ޒުވާނުންގެ ދުވަސް ފާހަގަ ކުރުމަށް "ޔޫފެސްޓް"ގެ ނަމުގައި ގިނަ ކުޅިވަރުތަކާ އެކު ހުކުރު ދުވަހު ހުޅުމާލޭގައި ބާއްވާ ބޮޑު އިވެންޓަށް އިތުރު ހަރަކާތްތަކުން ގުޅިއްޖެ އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ގުޅިގެން އެ އިވެންޓް ބާއްވަނީ މަޝްހޫރު އިވެންޓް އޮގަނައިޒަރު ބްލަކް އިންނެވެ. އެ ކުންފުނިން ބުނީ ޔޫފެސްޓް އޮންނާނީ މާދަމާ ހެނދުނު 5:30 ން އެ ރޭގެ 12:00 އާ ހަމައަށް ކަމަށެވެ.

އެ ދުވަހަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުމުގެ ހަރަކާތް ކަމަށްވާ ދިރާގު މޯލްޑިވްސް ރޯޑް ރޭހާއި، ބައިކް މޯލްޑިވްސް އިން ބާއްވާ ނޭޝަނަލް ބައިކް ޗެންޕިއަންޝިޕް ވެސް އޮންނަ ދުވަހެވެ. ބްލަކް އިން ބުނީ، ތާރީހު ދިމާވުމުން މިހާރު ޔޫފެސްޓް ރޭވިގެން ދާނީ އެ އިވެންޓްތަކާއި ވެސް އެކުގައި ކަމަށެވެ.

"ޔޫފެސްޓްގެ ތެރެއިން އަޅުގަނޑުމެން މި އިވެންޓްތައް އޮންނަ ގަޑިތައް އޮންނާނީ އެ ކަންކަމަށް ހުސްކޮށްފައި. މީގެ ސަބަބުން ގިނަ ބަޔަކަށް ޔޫފެސްޓްގައި ވެސް ބައިވެރިވުމުގެ ފުރުސަތު ވެސް ފަހިވެގެން ދާނެ،" އެ ކުންފުނިން ބުނީ އެސިސްޓެންޓް މެނޭޖާ މާކެޓިން އެންޑް ޕީއާރު އަލީ ޖިނާހް މުހައްމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޔޫފެސްޓްގެ ހަރަކާތްތައް ކުރިއަށްދާނީ ހުޅުމާލޭގެ ތަފާތު ސަރަހައްދުތަކުގައި ކަމަށެވެ. އަދި ވަރަށް ގިނަ، ތަފާތު ކުޅިވަރުތައް ކުޅުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ޖިނާހު ވިދާޅުވި އެވެ.

"އިވެންޓްގެ ކޮންސެޕްޓް ރޭވިފަ ވަނީ ތީމް ޕާކެއްގެ އިހުސާސް ކުރެވޭ ގޮތަށް. އެކި ސަރަހައްދުތަކުގައި ތަފާތު ވައްތަރުތަކުގެ ކުޅިވަރުތައް ކުޅެވޭނެ. ކުޅިވަރުތަކުގައި ބައިވެރިވާން ރެޖިސްޓްރީ ކޮށްލީމަ ނިމުނީ،" އޭނާ ވިދާޅުވި އެވެ.

ޔޫފެސްޓްގަައި ކުރިއަށް ގެންދާ ހަރަކާތްތައް

- ޔޯގާ ސެޝަން

- ބައިކް ރައިޑް

- ފުޓްސެލް ޓޯނަމެންޓް

- ސްކަވެންޖާ ހަންޓް

- ކިޑްސް ވޯޓާ ފައިޓް

- ސްޓޭންޑަޕް ޕެޑްލިން ރޭސް

- ޖެޓްސްކީ ރޭސް

- މަސް ބޭނުމުގެ މުބާރާތް

- ކުޑަކުދިންގެ ހަވީރު

- ވާޗުއަލް ރިއަލިޓީ ގޭމިން

- ކެއުމުގެ މުބާރާތަކާއި، ބާބެކިއު

- އޮބްސްޓެކަލް ކޯސް

- ޑީޖޭ ސެޝަނަކާއި، މިއުޒިކް ޝޯ

ޖިނާ ވިދާޅުވީ އެ ހަރަކާތްތައް ކުރިއަށްދާ ސަރަހައްދުތަކުގައި ތަފާތު ބާވަތްތަކުގެ ކާނާ ލިބޭނެ ގޮތަށް ފުޑްކޯޓުތަކާއި، ވިޔަފާރި ކުރެވޭނެ މާކެޓްތައް ހުންނާނެ ކަމަށެވެ.

"މިއުޒިކް ޝޯގައި ރާއްޖޭގެ މަޝްހޫރު ލަވަކިއުންތެރިން ބައިވެރިވާނެ. އަދި އިންޓަނޭޝަނަލް ލަވަކިއުންތެރިން ވެސް އަންނާނެ،" އޭނާ ވިދާޅުވި އެވެ.

ޖިނާ ވިދާޅުވީ ޒުވާނުންގެ ދުވަހާ ގުޅުވައިގެން ބާއްވާ ހަރަކާތްތަކަށް ވީ ނަމަވެސް، ހުރިހާ އުމުރުފުރައަކަށް ބައިވެރިވެވޭ ހަރަކާތްތައް މި އިވެންޓްގައި ކުރިއަށް ގެންދާނެ ކަމަށެވެ. އެހެންކަމުން، ބްލަކްގެ އެދުމަކީ ވީހާވެސް ގިނަ މީހުން މި އިވެންޓްގައި ބައިވެރިވެ، އެންމެންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަ ވެގެން ދިއުމެވެ.