ރައްޔިތުންގެ މަޖިލީހުގެ ހއ. ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު އެ ރަށުގައި ކުރިއަށްގެންދާ އަގުބޮޑު ފުޓުބޯޅަ މުބާރާތް "އެއް ލައްކަ ކަޕް" ގެ ފަސް ވަނަ މުބާރާތުގެ ފުރަތަމަ މެޗުގައި އައްސޭރި އެފްސީ އާއި ދިއްދޫ ޔަންގްސްޓާސް ބައްދަލުކުރާ ގޮތަށް ޖެހިއްޖެ އެވެ.
ޓީވީއެމްގައި މިރޭ އޮތް ގުރުއަތުލުމުގެ ރަސްމިއްޔާތުގައި މުބާރާތުގައި ބައިވެރިވި ޓީމުތަކުގެ އިތުރުން ދިއްދޫ ޒުވާނުން ބައިވެރިވި އެވެ. އަދި މުނިފޫހިފިލުވުމުގެ ހަރަކާތްތަކާ އެކު ރަސްމިއްޔާތު ކުރިއަށް ދިޔައިރު، ގުރު ނަގައިދިނީ 19 އަހަރުން ދަށުގެ އަންހެން ގައުމީ ޓީމުގެ ކުޅުންތެރިންނެވެ.
އަންނަ ޑިސެމްބަރު މަހު 1-15 އަށް ދިއްދޫ ފުޓްބޯޅަ ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި މި ފަހަރު ހަތް ޓީމަކުން ވާދަކުރެ އެވެ. އެއީ އައްސޭރި އާއި ޔަންގްސްޓާސްގެ އިތުރުން ބްލެކްޒީނޯ، ނާޑް ސްޕޯޓްސް ކްލަބް، ދިއްދޫ ހީވެސްނުވޭ ސްޕޯޓްސް ކްލަބް، ދިއްދޫ ރިއަލް ޓީ ސްޕޯޓްސް ކްލަބް އަދި ދިއްދޫ ޓީނޭޖް ބޯއީސް އެވެ.
މިރޭގެ ގުރުއަތުލުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ލަތީފް ވަނީ މި މުބާރާތް ކާމިޔާބުކަމާ އެކު ކުރިއަށް ގެންދިއުމަށް ދިއްދޫ ރައްޔިތުންނާއި ހާއްސަކޮށް ޒުވާނުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށްފަ އެވެ. އަދި ކުރިއަށް އޮތްތަނުގައި އެއް ލައްކަ ކަޕަށް ވުރެ އަގުބޮޑު އަދި އިތުރަށް ފުރިހަމަ މުބާރާތްތައް ރޭވިގެންދާނެ ކަމަށް ވިދާޅުވި އެވެ.
މިދިޔަ ދެ އަހަރުގެ ޗެމްޕިއަން ބްލެކްޒީނޯ މި ފަހަރު ނުކުންނާނީ ތަށި މިލްކުކުރާށެވެ. އެކަން ވިޔަނުދިމުމަށްޓަކައި އެހެން ބައެއް ޓީމުތަކުން އަންނަނީ ޓީމު ވަރުގަދަކުރަމުންނެވެ. ރަށުން ބޭރު ތިން ކުޅުންތެރިން ކޮންމެ ޓީމެއްގައި ޖެހޭއިރު މި ފަހަރު ވެސް ފުރަތަމަ ޑިވިޝަނުގެ ބައެއް ކުޅުންތެރިންނާއި ބިދޭސީ ކުޅުންތެރިން ވެސް ފެންނާނެ އެވެ.
މުބާރާތް ކުރިއަށް ދާނީ ހުރިހާ ޓީމެއްގެ މެދުގައި ލީގު ބުރެއް ކުޅުމަށް ފަހު ގަދަ ތިން ޓީމު ސެމީ ފައިނަލަށްދާ ގޮތަށެވެ. ފުރަތަމަ ސެމީގައި ލީގު ބުރުގެ އެއް ވަނަ އާއި ދެ ވަނަ ކުޅެގެން މޮޅުވާ ޓީމެއް ދާނީ ފައިނަަލަށެވެ. ބަލިވާ ޓީމެއް ޖެހޭނީ ތިން ވަނަ ސެމީގައި ލީގު ބުރުގެ ތިން ވަނަ ޓީމާ ދެކޮޅަށް ކުޅޭށެވެ. ފައިނަލުގެ ފަހު ޖާގަ ލިބޭނީ ތިން ވަނަ ސެމީން މޮޅުވާ ޓީމަކަށެވެ.
ހއ. އަތޮޅުގައި ބާއްވާ އެންމެ ފޯރިގަދަ އަދި އެންމެ އަގު ބޮޑު އެއް މުބާރާތުގެ މެޗުތައް ބެލުމަށް ކައިރި ރަށްރަށުން ވެސް ދިއްދޫ އަށް މީހުން ދެ އެވެ. ލަތީފް ވިދާޅުވީ މި މުބާރާތް އެންމެ ބޮޑަށް ފާހަގަކުރެވެނީ ވަރަށް އަމާން، އޮމާން ކަމާ އެކު އެއްވެސް މައްސަލައެއް ނެތި ކުރިއަށްދާ މުބާރާތެއްގެ ގޮތުގައި ކަމަށާއި ކުރިއަށްދާނީ ވެސް އެގޮތުގައި ކަމަށެވެ.
ރަށްރަށުގައި ބާއްވާ އެހެން ގިނަ މުބާރާތްތަކާ ހިލާފަށް މި މުބާރާތުގައި ބައިވެރިވާ ޓީމުތަކުން ޗަންދާއެއް ދައްކާކަށް ނުޖެހޭނެ އެވެ. އަދި މުބާރާތް އިންތިޒާމް ކުރާ ފަރާތުން ކޮންމެ ޓީމަކަށް ޖާޒީ ބައެއް ދޭނެ އެވެ.
މީގެ އިތުރުން އަންނަ އަހަރު ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ދެ ކްލަބަކަށް ދައުވަތު ދީގެން ދިއްދޫ އަށް ގެންގޮސް މެޗުތަކެއް ކުޅެން ވަނީ ރާއްވަވައިފަ އެވެ. ލަތީފްގެ ދައުވަތަށް 2015 ވަނަ އަހަރު މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަނުން ދިއްދޫ އަށާއި އެ އަތޮޅު ބައެއް ރަށަށް ދަތުރެއް ކުރި އެވެ.
ލަތީފަކީ 80ގެ އަހަރުތަކުން ފެށިގެން ހއ. ދިއްދޫ ފުޓްބޯޅަ ޓީމު ހިންގައި އެ ރަށުގައި ޒުވާނުންނާ ގުޅޭ ހަރަކާތްތަކާއި އިޖްތިމާއީ ކަންކަން ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތެކެވެ. އެގޮތުން ދިއްދޫ ޓީމަށް ރާއްޖޭގެ މަޝްހޫރު ގިނަ ކުޅުންތެރިން ގެންގޮސް ލަތީ ވަނީ ކުޅުވައިފަ އެވެ. ރައްޔިތުންގެ މަޖިލީހަށް 2014 ވަނަ އަހަރު އިންތިހާބުވެ، ލަތީފް އަންނަނީ ދިއްދޫގައި އެއްލައްކަ ރުފިޔާގެ އަގު ބޮޑު ގުރުއާން މުބާރާތެއް ވެސް ބާއްވަމުންނެވެ.