ގިނަ އަދަދެއްގެ ޓޫރިސްޓުންނާ އެކު ދަތުރުކުރަމުންދިޔަ ލޯންޗެއް ދިޔަވެ އަޑިއަށް ހިނގައްޖެ އެވެ.
އެނގިފައިވާ ގޮތުގައި، ޓޫރިސްޓުން ގޮވައިގެން ދަތުރުކުރަމުންދިޔަ އެ ލޯންޗު ދިޔަވީ ގިރިފުށި ކައިރިންނެވެ.
އާންމުވެފައިވާ ވީޑިއޯގައިވާ ގޮތުން ލޯންޗު ވަރަށް ބޮޑަށް ދިޔަވަމުން ދިޔައިރު، ކައިރީގައި އޮތް އެހެން ދޯންޏެއްގެ ކައިރިއަށް ގާތްކުރެ އެވެ. އަދި އޭގައި ތިބި މީހުން އެ ދޯންޏަށް އަރުވާތަން ވީޑިއޯ އިން ފެނެ އެވެ.
ވީޑިއޯގައިވާ ގޮތުން ހާދިސާ ހިނގިއިރު އޭގައި އަންހެނުންނާއި ކުޑަކުދިން ވެސް ތިއްބެވެ.
އެ އެންމެން އަނެއް ދޯންޏަށް އެރުވިޔާ މާގިނައިރުތަކެއް ނުވެ ލޯންޗު އެއްކޮށް އަޑިއަށްދާ މަންޒަރު ވެސް ވީޑިއޯގައި ފެނެ އެވެ.
އެ ހާދިސާއާ ގުޅިގެން އެއްވެސް އިދާރާއެއްގެ ބަހެއް އަދި ނުލިބެ އެވެ.
އެ ހާދިސާ ހިނގިއިރު މިވަގުތު އޮތީ ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ވެސް ނެރެފަ އެވެ. ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް ވައިޓް އެލާޓް ނެރެފައި ވަނީ ބޯކޮށް ވާރޭވެހުމާ އެކު ގުގުރާނެ ކަމަށް ލަފާކޮށެެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް މެޓުން ލަފާކޮށްފައިވެ އެވެ.