ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު އެއް ފުޓްބޯޅަ މުބާރާތް ކަމަށްވާ ހއ. ދިއްދޫ އެއްލައްކަ ކަޕުގެ މި އަހަރުގެ މުބާރާތް ޑިސެމްބަރު މަހު ބާއްވަން ތާވަލްކޮށްފި އެވެ.
ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު (ފުނަމާ ލަތީ) ބާއްވާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ވަނީ 100،000ރ. ހުށަހަޅައިފަ އެވެ. ޑިސެމްބަރު 3 އިން 16 އަށް ދިއްދޫގައި ބާއްވާ މި މުބާރާތުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒުގައި ރަޖިސްޓްރީކޮށްފައިވާ ހއ. ދިއްދޫގެ ކްލަބް ޖަމިއްޔާތަކަށެވެ. އެ ޓީމުތަކަށް ރަށުން ބޭރުގެ ކުޅުންތެރިން ޖެހުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ.
މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލުގައި ޓީނޭޖް ބޯއީސް ސްޕޯޓްސް ކްލަބް މޮޅުވާން ދަނިކޮށް ފަހު ވަގުތު 3-3 އިން އެއްވަރުކޮށް، ޕެނަލްޓީ ޖަހައިގެން ޗެމްޕިއަންކަން ހޯދީ ބްލެކްޒީނޯ އެވެ.
ލަތީފަކީ 80ގެ އަހަރުތަކުން ފެށިގެން ހއ. ދިއްދޫ ފުޓްބޯޅަ ޓީމު ހިންގައި އެ ރަށުގައި ޒުވާނުންނާ ގުޅޭ ހަރަކާތްތަކާއި އިޖްތިމާއީ ކަންކަން ރޭއްވެވުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތެކެވެ. އެގޮތުން ދިއްދޫ ޓީމަށް ރާއްޖޭގެ މަޝްހޫރު ގިނަ ކުޅުންތެރިން ގެންގޮސް ލަތީ ވަނީ ކުޅުވައިފަ އެވެ.
ރައްޔިތުންގެ މަޖިލީހަށް 2014 ވަނަ އަހަރު އިންތިހާބުވެ، ލަތީ އަންނަނީ ދިއްދޫގައި ޗެމްޕިއަން ޓީމަށް 100،000ރ. ލިބޭ ފުޓްބޯޅަ މުބާރާތުގެ އިތުރުން ގުރުއާން މުބާރާތެއް އިންތިޒާމްކުރައްވަމުންނެވެ. އަދި އެ ރަށަށް މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަން ގެންގޮސް ފުޓްބޯޅައިގެ ބޮޑު ހަރަކާތްތެއް އިންތިޒާމްކުރެއްވި އެވެ.