ޕެނަލްޓީ ޖަހައިގެން ޓީނޭޖް ބޯއިސް 7-6 އިން ބަލިކޮށް ބްލެކްޒީނޯ އިން ހއ. ދިއްދޫ އެއްލައްކަ ކަޕް ފުޓްބޯޅަ މުބާރާތުގެ ތަށި މިލްކުކޮށްފި އެވެ.

އެ ދާއިރާގެ މެމްބަރު އަބްދުއްލަތީފް އަހުމަދު (ލަތީ) ބާއްވަވާ މި މުބާރާތް މިހާތަނަށް ބޭއްވި ފަސް ފަހަރުގެ ތެރެއިން ހަތަރު ފަހަރު ތަށި ހޯދީ ބްލެކްޒީނޯ އިންނެވެ. ޓީނޭޖުން އެއް ފަހަރު ތަށި ހޯދި އެވެ.

ބްލެކްޒީނޯ އިން ތަށި ހޯދިއިރު އެންމެ މުހިއްމު ދައުރެއް އަދާކުރީ ރާއްޖޭން ސާފް ސުޒުކީ ކަޕް މި އަހަރު ކާމިޔާބުކުރިއިރު ގައުމީ ޓީމަށް ކުޅުނު މުހައްމަދު އާރިފް (ބަކާ) އާއި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އަދި މުހައްމަދު އިރުފާން އެވެ.

މުބާރާތުގެ ދެ ވަނަ ހޯދި ޓީނޭޖުގެ ކެޕްޓަނަށް ކުޅިވަރާ ބެހޭ ވަޒީރު މަހުލޫފު (ކ) އަދި ފުޓްބޯޅަ ކުޅުންތެރިޔާ ދަގަނޑޭ ފައިސާގެ އިނާމު ހަވާލުކުރަނީ. އަހުމަދު ނިޝާތު/މިހާރު
މުބާރާތުގެ ދެ ވަނަ ހޯދި ޓީނޭޖުގެ ކެޕްޓަނަށް ކުޅިވަރާ ބެހޭ ވަޒީރު މަހުލޫފު (ކ) އަދި ފުޓްބޯޅަ ކުޅުންތެރިޔާ ދަގަނޑޭ ފައިސާގެ އިނާމު ހަވާލުކުރަނީ. އަހުމަދު ނިޝާތު/މިހާރު

އިއްޔެ ހަވީރު ކުޅުނު ފައިނަލް މެޗުގައި ޓީނޭޖުން ފުރަތަމަ ދެ ލަނޑުގެ ލީޑެއް ނެގި އެވެ. އެކަމަކު ބްލެކްޒީނޯ އިން ފަހަތުން އަރައި އެއްވަރުކޮށް ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 2-2 އިން އެއްވަރުވެފަ އެވެ.

ޕެނަލްޓީގައި 5-4 އިން ޓީނޭޖް ކުރި ހޯދީ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އެ ޓީމުގެ ގޯލްކީޕަރު އިބްރާހިމް ހަމީދު މަތަކުރި ދެ ޕެނަލްޓީއާ އެކު އެވެ.

މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ޓީސީ ސްޕޯޓްސް ކްލަބަށް ކުޅޭ، ބްލެކްޒީނޯގެ ފޭދޫ އިއްބެ އެވެ. އެއް ވަނަ މިޑްފީލްޑަރަކީ އެ ޓީމުގެ ބަކާ އެވެ. އެންމެ މޮޅު ފޯވާޑުގެ މަގާމާއި ޓޮޕްސްކޯރާގެ އެވޯޑް ހޯދީ، 15 ލަނޑު ޖެހި ޓީނޭޖުގެ ހުސެއިން ޒިމްޔާން އެވެ. އެންމެ މޮޅު ގޯލްކީޕަރަކަށް ޓީނޭޖުގެ މުހައްމަދު ޝިފާން ހޮވުނުއިރު އެއް ވަނަ ޑިފެންޑަރަކީ އެ ޓީމުގެ އަހުމަދު މުއާޒެވެ.

އިއްޔެ ހަވީރު ކުޅުނު ފައިނަލް މެޗުގެ ތެރެއިން. ---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު
އިއްޔެ ހަވީރު ކުޅުނު ފައިނަލް މެޗުގެ ތެރެއިން. ---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

މުބާރާތުގެ ޗެމްޕިއަން ޓީމަށް ވާދައިގެ ތަށި ދެއްވީ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުފޫލެވެ. ފައިނަލް މެޗު ބެލުމަށް، ލަތީގެ ދައުވަތަކަށް ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) އާއި މިޑްފީލްޑަރު މުހައްމަދު އުމެއިރު އެ ރަށަށްދިޔަ އެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް އެއް ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ދޭތީ މި މުބާރާތް ވެފައިވަނީ ރާއްޖޭގެ އެންމެ އަގުބޮޑު އެއް މުބާރާތާށެވެ. މި އަހަރުގެ މުބާރާތާ އެކު، ދާއިރާގެ މެމްބަރުގެ މަގާމަށް 2014 ވަނަ އަހަރު އިންތިހާބުވެވަޑައިގެން ދައުރުގެ ކޮންމެ އަހަރަކު މުބާރާތެއް ބާއްވަން ލަތީފް ވެވަޑައިގެންނެވި ވައުދު މިވަނީ ފުއްދަވައިފަ އެވެ. އެކަން ފާހަގަކުރަން އަންނަ އަހަރު ވަރަށް ހާއްސަ މުބާރާތެއް ބާއްވާނެ ކަމަށް ލަތީފް ވިދާޅުވި އެވެ.

މީގެ އިތުރުން އަންނަ އަހަރު ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ދެ ކްލަބަކަށް ދައުވަތު ދީގެން ދިއްދޫ އަށް ގެންގޮސް މެޗުތަކެއް ކުޅެން ވަނީ ރާއްވަވައިފަ އެވެ. ލަތީފްގެ ދައުވަތަށް 2015 ވަނަ އަހަރު މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަނުން ދިއްދޫ އަށާއި އެ އަތޮޅު ބައެއް ރަށަށް ޓުއާއެއް ބޭއްވި އެވެ.