ރާއްޖޭގައި ބާއްވާ ދުވުމުގެ އެންމެ ބޮޑު ހަރަކާތް ކަމަށްވާ ދިރާގު މޯލްޑިވްސް ރޯޑްރޭހުގައި ބައިވެރިވާން ފުރުސަތު ހުޅުވާލިތާ 72 ގަޑިއިރުގެ ތެރޭގައި، ދިރާގުން ހުޅުވާލި 3000 ޖާގަ ފުރިއްޖެ އެވެ.
މިއީ ރާއްޖޭގައި މިހާތަނަށް މިފަދަ އިވެންޓަކަށް އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ބޮޑު ތަރުހީބެއް ލިބުނު ފަހަރެވެ. ބައިވެރިވާން ދިރާގުން ފުރުސަތު ހުޅުވާލައި ރަނގަޅަށް ހަމަޖެހިނުލެވެނީސް ޖާގަތައް މިވަނީ ފުރިފަ އެވެ.
"އަޅުގަނޑުމެން ރެޖިސްޓްރޭޝަން ހުޅުވާލިތާ ފުރަތަމަ 24 ގަޑިއިރުގެ ތެރޭގައި 1000 މީހުން ރެޖިސްޓާކުރި. މިހާރު 72 ގަޑިއިރު ހަމަވިއިރު އަޅުގަނޑުމެންގެ ކަނޑައެޅި 3000 ޖާގަ ފުރިއްޖެ. މިހިސާބުން އަޅުގަނޑުމެން ރެޖިސްޓްރޭޝަން ބަންދުކޮށްލީ. އަޅުގަނޑުމެން އަބަދުވެސް މި ހުޅުވާލަނީ 3000 ޖާގަ،" މި މަހުގެ 24 ވަނަ ދުވަހު ހަވީރު ހުޅުމާލޭގައި ބާއްވާ ރޭހާ ބެހޭގޮތުން ދިރާގުގެ އޮފިޝަލަކު ބުންޏެވެ.
ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނިން ރާވާ އިންތިޒާމްކުރާ މި އިވެންޓުގައި ހިމެނެނީ ފަސް ކިލޯމީޓަރު (ހުޅުމާލެ ވަށައި އެއް ބުރު) އަދި 10 ކިލޯމީޓަރު (ހުޅުމާލެ ވަށައި ދެ ބުރު) ދުވުމުގެ ރޭހެވެ.
ރޭހުގެ ބައިވެރިންނަށް ދޫކުރާ ބިބުގައި، އިލެކްޓްރޯނިކަލީ ޓައިމިން ބެލޭނެ ޗިޕެއް ހަރުކޮށްފައި ހުންނާނެ އެވެ. މާނައަކީ ރޭސް ނިމުމާ އެކު އޭނާ ދުވި ޓައިމިން ވަގުތުން ބަލާލެވުމެވެ.
ދިރާގުން 2007 ވަނަ އަހަރު ތައާރަފްކުރި ރޯޑް ރޭހަކީ ރާއްޖޭގައި އާއްމުންނަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަތާކެވެ. ކަސްރަތަށް ދުވާ މީހުން އިން ފެށިގެން އެންމެ މަތީ ފަންތީގެ އެތުލީޓުން ވެސް މި ރޭހުގައި ދުވެ އެވެ. ކުޑަކުދިންނާއި ޒުވާނުންނާއި އުމުރުދުވަސްވީ މީހުންނާ އެކު މުޖުތަމައުގެ ހުރިހާ ފަންތިއެއްގެ މީހުން ވެސް ދުވާ މި ރޭސް ފާހަގަކުރެވެނީ އިޖުތިމާއީ އަދި އާއިލާ ބޮޑު ހަރަކާތެއްގެ ގޮތުގަ އެވެ.
ރާއްޖޭގައި އާއްމުންގެ ތެރޭގައި ދުވުމުގެ ފޯރި އެންމެ ބޮޑަށް އާލާވި އެއް ސަބަބަކީ ވެސް ދިރާގުން ހުޅުވާލި މި ޕްލެޓްފޯމެވެ. އަދި ރާއްޖޭގައި އާއްމުންނަށް ހުޅުވާލައިގެން މިފަދަ ރޭސްތައް ބޭއްވުމުގެ ފޯރި ގަދަވީ ވެސް މި ރޭހާ އެކު އެވެ.
މި ފަހަރު ރޭހުގެ ޝިޔާރަކީ ވެސް ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމުވެ. އަދި ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ މަދަނީ އެކި ޖަމިއްޔާތަކާއި އެންޖީއޯތައް މިއިވެންޓުގައި ބައިވެރިވެ އިވެންޓުގައި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
ރޭހަށް ރަޖިސްޓްރީވާއިރު ބޭނުން ޖަމިއްޔާއަކަށް ދުވުން ހާއްސަ ކުރެވޭނެ އެވެ. އެންމެ ގިނަ ދުވުންތެރިން ހިޔާރުކުރާ ފަސް ޖަމިއްޔާއަކަށް ޖުމްލަ 200،000 ރުފިޔާ ދިރާގުން ހަދިޔާކުރާނެއެވެ. މީގެ އިތުރުންވެސް ރޭހުގައި ބައިވެރިވުމަށް ދުވުންތެރިން ގަންނަ ހާއްސަ ޓީޝާޓުން ލިބޭ ފައިސާ ވެސް ކުޑަކުދިންގެ ހައްގުގައި، ޖަމިއްޔާތަކަށް ހަދިޔާކުރުމަށް ވަނީ ނިންމާފައެވެ.