އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް އަވަހާރަވެއްޖެކަމަށް، މެއި މަހު ފޮނުވި ބްރޯޑްކާސްޓެއްގައި އޮޅުމަކުން އިއުލާނުކުރުމާ ގުޅިގެން އެ ގައުމުގެ ކޮމިއުނިޓީ ރޭޑިއޯ ސްޓޭޝަނެއްގެ މައްސަލަ ބަލައިފި އެވެ. 

ކުރިން ޕައިރޭޓް ރޭޑިއޯއެއް ނުވަތަ ލައިސަންސް ނެތި ބްރޯޑްކާސްޓްކުރި އަދި މިހާރު އާންމުކޮށް ރޮކް މިއުޒިކް ފޮނުވާ "ރޭޑިއޯ ކެރޮލައިން" އިން ވަނީ ރަސްގެފާނު އަވަހާރަވެއްޖެ ކަމަށް ބުނެ މެސެޖުތަކެއް ފޮނުވުނު މައްސަލައިގައި ކުރިން މާފަށް ވެސް އެދިފަ އެވެ. 

އޭގެ ތެރެއިން އެއް މެސެޖުގައި، "އިއްޒަތްތެރި ރަސްގެފާނު ޗާލްސް [ތިން ވަނަ] އަވަހާރަވުމާ ގުޅިގެން، އިހުތިރާމް އަދާކުރުމުގެ ގޮތުން، ވަކި ގޮތެއް ކަނޑައަޅަންދެން އަޅުގަނޑުމެންގެ އާންމު ޕްރޮގްރާމްތައް މެދުކަނޑާލީ" ކަމަށް ވެސް ބުނެފަ އެވެ. އޭގެ ފަހުން އިނގިރޭސިވިލާތުގެ ގައުމީ ސަލާމް ފޮނުވުމަށްފަހު، އާންމު ޕްރޮގްރާމްތައް އަލުން ފެށުމުގެ ކުރިން ގާތްގަނޑަކަށް 16 މިނެޓުގެ ސުކޫތެއް ގެނެސްފައިވެ އެވެ.

މީޑިއާ ވޮޗްޑޯގް 'އޮފްކޮމް' އިން ބުނި ގޮތުގައި، މި މެސެޖުތައް ފުރަތަމަ ފޮނުވުނުތާ 30 މިނެޓު ފަހުން ޕްރެޒެންޓަރު އޮންއެއާގައި މާފަށް އެދުނު ކަމަށެވެ. މި ބްރޯޑްކާސްޓާ ގުޅިގެން ދެ ޝަކުވާއެއް ލިބިފައިވާކަން ފާހަގަކޮށް ރެގިއުލޭޓަރުން ބުނީ، "މިވަރުގެ ބޮޑު ކުށް މައުލޫމާތެއް ފޮނުވީތީ" އަދި "ގޯހެއް ހެދިއްޖެކަން ގަބޫލުކޮށް މާފަށް އެދެން މާ ގިނަ ވަގުތު" ހޭދަވުމުގެ ސަބަބުން ދެ ގަވާއިދަކާ ހިލާފުވެފައިވާ ކަމަށެވެ. އޭގެ ތެރެއިން އެއް ގަވާއިދަކީ ނިއުސް ރިޕޯޓްތަކަކީ ތެދު އަދި ވަކިފަރާތަކަށް ނުޖެހޭ ރިޕޯޓްތަކަކަށް ވުމެވެ. އަނެއް ގަވާއިދަކީ ހެދޭ ބޮޑެތި ކުށްތައް އޮންއެއާގައި ވަގުތުން ގަބޫލުކޮށް އިސްލާހުކުރުމެވެ.

ރޭޑިއޯ ކެރޮލައިންއިން އޮފްކޮމްއަށް ބުނި ގޮތުގައި، މި މައްސަލަ ދިމާވީ ރަސްގެފާނު އަވަހާރަވެއްޖެ ހާލަތެއްގައި ބޭނުންކުރުމަށް ކުރިން ރެކޯޑުކޮށްފައިވާ ފައިލްތަކަކަށް، ސްޓޫޑިއޯ ކޮމްޕިއުޓަރުގެ މެއިންޓަނަންސް މަސައްކަތެއް ކުރަމުންދަނިކޮށް މުވައްޒަފަކަށް ވަދެވުމުންނެވެ. އެ ވަގުތު ޕްރޮގްރާމް ފޮނުވަމުންދިޔައީ ރިމޯޓްކޮށް، ސްޓޫޑިއޯއިން ބޭރުގައި ތިބެގެންނެވެ.

އެ މުވައްޒަފު، އެއީ ކޮން ފައިލްތަކެއްތޯ ބަލަން ބޭނުންވެ ހުޅުވުމާ އެކު، ރިމޯޓްކޮށް ޕްރެޒެންޓަރު ފޮނުވަމުންދިޔަ ސްޓްރީމް މެދުކެނޑި، އެ ފައިލްތައް އޮންއެއާއަށް ދިޔައީ އެވެ.

އޮފްކޮމްގެ ބަޔާނުގައިވާ ގޮތުން، ވީގޮތް އެނގުމުން އެ މުވައްޒަފު "ބިރުން އެ ތަން ދޫކޮށް ދިޔައީ" އެވެ.

ރޭޑިއޯ ކެރޮލައިންއިން ބުނީ، ރިމޯޓްކޮށް ހުރި ޕްރެޒެންޓަރަށް، އިންޓަނެޓް މޮނިޓަރެއް މެދުވެރިކޮށް އައުޓްޕުޓް ބަލަމުން ނުދާ ނަމަ، އޭނާ 'އޮފްއެއާ' ވެއްޖެކަން ނޭނގޭނެ ކަމަށެވެ. ޕްރެޒެންޓަރު އަދިވެސް އޮންއެއާގައި ހުރިކަމަށް ހީކޮށް، ފޯނަށް ސަމާލުކަން ނުދީ ހުރީ ކަމަށާއި، މައްސަލަ ފާހަގަކުރެވުނު ސްޓޭޝަނުގެ އެހެން މީހުން ފޯނަށް ގުޅުމުން ވެސް ޖަވާބު ނުދެވުނީ އަދި ކަމެއް ގޯސްވެއްޖެކަން ވެސް ނޭނގުނީ އެހެންވެ ކަމަށް ބުންޏެވެ. 

 ސްޓޭޝަނުން ބުނީ އެ ފައިލްތައް ހޭވި މީހާއަށް "ނަސޭހަތްދީ" އަދި އޭނާ "މާފަށް އެދިފައިވާ" ކަމަށެވެ. އަދި ކުރިން ރެކޯޑުކޮށްފައިވާ އެ ފައިލްތައް މިހާރު ސްޓޫޑިއޯ ކޮމްޕިއުޓަރުން ނަގާފައިވާ ކަމަށް ވެސް އެތަނުން ބުންޏެވެ.