މެދުތެރޭ އެފްރިކާގައި މިފަހުން ފެތުރެން ފެށި އެބޯލާގެ ނުރައްކާތެރިކަން ހަގީގަތުގައި ވެސް ބިރުވެރިކަމަށް، ސިއްހީ ދާއިރާގެ ދިރާސާތައް ހަދަމުން އަންނަ ޖަމާއަތެއްގެ ވެރިޔަކު ވިދާޅުވެއްޖެ އެވެ.
ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި ފެތުރެމުންދާ އެބޯލާގައި މިހާތަނަށް 1،400 މީހަކު ވަނީ މަރުވެފަ އެވެ.
ވެލްކަމް ޓްރަސްޓްގެ ޑިރެކްޓަރު ޑރ. ޖެރަމީ ފާރާ ވިދާޅުވީ އެބޯލާގެ ބަލިމަޑުކަން ހުއްޓިދާނެކަމުގެ އަލާމާތެއް އަދި ނުފެންނަ ކަމަށެވެ.
ކޮންގޯއާ އިންވެގެން އޮތް ޔޫގެންޑާގައި އެބޯލާ ޖެހިގެން ފަސް އަހަރުގެ ކުއްޖަކު ވަނީ މަރުވެފަ އެވެ. މިއީ އެ ގައުމުން އެ ބަލީގައި މަރުވި ފުރަތަމަ ކުއްޖާ އެވެ.
ޔޫގެންޑާ ސަރުކާރުން ބުނާ ގޮތުގައި އިތުރު ހަތް މީހަކަށް އެބޯލާ ޖެހިފައިވާ ކަމަށް ޝައްކުރެވެ އެވެ.
ޑރ. ފާރާ ވިދާޅުވީ މިހާރު އެބޯލާ ފެތުރޭ މިންވަރަކީ ބޮޑު ހިތާމައެއް ނަމަވެސް އެގޮތަށް އެކަން ދިމާވުމަކީ ހައިރާންވާން ޖެހޭ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން އިތުރު މީހުންނަށް އެބޯލާ ޖެހިދާނެކަމުގެ އިންޒާރު އޭނާ ދެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މީހުން ސަލާމަތްކުރުމަށްޓަކައި ގައުމީ ފެންވަރުގަ އާއި ބައިނަލްއަގުވާމީ ފެންވަރުގައި ވަރުގަދަ މަސައްކަތެއް ކުރަން ޖެހެ އެވެ.
"ކޮންގޯއަށް އެކަންޏެއް ނޫން މިކަމާ ކުރިމަތިލާން ޖެހޭނީ،" ޑރ. ފާރާ ވިދާޅުވި އެވެ.
މިދިއަ އޮގަސްޓް މަހު ކޮންގޯގައި ފެތުރެން ފެށި އެބޯލާގައި މިހާތަނަށް ގާތްގަނޑަކަށް 1،400 މީހުން މަރުވި އިރު އެއީ ބަލިޖެހުނު މީހުންގެ 70 ޕަސެންޓެވެ.
މިއީ ތާރީޚުގައި ވެސް އެންމެ ބޮޑަށް ބަލި ފެތުރޭ ދެ ވަނަ ފަހަރެވެ. މީގެ ކުރިން އަށް މަހަށް ވުރެ ގިނަ ދުވަހަށް އެބޯލާ ބަލި ފެތުރުނީ 16-2013 ގައި އެފްރިކާގެ ހުޅަނގު ސަރަހައްދުގަ އެވެ. އެފަހަރު 11،310 މީހުން މަރުވި އެވެ.
އެބޯލާ ކޮންޓްރޯލްކުރުމުގެ މަސައްކަތަށް ތަފާތު ހުރަސްތައް ވެސް ދަނީ އެޅެމުންނެވެ. އެގޮތުން އެ ހިސާބުގެ ހަނގުރާމަވެރިންގެ އިތުރުން ބޭރުގެ ސިއްހީ އެހީތެރިކަމާ މެދު އާންމުންގެ މެދުގައި އޮންނަ ޝައްކާއި ވަހުމަކީ ވެސް ހުރަހެކެވެ.
ކޮންގޯގައި ސިއްހީ ހިދުމަތް ފޯރުކޮށްދޭ 200 އަށް ވުރެ ގިނަ ތަނަށް މި އަހަރުގެ މިހާތަނަށް ވަނީ ހަމަލާދީފަ އެވެ. އޭގެ ސަބަބުން ފަރުވާ އާއި ވެކްސިން ދިނުން ހުއްޓެ އެވެ. ފެބްރުއަރީ މަހު ދިން ހަމަލާތަކާ ގުޅިގެން ބައިނަލްއަގުވާމީ އެއް ޖަމާއަތުން ވަނީ، އެންމެ ބޮޑަށް ބަލި ފެތުރެން ފެށި ދެ ސިޓީ ކަމަށް ވާ ބުޓެމްބޯ އާއި ކަޓްވާގައި މަސައްކަތް ހުއްޓާ ވެސް ލައިފަ އެވެ.
ޑަބްލިޔޫއެޗުއޯގެ އޮފިޝަލުން ބުނާ ގޮތުގައި ޔޫގެންޑާގައި އެބޯލާ ޖެހިގެން މަރުވި ކުއްޖާ ވަނީ މިދިއަ އާދިއްތަދުވަހު އާއިލާއާ އެކު ކޮންގޯއަށް ޒިޔާރަތްކޮށްފަ އެވެ.
ޔޫގެންޑާ އިން މިހާރު ވަނީ ގިނަ މީހުން އެއްވެ އުޅުމާއި ވަގުތީ ބާޒާރުތައް ބޭއްވުން މަނާކޮށްފަ އެވެ. ބައެއް ދުވަސް ދުވަހު އޮންނަ ވަގުތީ ބާޒާރުތަކުން ވިޔަފާރިކުރަން ގާތްގަނޑަކަށް 20،000 މީހުން އެއްވެ އެވެ.