ބްރެޒެވިލް (ފެބްރުއަރީ 16) - ޚަރަދު ބޮޑުވާތީ ކަމަށް ބުނެ އެއްބަސްވެފައިވާ ގޮތަށް ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި މި އަހަރު ރިޔާސީ އިންތިޚާބު ބޭއްވެން ނެތް ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެފި އެވެ.
ބަޖެޓް މިނިސްޓަރު ޕިއާރޭ ކަންގުޑިއާ ވިދާޅުވީ އިންތިޚާބު ބާއްވަން 1.8 ބިލިއަން ޑޮލަރު ޚަރަދުވާ ކަމަށާއި އެ ވަރު ހޭދަ ކުރެވެން ނެތް ކަމަށެވެ.
ކޮންގޯ ސަރުކާރާއި އިދިކޮޅު ފަރާތްތަކުން މިދިޔަ އަހަރު ވަނީ މި އަހަރު ފަހުކޮޅު ރިޔާސީ އިންތިޚާބު ބާއްވަން އެއްބަސްވެފަ އެވެ. ރައީސް ޖޯސެފް ކަބީލާގެ ރިޔާސީ ދައުރު ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހަމަވެފަ އެވެ. ކަބީލާގެ ވާދަވެރިން ބުނަމުން ދަނީ ރިޔާސީ އިންތިޚާބު ފަސްކުރަނީ ވެރިކަމުގައި ދެމިހުންނަން ކަމަށެވެ.
މި އަހަރު ފަހުކޮޅު އިންތިޚާބު ބާއްވަން އެއްބަސްވުމަކަށް އާދެވުމުން އިދިކޮޅު ފަރާތްތަކުން ވަނީ ހިމޭންވެފަ އެވެ. އިންތިޚާބު ލަސްކުރާތީ ހިންގި ހަމަނުޖެހުންތަކުގައި މިދިޔަ އަހަރު ވަނީ 50 މީހުން މަރުވެފަ އެވެ. ކޮންގޯގެ އިލެކްޝަން ކޮމިޝަނުން ބުނެފައި ވަނީ ވޯޓު ދޭނެ ކަމަށް ބެލެވޭ 30 މިލިއަން މީހުން ރަޖިސްޓްރީކޮށް ނިންމަން މި އަހަރުގެ ޖުލައި މަހާ ހަމައަށް ވަގުތު ބޭނުންވާނެ ކަމަށެވެ.
މީގެ 55 އަހަރު ކުރިން ކޮންގޯ އަށް މިނިވަންކަން ލިބުނު ފަހުން އެ ގައުމުގައި އޮމާންކަމާ އެކު ވެރިކަން ބަދަލުވެފައެއް ނުވެ އެވެ.
ކޮންގޯގެ ވެރިކަމާ ކަބީލާ 2001 ވަނަ އަހަރު ހަވާލުވީ އޭނާގެ ބައްޕަ ލޯރެންޓް ކަބީލާ އަވަހާރަވުމާ ގުޅިގެންނެވެ. އޭނާ ވަނީ ދެ ދައުރުވެރިކަން ކުރައްވައިފަ އެވެ. ތިން ވަނަ ދައުރެއްގައި ކަބީލާ ވާދަކުރަން ކޮންގޯގެ ގާނޫނު އަސާސީ ހުއްދައެއް ނުކުރެ އެވެ.