ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު އެއް ފުޓްބޯޅަ މުބާރާތް ކަމަށްވާ ހއ. ދިއްދޫ އެއްލައްކަ ކަޕް ފުޓްބޯޅަ މުބާރާތް އަންނަ ހަފްތާގައި ފަށާއިރު، މުބާރާތް ހުޅުވައިދޭ މެޗުގައި ބައްދަލުކުރާނީ ބާރަލާ ސްޕޯޓްސް ކްލަބާއި އެޗް. އެން ސްޕޯޓްސް ކްލަބެވެ.
ޖުމްލަ ހަތް ޓީމު ވާދަކުރާ މި މުބާރާތް ކުރިއަށްދާނީ އަންނަ މަހު 3-16 އަށެވެ. ފުރަަތަަަމަ މެޗުގައި ބައްދަލުކުރާ ދެ ޓީމުގެ އިތުރުން ދެން މި މުބާރާތުގައި ކުޅޭ އަނެއް ފަސް ޓީމަކީ އެންމެ ފަހުގެ ޗެމްޕިއަން ބްލެކްޒީނޯ، ރިއަލް ޓީ ސްޕޯޓްސް، ޓީނޭޖް ބޯއީސް ސްޕޯޓްސް ކްލަބް، އައްސޭރި އެފްސީ އަދި ނާޑް ސްޕޯޓްސް އެވެ.
މުބާރާތް ކުރިއަށްދާނީ ލީގު އުސޫލުން އެއް ބުރު ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ތިން ޓީމު ސެމީ ފައިނަލަށް ހޮވޭ ގޮތަށެވެ. ފުރަތަމަ ސެމީގައި ބައްދަލުކުރާނީ އެއް ވަނަ ޓީމާއި ދެ ވަނަ ޓީމެވެ. މޮޅުވާ ޓީމެއް ފައިނަލަށް ދަތުރުކުރާއިރު ބަލިވާ ޓީމަކަށް ޖެހޭނީ ލީގު ބުރުގެ ތިން ވަނަ ޓީމާ ކުޅޭށެވެ. ފައިނަލުގެ ފަހު ޖާގަ ލިބޭނީ އެ މެޗުން މޮޅުވާ ޓީމަކަށެވެ.
ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު (ފުނަމާ ލަތީ) ބާއްވާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ވަނީ 100،000ރ. ހުށަހަޅައިފަ އެވެ. ޑިސެމްބަރު 3 އިން 16 އަށް ދިއްދޫގައި ބާއްވާ މި މުބާރާތުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒުގައި ރަޖިސްޓްރީކޮށްފައިވާ ހއ. ދިއްދޫގެ ކްލަބް ޖަމިއްޔާތަކަށެވެ. މި ގޮތުން މި ފަހަރުގެ މުބާރާތުގައި ވެސް ބައިވެރިވާ ކޮންމެ ޓީމެއްގެ ލިސްޓުގައި ރަށުން ބޭރު ތިން ކުޅުންތެރިން ޖެހުމުގެ ފުރުސަތު ވަނީ ދީފަ އެވެ.
ލަތީފަކީ 80ގެ އަހަރުތަކުން ފެށިގެން ހއ. ދިއްދޫ ފުޓްބޯޅަ ޓީމު ހިންގައި އެ ރަށުގައި ޒުވާނުންނާ ގުޅޭ ހަރަކާތްތަކާއި އިޖްތިމާއީ ކަންކަން ރޭއްވެވުމުގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ފަރާތެކެވެ. އެގޮތުން ދިއްދު އަށް ރާއްޖޭގެ މަޝްހޫރު ގިނަ ކުޅުންތެރިން ގެންގޮސް ލަތީފް ވަނީ ކުޅުވައިފަ އެވެ. އޭގެ ތެރެއިން އެއް ފަހަރު މާޒިޔާ ސްޕޯޓްސް ކްލަބް އެ ރަށަށް ގެންދިޔަ އެވެެ.
ރައްޔިތުންގެ މަޖިލީހަށް 2014 ވަނަ އަހަރު އިންތިހާބުވެ، ލަތީފް ވަނީ ދިއްދޫގައި ޗެމްޕިއަން ޓީމަށް 100،000ރ. ލިބޭ ފުޓްބޯޅަ މުބާރާތުގެ އިތުރުން ގުރުއާން މުބާރާތެއް ވެސް ބާއްވަވައިފަ އެވެ.