ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު އެއް ފުޓްބޯޅަ މުބާރާތް ކަމަށްވާ ހއ. ދިއްދޫ އެއްލައްކަ ކަޕުގެ ފައިނަލުގައި އެޗްއެން ސްޕޯޓްސް ކްލަބް އަތުން ތަފާތު ބޮޑު ނަތީޖާއަކުން، 6-1 އިން މޮޅުވެ ބްލެކް ޒީނޯ އިން މުބާރާތުގެ ޗެމްޕިއަންކަން ތިން ވަނަ ފަހަރަށް ހޯދައިފި އެވެ.
މި މުބާރާތް ހަތަރު ފަހަރު ބާއްވާފައިވާއިރު އެ ޓީމު އަތުން ތަށި ގެއްލުނީ 2015 ވަނަ އަހަރު އެކަންޏެވެ. ރާއްޖޭގެ އެންމެ ހުނަރުވެރި އެއް މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ވެސް ކުޅުނު ބްލެކް ޒީނޯ އިން މިއަދުގެ މެޗު ފަސޭހަކަމާ އެކު ކާމިޔާބުކުރި އިރު ފުރަތަމަ ހާފުގައި ހަތަރު ލަނޑު ޖެހި އެވެ.
މި މެޗުގައި ބްލެކް ޒީނޯގެ ފަތުހުﷲ ޖަމީލް ހެޓްރިކެއް ހެދި އެވެ. އަނެއް ތިން ގޯލުގެ ތެރެއިން މުހައްމަދު ނައުޝާދް ދެ ލަނޑު ޖެހި އެވެ. އަނެއް ގޯލް ޖެހީ އިބްރާހިމް ޝާހިދެވެ. އެންއެޗް ސްޕޯޓްސް ކްލަބުގެ ހަމައެކަނި ގޯލް ދެ ވަނަ ހާފުގައި ޖެހީ ނޫމާން އިސްމާއިލެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދީ ބްލެކް ޒީނޯގެ ފަތުހުﷲ އެވެ. އޭނާ ވަނީ 13 ލަނޑު ޖަހައިފަ އެވެ. އެއް ވަނަ ފޯވާޑަކީ އައްސޭރި އެފްސީގެ އާދަމް ނަސީމެވެ. އެންމެ މޮޅު ޑިފެންސް ކުޅުންތެރިޔަކަށް ބްލެކް ޒީނޯގެ އަސްރާރް އަބްދުﷲ ހޮވުނުއިރު އެއް ވަނަ މިޑްފީލްޑަރަކީ ބަކާ އެވެ. އެންމެ މޮޅު ގޯލްކީޕަރަކީ އައްސޭރި އެފްސީގެ މުހައްމަދު މުއާޒެވެ. އެންމެ އުއްމީދީ ކުޅުންތެރިޔަކަށް ހޮވުނީ އެޗްއެން ސްޕޯޓްސްގެ އަހުމަދު ރަޝީދެވެ. ފެއާޕްލޭ ޓީމަކަށް ރިއަލްޓީ ސްޕޯޓްސް ކްލަބް ހޮވުނުއިރު އެންމެ މޮޅު ފެއާޕްލޭ ކުޅުންތެރިޔަކީ ހުސެއިން ޝިފާހެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް އިނާމް ދެއްވީ ޝަރަފްވެރި މެހެމާން ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒެވެ. ނިންމުމުގެ ރަސްމިއްޔާތުގައި މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާއި އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް އަދި މަޝްހޫރު ފުޓްބޯޅަ ކޯޗު އަލީ ސުޒޭން ބައިވެރިވި އެވެ.
ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރިޔާޒް ވިދާޅުވީ ދިއްދޫން ފެންނަނީ ހުރިހާ ރައްޔިތުން ގުޅިގެން ފޯރިއާ އެކު އެކުވެރިކަމާ އެކު ރަށުގެ ކުރިއެރުމަށް މަސައްކަތްކުރާ މަންޒަރު ކަމަށެވެ. އަދި ރަށު ތެރެއިން، އިޖްތިމާއީ ކަންކަމާ ނުގުޅޭ މަންޒަރު ނުފެންނަކަން ވެސް ކުރީގެ ޕޮލިސް ކޮމިޝަނަރު ފާހަގަކުރެއްވި އެވެ.
"ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަ އަދި މާރާމާރީގެ މައްސަލަ ވެސް ބޮޑެތި ރަށްރަށާ އަޅާބަލާއިރު މި ރަށުގައި މަދު،" ރިޔާޒް ވިދާޅުވި އެވެ.
މި މުބާރާތަކީ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު (ފުނަމާ ލަތީ) އިންތިޒާމްކުރައްވާ މުބާރާތެކެވެ. ޗެމްޕިއަން ޓީމަށް 100،000ރ. ދޭ މި މުބާރާތުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒުގައި ރަޖިސްޓްރީކޮށްފައިވާ ހއ. ދިއްދޫގެ ކްލަބް ޖަމިއްޔާތަކަށެވެ.
ލަތީފަކީ 80ގެ އަހަރުތަކުން ފެށިގެން ހއ. ދިއްދޫ ފުޓްބޯޅަ ޓީމު ހިންގައި އެ ރަށުގައި ޒުވާނުންނާ ގުޅޭ ހަރަކާތްތަކާއި އިޖްތިމާއީ ކަންކަން ރޭއްވެވުމުގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ފަރާތެކެވެ. އެގޮތުން ދިއްދު އަށް ރާއްޖޭގެ މަޝްހޫރު ގިނަ ކުޅުންތެރިން ގެންގޮސް ލަތީފް ވަނީ ކުޅުވައިފަ އެވެ. އޭގެ ތެރެއިން އެއް ފަހަރު މާޒިޔާ ސްޕޯޓްސް ކްލަބް އެ ރަށަށް ގެންދިޔަ އެވެ.
ރައްޔިތުންގެ މަޖިލީހަށް 2014 ވަނަ އަހަރު އިންތިހާބުވެ، ލަތީފް ވަނީ ދިއްދޫގައި ޗެމްޕިއަން ޓީމަށް 100،000ރ. ލިބޭ ފުޓްބޯޅަ މުބާރާތުގެ އިތުރުން ގުރުއާން މުބާރާތެއް ވެސް ބާއްވަވައިފަ އެވެ.