އިންގްލެންޑުގައި އާއިލާއާ އެކު ޗުއްޓީ ހޭދަކޮށްލަން ގޮސް އުޅުނު ކުއްޖަކު، ބަންދު ކޮޓަރިއެއްގައި ހުރެގެން ޑިއޮޑްރަންޓް ސްޕްރޭ ޖެހުމުން ނޭވާލާން ދަތިވެ މަރުވެއްޖެ އެވެ.

ސާފުތާހިރު ކަމަށް ވަރަށް ބޮޑަށް އިސްކަން ދޭ ޕެއިގޭ ޑޯޓްރީ، 12، މަރުވި ކަމަށް ބެލެވެނީ ފަތަން އުޅުމަށް ފަހު ފެން ވަރައިގެން ސްޕްރޭ ޖަހަނިކޮށެވެ. އޭނާ ސްޕްރޭ ޖަހަން ހުރީ ދަތުރު ގޮސް އުޅުނުއިރު ބޭނުންކުރި ކެރަވަންގެ ކުޑަ ކޮޓަރިއެއްގަ އެވެ.

ޕެއިގޭ ވެއްޓިފައި އޮއްވާ ފެނުނީ އޭނާގެ މަންމަ އޭން އަށެވެ. އޭރު ޕެއިގޭ އޮތީ ބޯވަތަށް ވާ ގޮތަށެވެ. އޭނާ ބޭނުންކުރި ރައިޓް ގާޑް ޑިއޮޑްރަންޓް ފުޅި ވެސް ބިންމައްޗަށް ވެއްޓިފައި އޮތެވެ. ވަގުތުން ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް ދެ ގަޑިއިރުގެ ތެރޭގައި އެ ކުއްޖާ ވަނީ މަރުވެފަ އެވެ.

ޕެއިގޭ ބެއްލެވި ޑޮކްޓަރުން ވިދާޅުވާ ގޮތުގައި އޭނާގެ ނޭވާ ލުމުގެ ނިޒާމުގެ ތެރެއިން ލާފައި ބިއުޓޭން އާއި އައިސޯބިއުޓޭން ހަށިގަނޑަށް އެތެރެވެފައިވާ ކަމަށް ބެލެވެ އެވެ. މިއީ ޑިއޮޑްރަންޓް ސްޕްރޭގައި ހުންނަ މާއްދާ ތަކެކެވެ.

ޕެއިގާ ގެ އާއިލާ ޗުއްޓީ ހޭދަކުރަމުންދިޔަ ކެރަވަން
ޕެއިގާ ގެ އާއިލާ ޗުއްޓީ ހޭދަކުރަމުންދިޔަ ކެރަވަން

ޕެއިގޭގެ މަންމަ ކޯޓުގައި ބުނެފައިވާ ގޮތުގައި ކޮޓަރީގައި ހުރެގެން ގަޔަށް ޑިއޮޑްރަންޓް ސްޕްރޭ ކުރުމަކީ ޕެއިގޭ ވަރަށް ގިނައިންކުރާ ކަމެކެވެ. އެގޮތަށް ނަހަދަން ނަސޭހަތް ދޭ ކަމަށް ވެސް ޕެއިގޭގެ މަންމަ ބުންޏެވެ.