވުންތެރިއެއްގެ ބިބުގައި ހަރުކޮށްފައިވާ ޗިޕް މެދުވެރިކޮށް ނަގާ ޑޭޓާތައް ދުވުންތެރިއާ ހަމައަށް ދިރާގުން ގެނެސްދޭނީ ރޭހަށް ހާއްސަކޮށްގެން ތަރައްގީކޮށްފައިވާ މޯބައިލް ފޯން އެޕްލިކޭޝަނުންނެވެ. އެގޮތުން މި އެޕުގައި ދުވުންތެރިންނަށް މި ފަހަރު މުޅިން އާ ފީޗާތަކެއް ވަނީ ހިމަނައިފަ އެވެ.

އެޕުގައި ކޮންމެ ދުވުންތެރިއެއްގެ ޕްރޮފައިލެއް މި ފަހަރު ގާއިމްކޮށްފައި ހުންނާނެ އެވެ. މި ޕްރޮފައިލުން ދުވުންތެރިއާ އަށް އޭނާގެ މުހިއްމު މައުލޫމާތުތަކާއި ޑޭޓާތައް ބަލައިލެވޭނެ އެވެ.

މި ފަހަރު އަލަށް ހިމެނި ފީޗާތަކުގެ ތެރޭގައި ރިއަލް ޓައިމް ޓްރެކިން ހިމެނެ އެވެ. މާނައަކީ ދުވުންތެރިއާ އަށް އޭނާ ދުވަމުންދާއިރު ވެސް އެޕް މެދުވެރިކޮށް، އޭނާ ދުވަމުންދާ ސްޕީޑާއި ދުވަމުންދާ ރާސްތާ ބަލައިލެވުމެވެ. އަދި އޭނާގެ އާއިލާ މެމްބަރުންނާއި ގާތް މީހުންނަށް ވެސް އޭނާގެ ސްޓޭޓަސް އެޕުން ބަލައިލެވޭނެ އެވެ. މިއީ ޖީޕީއެސް ޓެކްނޮލޮޖީ ބޭނުންކޮށްގެން ގާއިމްކޮށްފައިވާ ފީޗަރެކެވެ. ލައިވް ޓްރެކިން އަކީ ބައިނަލްއަގްވާމީ ދުވުންތަކުގައި ވެސް ދުވުންތެރިންގެ ތެރޭގައި މަގުބޫލު ފީޗަރެކެވެ.

މީގެ އިތުރުން ކޮންމެ ދުވުންތެރިއަކު ވެސް ރޭސް ނިންމުމާ އެކު، އެތަނުގައި ހަރުކުރެވިފައިވާ އޮޓޮމެޓިކް ކެމެރާ ސިސްޓަމުން ފޮޓޯ ނެގި އެ ފޮޓޯ ވަގުތުން އެޕުން ފެންނަން ހުންނާނެ އެވެ.

"މިއީ ފަން އެލިމެންޓެއްގެ ގޮތުގައި އަޅުގަނޑުމެން މުޅިން އަލަށް އިތުރުކުރި ފީޗާއެއް. ކޮންމެ ދުވުންތެރިއެއްގެ ފޮޓޯ ވެސް ނެގޭނެ އޮޓޮމެޓިކުން. އަދި އެ ފޮޓޯ އެޕްލިކޭޝަނުން ވަގުތުން ބަލައިލެވޭނެ،" ދިރާގުގެ އޮފިޝަލަކު ބުންޏެވެ.

އެޕްސްޓޯރުންނާއި ގޫގަލްޕްލޭ އިން ހިލޭ ޑައުންލޯޑްކުރެވޭ މި އެޕުން ރޭހާ ގުޅޭ ގިނަ މައުލޫމާތުތައް ލިބޭނެ އެވެ. އެގޮތުން ރޭހުގެ ކައުންޓްޑައުން އާއި ރޭހުގެ ރޫޓް މެޕާއި ތައްޔާރުވާންވީ ގޮތުގެ ޓިޕްސް އަދި މޫސުމާ ބެހޭ މައުލޫމާތު ލިބެން ހުންނާނެ އެވެ.

ރާއްޖޭގައި ބާއްވާ ދުވުމުގެ އެންމެ ބޮޑު ހަރަކާތް ކަމަށްވާ ދިރާގު މޯލްޑިވްސް ރޯޑްރޭހުގައި ބައިވެރިވާން ފުރުސަތު ހުޅުވާލިތާ 72 ގަޑިއިރުގެ ތެރޭގައި، ދިރާގުން ހުޅުވާލި 3000 ޖާގަ ވަނީ ފުރިފަ އެވެ. މިއީ ރާއްޖޭގައި މިހާތަނަށް މިފަދަ އިވެންޓަކަށް އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ބޮޑު ތަރުހީބެއް ލިބުނު ފަހަރެވެ.

ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނިން ރާވާ އިންތިޒާމްކުރާ މި އިވެންޓުގައި ހިމެނެނީ ފަސް ކިލޯމީޓަރު (ހުޅުމާލެ ވަށައި އެއް ބުރު) އަދި 10 ކިލޯމީޓަރު (ހުޅުމާލެ ވަށައި ދެ ބުރު) ދުވުމުގެ ރޭހެވެ.