ސްރީ ލަންކާގައި މިހާރު ކޮންމެ ދުވަހަކު ޑެންގީ ހުމުގެ 600-700 ކޭސް ރިޕޯޓްކުރަމުންދާ ކަމަށާއި މި އަހަރުގެ ޑެންގީ ޖެހުނު މީހުންގެ އަދަދު ބައި ލައްކައަށް ވުރެ މައްޗަށް ގޮސްފައިވާ ކަމަށް ނެޝަނަލް ޑެންގީ ކޮންޓްރޯލް ޔުނިޓުން ބުނެފި އެވެ. 

ޑެންގީ ކޮންޓްރޯލް ޔުނިޓުން ބުނީ ލަންކާގައި މިހާރު ޑެންގީ ވަނީ އާންމު ބައްޔަކަށް ވެފައި ކަމަށާއި މި އަހަރުގެ މިހާތަނަށް އެ ބަލީގައި 29 މީހަކު މަރުވެފައިވާ ކަމަށެވެ. 

ނޭޝަނަލް ޑެންގީ ކޮންޓްރޯލް ޔުނިޓުގެ އެކްޓިން ޑިރެކްޓަރު ކަޕިލާ ކަންނަންގަރާއާ ހަވާލާދީ 'ޑެއިލީ މިރާ' ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ސްރީ ލަންކާގައި ކޮންމެ ދުވަހަކުވެސް އަލަށް 600 އާއި 700 އާ ދެމެދުގެ އަދަދަކަށް ޑެންގީ ކޭސްތައް ރިޕޯޓްކުރެ އެވެ.

މިގޮތަށް ކޭސްތައް އިތުރުވަމުންދަނީ ބަލި ފެތުރުމަށް މަގުފަހިވާ މޫސުމީ ހާލަތްތަކުގެ ސަބަބުންނާއި، މަދިރި އާލާވާ ތަންތަން ގިނަވުމުގެ އިތުރުން، ބަލިން ރައްކާތެރިވުމަށް ކުރެވޭ މަސައްކަތްތަކުގައި އާންމުންގެ އެއްބާރުލުން އެދެވޭ ގޮތެއްގައި ނުލިބޭތީ ކަމަށް އޭނާ ވިދާޅުވި އެވެ.

ހުޅަނގު މޫސުމުގެ ދުވަސްވަރު ޑެންގީ ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށް ފާހަގަކުރެވުނު، ހައި-ރިސްކް  600 ސަރަހައްދެއްގައި ސިއްހީ އޮފިޝަލުން ވަނީ ޑެންގީ ކޮންޓްރޯލް ކުރުމުގެ ހާއްސަ ހަރަކާތްތަކެއް ވެސް ފަށައިފަ އެވެ. 

މި ހަރަކާތްތަކުގައި ސްކޫލްތަކާއި، ފަންނީ އިދާރާތަކާއި އަދި ސަރުކާރުގެ އެކި މުއައްސަސާތައް ބައިވެރިކޮށްގެން ވަނީ ސާފުކުރުމުގެ ޕްރޮގްރާމްތަކާއި އާންމުން ހޭލުންތެރިކުރުމުގެ ހަރަކާތްތައް ހިންގައިފަ އެވެ. އަދި މަދިރި އާލާވާ ތަންތަން ނައްތާލުމުގެ މަސައްކަތް ކުރި އެވެ.

މުޅި ގައުމުގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގެ ތެރޭގައި، މަދިރި އާލާވާ އެތައް ހާސް ތަނެއް ވަނީ ފާހަގަކުރެވިފަ އެވެ.

ކަންނަންގަރާ ވިދާޅުވި ގޮތުގައި، މިހާރު ވަރުގަދަކޮށްފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ސަބަބުން ކުރިއަށް އޮތް ހަފުތާތަކުގައި ބަލިޖެހޭ މީހުންގެ އަދަދު މަދުވާނެ ކަމަށް އިދާރާތަކުން ލަފާކުރެ އެވެ. ނަމަވެސް އާންމުން ފަރުދީ ގޮތުން އަދާކުރަންޖެހޭ ޒިންމާ އެކަށީގެންވާ ގޮތުގައި އަދާނުކުރާ ކަމަށް ކަންނަންގަރާ ވިދާޅުވި އެވެ. 

މި ފަހުން ލަންކާގައި ދަނީ ކޮންމެ އަހަރަކު ވެސް ޑެންގީގެ ކޭސްތައް އިތުރުވަމުންނެވެ. އޭގެ ތެރެއިން އެންމެ ނުރައްކާތެރި ބަލިމަޑުކަމެއް ރެކޯޑު ކުރެވުނީ 2017 ވަނަ އަހަރު އެވެ. އެ އަހަރު 186،000 އަށްވުރެ ގިނަ ކޭސް ރެކޯޑު ކުރެވުނުއިރު، 440 އަށްވުރެ ގިނަ މީހުން ވަނީ އެ ބަލީގައި މަރުވެފަ އެވެ.