އެއާޕޯޓާއި ރެއިލްވޭ ސްޓޭޝަންތަކުން އެކި ތަންތަނަށް ފުރާ ފަސިންޖަރުންގެ އޮންނަ އެއް ބިރަކީ ދަބަސް ވަގަށް ނެގުމެވެ. އެހެންވެ ޗައިނާ އަންހެނަކު އަތްދަބަހާ އެކު އެކްސްރޭ މެޝިނަށް ވަނުމުން އެކަން ވަނީ ވަރަށް މަޖާ ކަމަކަށް ވެފަ އެވެ.

ޗައިނާގެ ދެކުނުގައި އޮންނަ ޑޮންގުން ރެއިލްވޭ ސްޓޭޝަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެކްސް-ރޭ މޮނިޓާގެ ތެރެއިން މީހެއްގެ ހިޔަނި ފެނުމުން ލިބުނީ ވަރަށް ބޮޑު ޝޮކެކެވެ. އެއީ މެޝިން ތެރެއަށް ވަދެގެން އުޅޭ މީހެއްކަން އެމީހުންނަށް ވިސްނުނީ ފަހުންނެވެ.

މި މަންޒަރު ފެންނަ ވީޑިއޯއެއް އޮންލައިންގައި މިހާރު ދަނީ ދައުރުވަމުންނެވެ. މި ހާދިސާ ހިނގާފައިވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ. އެއީ ޗައިނީސް އާ އަހަރާ ދިމާކޮށް އެ ގައުމުގައި ދަތުރުފަތުރުގެ ކާރޫބާރޫ ވަރަށް ބޮޑުވެފައި އޮތް ދުވަހެކެވެ.

އެކްސް-ރޭ އިމޭޖުން ފެންނަ ގޮތުގައި ލަގޭޖްތަކުގެ ފަހަތުން އަންހެންމީހާ ހަތަރެއްފައި ޖަހައިގެން އެކްސްރޭ މެޝިން ތެރެއިން ދާއިރު އޭނާ އޮންނަނީ އަރައިގެން ހުރި ހައިހީލްސްއާ ވެސް އެކުގަ އެވެ.

އަތްދަބަސް ގެއްލިދާނެތީ އަންހެން މީހާ އެހާ ބޮޑަށް އުޅުނީ ކީއްވެގެން ކަމެއް ޔަގީނެއް ނޫނެވެ. ޗައިނާގެ މީޑިއާތަކުން ބުނެފައިވަނީ އެ ގައުމުގެ ބައެއް މީހުން ގިނަ އަދަދެއްގެ ފައިސާ އަތްދަބަހުގައި ގެންގުޅޭ ކަމަށާއި މި އަންހެންމީހާ ވެސް އަތްދަބަސް ދޫކޮށްލަން ބޭނުން ނުވީ އެހެންވެގެން ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މި ވީޑީއޯއިން ފެންނަ ގޮތުގައި މި އަންހެންމީހާ އެންމެ ފުރަތަމަ އޭނާގެ ދަބަސް ކޮންވޭޔާ ބެލްޓަށް ލާފައި ކުޑަކުޑަ އަތްދަބަހެއް ހިފައިގެން ސެކިއުރިޓީ ސްކޭނާ ހުރަސް ކުރަން ދެ އެވެ. ނަމަވެސް އަތްދަބަސް ބާއްވާފައި އައުމަށް ސެކިއުރިޓީ މީހާ އަންހެންމީހާ ގާތު ބުނެ އެވެ. ނަމަވެސް ދަބަސް ދޫކޮށްލަން ބޭނުން ނުވާތީ ދަބަހާ އެކު އެ މީހާ އެކްސްރޭ މެޝިން ތެރެއަށް އެރުނީ ކަމަށް ބެލެވެ އެވެ.

އެ މީހާ އެކްސްރޭ މެޝިނުން ލާފައި ގޮސް އަނެއް ފަރާތަށް ނުކުތްއިރު އެ ތަނުގައި ތިބި ސެކިއުރިޓީން ވެސް ހައިރާންވެ އަދި ވަރަށް ހެވިފައި ތިއްބެވެ.

މި ހާދިސާއަށް ފަހު އެ ރެއިލް ސްޓޭޝަނުގައި ތިބި މުވައްޒަފުން ވަނީ ފަސިންޖަރުންނަށް އެކްސް-ރޭ މެޝިނަށް ނުވަނުމަށް އިރުޝާދު ދީފަ އެވެ. ސަބަބަކީ ސްކޭނާ ތެރޭގައި އިންސާނުންނަށް ގެއްލުންލިބޭ ވަރަށް ރޭޑިއޭޝަން ހުންނާނެތީ އެވެ.